އަހުމަދު ފަޔާޒް (ޕާޕާ)

ޕާޕާ، ޒަމީރު އަދި ތިހާމް މައްސަލާގައި ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމައިފި

ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި ދައުވާކޮށްފައިވާ މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ ދެ މީހުން ކަމަށްވާ، މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ ދިފާއީ ހެކިންގެ ހެކި ބަސް ނުނަގަން ނިންމައިފި އެވެ. ދިފާއީ ހެކިންގެ ހެކި ބަސް ނުނަގަން ނިންމީ، އެގޮތަށް ދައުވާ ލިބޭ ފަރާތްތަކުން އެދުމުންނެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ދިފާއީ ހެކިން މިއަދު ކޯޓަށް ވެސް ހާޒިރުކޮށްފައިވެ އެވެ. ދައުވާލިބޭ ފަރާތްތަކުން ހުށަހެޅި ދިފާއީ ހެކިންގެ ތެރެއިން މިއަދު ހެކި ބަސް ނަގަން ނިންމީ، ޕާޕާ ހުށަހެޅި ދެ ހެއްކެއްގެ ހެކި ބަހާއި ޒަމީރު ހުށަހެޅި ހަތަރު ހެއްކެއްގެ ހެކިބަހާއި ތިހާމް ހުށަހެޅި ދެ ހެއްކެއްގެ ހެކި ބަހެވެ.

ހެކި ބަސް ނެގުމަށް ތައްޔާރުވުމުން ދައުވާ ލިބޭ ތިން ފަރާތުގެ ވަކީލުން ވެސް ވަނީ އެ ހެކިންގެ ހެކި ބަސް ނަގަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އެމީހުންގެ ހެކި ބަސް ނަގަން ބޭނުންނުވާ ކަމަށް ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ވިދާޅުވީ، ދައުލަތުން ހުށަޙެޅި ހެކިންގެ ހެކި ބަހުން އެ ފަރާތްތަށް ހާޒިރުކޮށް ސާބިތުކުރަން ބޭނުންވި ކަންކަން ސާބިތުވެފައިވާތީ ކަމަށެވެ. މީގެކުރިން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ވަނީ ނަގާފަ އެވެ.

މި މައްސަލާގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. އެކަމަށް އަންނަ އަންގާރަ ދުވަހުގެ 13:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒުގެ މައްޗަށް މި މައްސަލާގައި އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ވެސް އުފުލާފައިވަނީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ އެވެ.