ހަބަރު

ކާޑިއޮލޮޖިސްޓުންނަށް ފުރުސަތު ނެތް ކަމަށް ފެތުރި ހަބަރު ދޮގުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ކާޑިއޮލޮޖިސްޓުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ނެތް ކަމަށް ދޭހަވާ ގޮތަށް ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ހަބަރު އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެހޮސްޕިޓަލުންގެ ޑޮކްޓަރުންގެ މަގާމުތަކަށް މީހުން ހަމަޖައްސަނީ އެމަގާމުތަކަށް މީހުން ހަމަޖެއްސުމަށް ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑާއި އެއްގޮތަށް ކަމަށެވެ. އެއޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް ޝަރުތުތައް ކަނޑައަޅާފައިވަނީ މޯލްޑިވްސް މެޑީކަލް ކައުންސިލުން ގަބޫލުކުރާ ސަނަދުތަކަކާއި އަމަލީ ތަޖުރިބާއަށް ބަލައިގެން ކަމަށެވެ. އެގޮތުން ކޮންމެ ޑޮކްޓަރަކުވެސް ހާސިލްކޮށްފައިވާ ސަނަދާއި މަސައްކަތުގެ އަމަލީ ތަޖުރިބާއަށް ބަލައި މޯލްޑިވްސް މެޑިކަލް ކައުންސިލުން މިން ކުރާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނުގެ ޑޮކްޓަރުންގެ އޮނިގަނޑުގެ ތެރެއިން ހަމަޖެހެން އޮންނަ މަގާމަށް އެ ހޮސްޕިޓަލުން ޑޮކްޓަރުން ހަމަޖައްސާނެ ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.

މިހާރުވެސް އެ ފުރުސަތުތައް އެއްވެސް ތަފާތު ކުރުމެއްނެތި ދިވެހި ޑޮކްޓަރުންނަށް އޮންނާނެ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.