މީރާ

މިދިޔަ މަހުގެ އާމްދަނީ ލަފާކުރި ވަރަށް ވުރެ 50 ޕަސެންޓް އިތުރުވެއްޖެ

Jun 13, 2016
  • ޖުމްލަ އާމްދަނީއަކީ 1.14 ބިލިއަން ރުފިޔާ
  • ޖީއެސްޓީގެ ގޮތުގައި 550.8 މިލިއަން ރުފިޔާ
  • ބީޕީޓީގެ ގޮތުގައި 75.1 މިލިއަން ރުފިޔާ

މިދިޔަ މަހު ދައުލަތައް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ލިބުނު ފައިސާގެ އަދަދު 50.8 ޕަސެންޓް އިތުރުވެ، 1.14 ބިލިއަން ރުފިޔާ މިދިޔަ މަހު ބަލައިގެންފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ މަހު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 1.14 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު މީރާ އަށް ބަލައިގަތް އާމްދަނީ އާ އަޅައިބަލާއިރު 19.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މޭ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 50.8 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިންނެވެ. ޖީއެސްޓީގެ ގޮތުގައި 550.8 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. މިދިޔަ މަހު ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 312 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. މީގެ އިތުރުން، ބީޕީޓީއިން އާމްދަނީގެ ގޮތުގައި 75.1 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 56.3 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 42.2 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުގައި ވާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 13.1 ޕަސެންޓް އިތުރެވެ. މި އަހަރުގެ ފުރަތަމަ ފަސް މަހު ޖުމުލަ އާމްދަނީގެ ގޮތުގައި 6.35 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މޭ މަހުގެ ނިޔަލަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 45.1 ޕަސެންޓް އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީ އެވެ. އެއީ 17.5 ޕަސެންޓް އިތުރު އަދަދެކެވެ.