ޔޫރޯ 2016

ފަހު ވަގުތު ރަޝިޔާ ޖެހި ލަނޑުން އިނގިރޭސީން މާޔޫސްވެއްޖެ

ފްރާންސްގައި މިހާރު ކުރިޔަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިނގިރޭސީން މޮޅަށް ކުޅެ މޮޅުވާން ދަނިކޮށް ފަހު ވަގުތު ރަޝިއާއިން ކާމިޔާބު ކުރި ލަނޑުން 1-1އިން މެޗް އެއްވަރު ވެއްޖެ އެވެ.

ހުރިހާ ގޮތަކުން ވެސް އިނގިރޭސީން މޮޅަށް ކުޅުނު ފުރުސަތު ތަނަވަސް ކުރި މެޗުގައި އިނގިރޭސީން ލީޑު ނެގީ ހިލޭ ޖެހުމަކުން ޒުވާން މިޑްފީލްޑަރު އެރިކް ޑަޔާ އެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ހާފުގައި އަށް ފުރުސަތެއް ހޯދައި އިނގިރޭސީންނަށް ގޯލެއް ނުޖެހި ދިއުމަށްފަހު އެވެ.

މެޗު މޮޅުވާނެ ކަމަށް ނިންމައިގެން ތިބި އިނގިރޭސީންގެ އުންމީދު ފުނޑުފުނޑުކޮށްލީ މެޗްގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ރަޝިއާގެ ކެޕްޓަން ބެރެޒުޓްސްކީ ކާމިޔާބު ކުރި ލަނޑުންނެވެ. އޭނާ ބޮލުން ޖެހި ބޯޅަ ގޯލުގެ ތެރެއަށް އޮއްސުނުއިރު އިނގިރޭސި ކުޅުންތެރިން ތިބީ ހުއްޓިފަ އެވެ.

މެޗްގައި އިންގެލްނޑުގެ ގިނަ ހަމަލާތަކެއް އުފެއްދިއިރު އެ ހަމަލާތަކުގެ ހުރަހަކަށްވީ ރަޝިއާގެ ކީޕަރު އަކިން ފީވްއެވެ. ރަޝިއާގެ ސީއެސްކޭ މޮސްކޮގެ ކެޕްޓަންކަން ވެސް ކުރަމުންދާ ކީޕަރު ވަނީ މެޗްގައި ނުރައްކާތެރި އެތައް ސޭވްތަކެއްކޮށްފަ އެވެ.

މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގުރޫޕް "ސީ" ގައި ތުރުކީއާއި ކޮރޭޝިއާއެވެ. މިމެޗް އޮންނާނީ ރާއްޖެގަޑިން މާދަމާ ހަވީރު 6:00 ގައެވެ.