އެމްޑީޕީ

ދިގު މުއްދަތަކަށް ހުކުމްތައް ކުރަނީ ބޭއިންސާފުން: އެމްޑީޕީ

ދިގު މުއްދަތަކަށް ހުކުމްތައް ކުރަމުން ގެންދަނީ ބޭއިންސާފުން ކަމަށާއި ތަހުގީގަކާއި ޝަރީއަތްތައް ރަނގަޅު ވާނީ "ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްގެން" ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރެފި އެވެ.

އެމްޑީޕީއިން މިހެން ބުނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި އޭނާގެ ދެ ބޮޑީގާޑުންނަށް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން އާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗައް ކުރި ހުކުމްތަކަށް ފާޑުވިދާޅުވެ އެވެ.

އެ ބަޔާނުގައި އެމްޑީޕީއިން ބުނެފައި ވަނީ ޝަރީއަތެއް ކުރަނީ ފަނޑިޔާރެއް ނުވަތަ ކުރީގެ ޕީޖީއެއް ވިޔަސް އަދި ގައުމުގެ ނައިބު ރައީސްއަކަށް ވިޔަސް، އެ ތަހުގީގެއްގައި އަދި ޝަރީއަތެއްގައި އިންސާފުވެރިކަމުގެ ސިފައެއް ނުފެންނާނެކަން އެންމެ ފަހުން ނިންމި މައްސަލަތަކުން އެނގޭ ކަމަށެވެ. އެގޮތުން މެޖިސްޓްރޭޓް ނިހާނާއި ޕީޖީ މުހުތާޒު މައްޗަށް، ރައީސް ހައްޔަރުކުރައްވަން ގާނޫނާ ހިލާފަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުއްވިކަމަށް ބުނާ މައްސަލާގައި އެދެ ބޭފުޅުން 17 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އިންސާފުވެރި ޝަރީޢަތެއްގައި ހުންނަންޖެހޭ އަސާސްތަކާއި މިންގަނޑުތަކުން ބޭރުން ކަމަށެވެ.

"ސައްހަކަން ނެތް ކޯޓު އަމުރުތައް އާންމުކޮށް ނެރެގެން އާންމުނާއި ސިޔާސީ ކަންކަމުގައި ބައިވެރިވާ ފަރާތްތައް ހައްޔަރުކުރަމުންދާއިރު، އަދި އެއިން އެއްވެސް ފަހަރަކު ފަނޑިޔާރު ހައްޔަރުކުރުމެއް ނޯންނައިރު، އެއާ ހިލާފަށް ރައީސް ޔާމިން ހައްރުކުރުމަށް އަމުރެއް ނެރުނުކަމުގެ ތުހުމަތެއް ކޮށްފިނަމަ، އެ ފަނޑިޔާރަކު ވެސް 'ސައްހަނޫން' ކަމަށް ކަނޑައަޅައި ޖަލަށްލާލުމަކީ ހަމަހަމަކަމާއި އިންސާފުނެތްކަމާއި ރައީސް ޖިނާއީ އަދުލުގެ ނިޒާމަށާއި ކޯޓުތަކަށް ނުފޫޒުފޯރުއްވާފައިވާކަން ހާމަވާ އެއްކަން،" އެ ބަޔާނުގައި ބުނެފައި ވެއެވެ.