- ވިޒިޓް މޯލްޑިވްސް އިޔާ ފާހަގަކުރާ ގޮތާމެދު ފާޑު ކިއުން
- މި އަހަރު މާ ބޮޑެތި ހާއްސަ ކަންތައްތަކެއް ނެތް
- އެމްއެމްޕީއާރުސީން ބުނަނީ ކަންތައްތަކެއް ރާވާފައިވާ ކަމަށް
މިދިޔަ އަހަރު ފާހަގަ ކުރި މިނިވަން 50 ގެ މުނާސަބަތާ އެކު މިއަހަރު ފާހަގަ މި ކުރަނީ، ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު ނޫނީ، "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގަ އެވެ. ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ބަދަލެެއް ގެނައުމެވެ. ހެސްކިޔާފައި ބައިވަރު ޓޫރިސްޓުން ރާއްޖެ އަށް ގެނެސް އިގްތިސާދަށް އާ ދިރުމެއް ގެނައުމެވެ. ނަމަވެސް މި އަހަރުގެ "ވިޒިޓް މޯލްޑިވްސް އިޔާ" މި ފެންނަނީ އަދި ވަރަށް ވައި ކޮށެވެ. ވިޒިޓް މޯލްޑިވްސް އިޔާ ފާހަގަ ކުރަން މި ކުރަނީ ކޮން ކަމެއް ހެޔެވެ؟ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަންގެ އަޑުތައް ވަރަށް ވެސް ކުލަފަނޑެވެ.
"ނޭނގެ ކުރާ ކަމެއް. ތަފާތެއް އެއް ގޮތަކަށް ވެސް ނުފެނޭ. ފެއާގައި ބައިވެރިވުން. ފެއާތަކަށް ގޮސް ފޮޓޯ ނެގުން. ވިޒިޓް މޯލްޑިވްސް އިޔާއޭ ކިޔާފައި މި ތަނަށް ޓޫރިސްޓުން އަންނަން އަދި ހާއްސަ ކަމެއް ނުފެނޭ،" ޓޫރިޒަމް ކުންފުންޏެއް ހިންގާ އިސްވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ހިޔާލުފާޅުކުރި އެވެ.
ރާއްޖެއަށް ޒިޔާރަތް ކުރާ އަހަރު ފާހަގަ ކުރަން މިހާތަނަށް ހިންގީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ހާއްސަ ހަރަކާތްތަކަކީ ކޮބައި ހެއްޔެވެ؟ މި އަހަރު އައިޓީބީ ފެއާގެ ހޮސްޓް ކަންޓްރީގެ ގޮތުގައި އެ ފެއާ، ރާއްޖެއާ އެކު ފެށީ ބީބީސީގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަމުންނެވެ. މި އަހަރު އެންމެ ހާއްސަ ކަމެއްގެ ގޮތުގައި އަދި މި ފެނުނީ ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުރިއަށް ދިޔަ އައިޓީބީ ފެއާ އެވެ. އައިޓީބީ ފެއާ ހޮސްޓް ކުރާ ގައުމުގެ ގޮތުގައި އެ ފެއާގައި ގިނަ ހަރަކާތްތަކެއް ރާއްޖެ އިން ހިންގައި ބޮޑު ސަމާލުކަމެއް ރާއްޖެ ހޯދި އެވެ. ދެން ފެނުނީ ގައްބެގެ ދަތުރެވެ.
ގައްބެ، ރާއްޖެ ވަށައި ކަޓަމަރާންއެއްގައި ބުރު ޖަހަން ފެށިތަނެވެ. އަމިއްލަ ކުންފުންޏަކުން އިންތިޒާމުކުރި މި ދަތުރަކީ "ވިޒިޓް މޯލްޑިވްސް" އިޔާގެ ބައެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރި އެވެ. މިއީ ވެސް ޓޫރިޒަމް މިނިސްޓްރީ އަށް "ލެއްގި" ހަރަކާތެކެވެ. އަމިއްލަ ކުންފުންޏަކުން މިކަން އިންތިޒާމުކުރާއިރަށް އެ ހަރަކާތް ވެސް އިވެންޓް ކަލަންޑަރަށް ވަނީ އެވެ. އެކަން ވެސް ވެގެން ދިޔައީ "ޒިވިޓް މޯލްޑިވްސް" އިޔާގެ ބައެއްގެ ގޮތުގަ އެވެ. އަދި މި ހަރަކާތް ނިމިގެން ދިޔަ ދުވަހަކީ އައިޓީބީ ފެއާ ހުޅުވި ދުވަހެވެ. އެ ފެއާގައިވެސް މީގެ އެއްވެސް ވާހަކައެއް ނެތެވެ. ދެން ފެނުނީ ފަސް ލައްކަ ވަނަ ޓޫރިސްޓުން ރާއްޖެއަށް އައުން ފާހަގަ ކުރިތަނެވެ.
