ޔޫރޯ 2016

ކްރޮއޭޝިއާ ނުކުންނަނީ ތުރުކީ އަތުން ބަދަލު ހިފަން

ދެހާސް އަށް ވަނަ އަހަރު ބޭއްވި ޔޫރޯގެ ކްއާޓާ ފައިނަލުން ކްރޮއޭޝިއާ ކެޓީ ޕެނަލްޓީ ޖަހައިގެން ތުރުކީ އަތުން ބަލިވެގެނެވެ. ފަހަރެއްގައި އެއީ ފުޓްބޯޅާގައި ކްރޮއޭޝިއާގެ ސަޕޯޓަރުންގެ އެންމެ ހިތި އަދި ހިތްދަތި ހަނދާނަށް ވެސް ވެދާނެ އެވެ.

އެ ހަނދާންތައް އެންމެ ބޮޑަށް ހުންނާނެ އެއް ކުޅުންތެރިޔަކީ މިހާރު ކްރޮއޭޝިއާ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ރެއާލް މެޑްރިޑް މިޑްފީލްޑާ ލުކަ މޮޑްރިޗެވެ. މެޗްގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި، ކޮރޭޝިއާއަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.

އެ މެޗްގައި އެޓީމުން ފުރަތަމަ ޕެނަލްޓީ ޖެހި ކުޅުންތެރިޔަކީ މޮޑްރިޗެވެ. މޮޑްރިޗްޖެހި ޕެނަލްޓީވެސްވީ ނާކާމިޔާބެވެ.

މިރޭގެ މެޗަށް ނިކުންނައިރު މީގެ އަށް އަހަރު ކުރިން ކުޅުނު އެ މެޗާ ބެހޭގޮތުން މޮޑްރިޗް ބުނީ އެ މެޗަކީ އޭނާގެ ކެރިއަރުގައި އެންމެ މުހިންމު މެޗް ކަމަށާއި އެ މެޗްގެ ހަނދާން އަބަދުވެސް ކުރާނެ ކަމަށެވެ.

ކްރޮއޭޝިއާ މެދުތެރޭގައި މިރޭ އެންމެ މުހިންމު ދައުރެއް އަދާކުރަނީ މޮޑްރިޗްގެ އިތުރުން ބާސެލޯނާގެ މެދު ތެރޭގައިވެސް މުހިންމު ދައުރެއް އަދާ ކުރާ އިވާން ރެކިޓްޗްއެވެ.

ދެން އޮތީ ތުރުކީގެ ވާހަކަ އެވެ. މިހާތަނަށް ޔޫރޯގެ ވާދަ ކުރި ކޮންމެ ފަހަރަކު، ތުރުކީއިން ވަނީ ފަހަރަކަށްވުރެ ފަހަރެއް ކުރިއެރުން ހޯދާފަ އެވެ. އެގޮތުން 1996 ވަނަ އަހަރު ޔޫރޯގެ ގުރޫޕް ސްޓޭޖުން ކެޓި ނަމަވެސް 2000 ވަނަ އަހަރު ވަނީ ކްއާޓަ ފައިނަލަށް ދަތުރު ކުރި އެވެ. އަދި 2008 ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައި ވެއެވެ.

މިރޭގެ މެޗްގައި ތުރުކީއަށް އޮތް އެންމެ ބޮޑު ހިތް ހަމަޖެހުމަކީ މުބާރާތުގެ ކުރިން ކޮންމެވެސް ވަރެއްގެ އަނިޔާގައި ހުރިނަމަވެސް އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ބާސެލޯނާގެ މިޑްފީލްޑް އަދާ ތުރާން ފިޓްކޮށް ހުރުމެވެ.

މުބާރާތުގެ ކުރިން ކޮންމެވެސް ވަރެއްގެ ފިޒިކަލް އަނިޔާއެއްގައި ތުރާން ވަނީ ހޭދަކޮށްފަ އެވެ.ތުރުކީގެ ބައެއް އެހެން ކުޅުންތެރިން ވެސް ވަނީ ފަހު ވަގުތު ކޮންމެވެސް ވަރެއްގެ ހާނިކަތަކެއް ވެފައެވެ.

އެހެންވެ ތުރުކީގެ ކޯޗް ފާތިހް ޓެރިމް ބުނީ ފުރަތަމަ މެޗްގައި ތުރުކީއިން ކުޅޭނީ އެންމެ ފޯވަޑެއް ލައިގެން ކަމަށެވެ.


މެޗްގައި ކްރޮއޭޝިއާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކި މިހާތަނަށް ޔޫރޯގައި ފުރަތަމަ މެޗުން ތުރުކީ ބަލިވެފައިވުމެވެ. އެ ތާރީހު ބަދަލު ކުރަން މިރޭ ތުރުކީއިން މަސައްކަތް ކުރާނެއެވެ.

މި ދެޓީމުގެ ކުރިމަތިލުމާ ބެހޭގޮތުން ސޯޝަލް މީޑީއާގައި އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ތުރުކީގެ ޓީމުގެ ރަސްމީ ޓްވިޓާ އެކައުންޓާއި ކްރޮއޭޝިއާ ޓީމާމެދު ޓްވިޓާގައި ބައްދަލު ކުރި ވާދަވެރި މެސެޖުތަކެވެ.