ބޭރު ކުޅިވަރު

ކަސިއަސް އަށް ފުރަތަމަ 11އިން ފުރުސަތެއްނެތް!

މިފަހަރުގެ ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗްގައި މިއަދު ހަވީރު ހަޔެއް ޖަހާއިރު ޗެކް ރިޕްބަލިކާ ދެކޮޅަށް ނުކުންނައިރު ކެޕްޓަން އަދި ތަޖުރިބާކާރު ކީޕަރު އިކާ ކަސިޔާސް އަށް ފުރަތަމަ 11އިން ޖާގަ ނުލިބޭނެކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެ އެވެ.

ސްޕެއިންގެ ސަޕޯޓަރުންނަށް އެ ޓީމުގެ ގޯލް ބަލަހައްޓާނީ ކޮން ކީޕަރެއް ކަމާމެދު ސުވާލު އުފައްދަން ފަށާފައިވާއިރު ކޯޗް ވިންސެންޓޭ ޑެލްބޮސްކޭ އެ މަގާމު ދޭނީ މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެޔާ އަށް ކަމަށް ވަނީ ބެލެވިފަ އެވެ.

މިއަދުގެ މެޗް ގުޅޭގޮތުން ބޭއްވި ޕްރީ މެޗް ޕްރެސް ކޮންފަރެންސަށް ކަސިއަސް ހާޒިރެއް ނުވެއެވެ. އޭނާގެ ބަދަލުގައި ޑެލްބޮސްކޭ ޕްރެސްއިން ފުރުސަތު ދިނީ ސްޕެއިންގެ ދެ ވައިސް ކެޕްޓަނުން ކަމަށްވާ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށާއި ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިސްޓާއަށެވެ.

މިއީ 2008 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ކެޕްޓަންކަން ކުރަމުން އަންނަ ކަސިއަސް ޓީމުގެ މުހިންމު ޕްރެސްއަކުން ނުފެނުނު ފުރަތަމަ ފަހަރެވެ.

މީޑިއާއާ ވާހަކަ ދައްކާނެ ކުޅުންތެރިޔާ ކަނޑައަޅަނީ ކޯޗެވެ. އެހެންކަމުން ޕްރެސްއިން ކަސިއަސްއަށް ފުރުސަތު ނުދިނުމުން ދޭހަ ކޮށްދެނީ އޭނާއަށް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ނެތް ކަމެވެ. ނަމަވެސް ސްޕެއިންގެ ކުޅިވަރު ނޫސް 'އޭއެސް' އިން ރޭ އާންމު ކުރި ޕޯލްތަކުގެ ނަތީޖާތައް ދައްކާ ގޮތުން ފުރަތަމަ 11 އިން ފުރުސަތު ދިނުމަށް ސްޕެއިންގެ ސަޕޯޓަރުން ތާއީދު ކުރަނީ ކަސިއަސްއަށެވެ.

ޕޯލްގެ 59.4 ޕަސަންޓް މީހުން ބުރަވަނީ ކަސިއަސްއަށް ފުރަތަމަ 11 އިން ފުރުސަތު ދޭނެ ކަމަށެވެ.