ރާއްޖެ އިޝްތިހާރު ކުރުމުގެ ޒިންމާ ހަވާލު ވެގެން މަސައްކަތް ކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނަނީ މި އަހަރަށް ގިނަ ކަންތަކެއް ރޭވިފައިވާ ކަމަށެވެ. މިގޮތުން ސްކޫލް ކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތަކާއި ތިމާވެށީގެ ގޮތުން ކުދިން ހޭލުންތެރި ކުރުވުން އަދި ސެޕްޓެމްބަރު މަހު ރާއްޖޭގައި ސާފިން މުބާރާތެއް ބޭއްވުން ހިމެނޭ ކަމަށެވެ
އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދަމް (މޯޑު) ވިދާޅުވީ ވިޒިޓް މޯލްޑިވްސް އިޔާއަށް ހާއްސަކޮށްގެން ބާއްވާ ސާފިން މުބާރާތަކީ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށެވެ. ކަންތައްތަކެއް ކުރާ ކަމަށް އެމްއެމްޕީއާރުސީ އިން ގަބޫލު ކުރެ އެވެ.
"އަޅުގަނޑުމެން [އެމްއެމްޕީއާރުސީ] އިން އިންތިޒާމުކުރާ މުބާރާތެއް މިއީ،" މޯޑު ވިދާޅުވި އެވެ.
ނަމަވެސް، ވިޒިޓް މޯލްޑިވްސް އިޔާގައި އެކަށީގެންވާ ކަމެއް ނުކުރާ ކަމަށްބުނެ، ޓޫރިޒަމް އިންޑަސްޓްރީގެ ފާޑުކިއުންތައް އެހާމެ ބޮޑެވެ.
ރާއްޖެއަށް ގިނަ އަދަދަކަށް ޓޫރިސްޓުން ގެންނަ ކުންފުންޏެއް ކަމަށްވާ ކެޕިޓަޕް ޓްރެވަލްގެ ވެރިޔާ، ޔޫސުފު ރިފްއަތު (ކެޕިޓަޕް ރިފްއަތު) ވިދާޅުވީ ޒިޔާރަތްކުރާ އަހަރު ފާހަގަ ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ރާއްޖެއަކީ މަތީ ފަންތީގެ ޓޫރިޒަމަށް ބުރަވެފައިވާ ގައުމަކަށް ވާއިރު، ރިސޯޓު އޮކިއުޕެންސި ރަނގަޅު ކުރުމަށް އިންޑަސްޓްރީއާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އެފަދަ ހަރަކާތްތައް އިތުރުވެފައި ނެތުމުން ވިޒިޓް މޯލްޑިވްސް އަހަރުގެ މަގުސަދު ހާސިލްވޭތޯ ރިފްއަތު ސުވާލު އުފައްދަވަ އެވެ.
"ކީއްތޯ ވާނީ މާކެޓިން އަށް ސްޕެޝަލް އިވެންޓެއް ރާއްޖޭގައި ބޭއްވުން؟ އެފަދަ ކަމެއް ވެސް ނުކުރާ؟ މި ފެންނަނީ ހަމައެކަނި ފެއާތަކަށް ގޮސް ފޮތް ބަހާ ތަން،" ރިފްއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއާ އަވައްޓެރި ސްރީލަންކާއިން ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ސަރުކާރުގެ ތެރެއިންވެސް ވަރަށް މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް ރާއްޖޭގައި އެކަން ނުފެންނަ ކަމަށެވެ. އެ ރޫހު ވަރަށް ކުޑަކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ސްރީލަންކާ އިން ޓާގެޓު ކުރީ ތިން މިލިއަން ޓޫރިސްޓުން ގެންނަން. މިތަނުގައި ޓާގެޓެއް ނެތް. މަސައްކަތެއް ނުކުރޭ،" ރިފްއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ ޕްރޮމޯޓް ކުރުމުގެ މާ ބޮޑު ޕްލޭނެއް އޮތްހެނެއް ހިއެއް ނުވެ އެވެ. ބައެއް ފަހަރު އެއްވެސް ފައިދާއެއް ނެތް ފެއާތަކުގައި ވެސް ބައިވެރިވާ މަންޒަރު ފެންނަކަަމަށް ރިފްއަތު ވިދާޅުވި އެވެ.
"އެއްވެސް ޕްލޭނެއް ނެތް. ހަމައެކަނި ފެއާތަކަށް ދިއުން. ބައްލަވާ ދާދި ފަހުން މިކުރި ކަމެއް؟ ފްރާންސުގައި ދިން ހަމަލާއާ ގުޅިގެން ރެޑް އެލާޓުގައި ވަނިކޮށް ގޮސް ފެއާއެއްގައި ބައިވެރިވީ؟ ކީއްކުރަން ބައިވެރިވި ފެއާއެއް ތޯ؟ މާކެޓް ޕްލޭން ވަރަށް ސަކަރާތްކޮށް މި ދަނީ. ސަމާގައި ޔޫރަޕު މީހުން ނާންނާނެކަން އެންމެންނަށް ވެސް އެނގޭ. ދެން ކީއްކުރަން ތޯ ދާންވ؟،" ރިފްއަތު ވިދާޅުވި އެވެ.
ނަމަވެސް، އެމްއެމްޕީއާރުސީގެ ޑީއެމްޑީ، މޯޑު ވިދާޅުވީ ފްރާންސުގައި ބައިވެރިވި ފެއާގެ ސަބަބުން ގިނަ ފައިދާތަކެއް ރާއްޖެއަށް ކުރާނެ ކަމަށެވެ.
"ކުރިން އޮތް ނެގެޓިވް ޕަބްލިސިޓީ ގޮސް މިހާރު ފެންނަނީ ޕޮޒިޓިވްކޮށް. އެހެންވެ ބެލެވެނީ ކުރިއަށް އޮތް ދުވަސްތަކުގައި ފްރާންސުން ގިނަ ބަޔަކު ދަތުރުކުރާނެ ކަމަށް،" މޯޑު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިޔާ ފަދަ ގައުމުތަކުގެ ސެކަންޑްރީ މާކެޓުތަކަށް ހާއްސަކޮށް ބައިވެރިވި ފެއާތަކުގެ ސަބަބުން ފައިދާކުރާނެ ކަމަށެވެ.
"ކުރިން މި ބައިވެރިވަނީ މުންބާއީ ފަދަ ސިޓީތަކުގައި އެކަމަކު މިފަހަރު ތަފާތު. އެހެންވެ ރަނގަޅުވާނެ. މީގެ އިތުރުން ބައިވެރިވާ ފެއާތަކުގައިވެސް ރާއްޖެ އިޝްތިހާރު ކުރަން މަސައްކަތް ކުރަން،" މޯޑު ވިދާޅުވި އެވެ.
ޒިޔާރަތް ކުރާ އަހަރު ރާއްޖޭގައި ފާހަގަކުރާއިރު ރާއްޖެއަކީ ދުނިޔެމަތީގައި އޮތް އެންމެ ހިތްގައިމު މޫދު އޮތް އެއް ގައުމެވެ. އެހެންވެ މޫދު ކުޅިވަރުތަކަށް އަންނަ މީހުންގެ ޝައުގުވެރިކަން އިތުރުކުރެވިދާނެ އެވެ. ރާއްޖޭގައި ބައިނަލް އަގުވާމީ މޫދު ކުޅިވަރުގެ ހަރާކާތްތައް ރޭވިދާނެ އެވެ. ނަމަވެސް މިފަދަ ހާއްސަ ކަމެއް އަދި ނެތެވެ. އަދި ވިޓިޓް މޯލްޑިވްސް އިޔާއާ ދިމާކޮށް ރިސޯޓުތަކާ ގުޅިގެން ހާއްސަ ޗާޓަރު ފްލައިޓް ތަކެއް ބާއްވައި މުޅި ގައުމު އިޝްތިހާރު ވާ ގޮތަށް ހާއްސަ ރޭޓެއް ވެސް ޓޫރިސްޓުންނަށް ދެވިދާނެ އެވެ. ދުބާއީގައި މިކަހަލަ ބޮޑެތި ފެސްޓިވަލްތައް ވެސް ބާއްވަ އެވެ. ނަމަވެސް މި ފަދަ ކަމެއް ވެސް ނެތެވެ. ހަމައެކަނި ފެންނަނީ ރިސޯޓު ތަކުން އެ މީހުން އަމިއްލައަށް ކުރާ މަސައްކަތެވެ.
"ތިޔަ ބޭފުޅުން ބައްލަވާ ލައްވާ ރާއްޖޭގެ ކިތައް ރިސޯޓުގައި ތޯ 'ވިޒިޓް މޯލްޑިވްސް' ގެ ލޯގޯ ހުރީ. ކިތައް ވެބްސައިޓުން ތޯ އެކަން އެނގެން ހުރީ. މަދުވާނެ މިއީ ޗެލެންޖެއް. މީގެން އެނގެނީ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ފެއިލިއާ،"" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޓުއާ އޮޕަރޭޓަރަކު ބުންޏެވެ.
ދެން އޮތީ ޓޫރިޒަމް މިނިސްޓްރީން އާއްމުންނާ "ވިޒިޓް މޯލްޑިވްސް" އިޔާ ގުޅުވައިދޭން ކުރާ މަސައްކަތެވެ. މިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތް ވަރަށް ވެސް ކުޑަ އެވެ. ހުދު މިނިސްޓަރު ވެސް ފެންނަނީ ޕަބްލިކް ބޭފުޅެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި މީޑިއާތަކާ ވެސް ތަންކޮޅެއް ދުރުގައި އުޅުއްވައި ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް އާއްމު ގޮތެއްގައި ޓޫރިޒަމް މިނިސްޓަރުންނަކީ ވަރަށް ސޯޝަލް ބައެކެވެ. އޭގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތަށް ލިބޭ ބާރަކަށް އޮންނަނީ ވެފަ އެވެ. އެކަމަކު އެ މަންޒަރު މިހާރަކު ނުފެނެ އެވެ.
"މީގައި އަސްލުވާ ގޮތަކީ ރާއްޖޭގެ ލޯކަލްގައި ރަނގަޅު ހަބަރުތައް ދިނީމަ، އެ މި ސޯޝަލް މީޑިޔާގައި ފެތުރެނީ. ދެން އެ އިންޓަނޭޝަނަލީ ޓޫރިސްޓުންނާ ހަމައަށް ވެސް ދޭ. އެކަމަކު މިހާރު އެކަމަށް ހުރަސް ތަކެއް އެބަހުރި. އެބައި ހަމައެކަނި މި ކުޅެނީ އެމްއެމްޕީއާރުސީ. އެ ބޭފުޅުން ވެސް އާއްމު ގޮތެއްގައި މި އަންނަނީ ފެއާއެއްގެ ކުޑަ ހަބަރެއް އެކަނި. ތަފާތެއް ނެތް،" ކުރިން ވާހަކަ ދެއްކި ޓުއާ އޮޕަރޭޓަރު ބުންޏެވެ.
ކޮންމެއަކަސް ގައުމު އިޝްތިހާރު ކުރުމަށް މި އަށްވުރެ ރަނގަޅު ވަގުތެއް ނުލިބޭނެ އެވެ. މިއީ އެންމެ ރަނގަޅު ފުރުސަތެވެ. އަޅެ، ވިޒިޓް މޯލްޑިވްސް އިޔާގެ އަޑު މަޑު ހެއްޔެވެ؟ މި ސުވާލު ދޫކޮށްލާނީ ކިއުންތެރިންނަށެވެ.