ބޭރު ކުޅިވަރު

ޗެލްސީގެ އާކޯޗާ ދެކޮޅަށް ކުޅެން ޖެހުމުން ހަޒާޑް އުފާވެފައި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މިރޭ އެޑެން ހެޒާޑްގެ ކެޕްޓަންކަމުގެ ދަށުން އިޓާލީއާ ދެކޮޅަށް ބެލްޖިއަމް ނިކުންނައިރު އިޓަލީގެ ކޯޗަކަށް އަންނަ ސީޒަނުގައި ޗެލްސީ އަށް ކޯޗުކޮށްދޭ އެންޓޯނިއޯ ކޮންޓޭ ހުރުމާ އެކަމާ އުފާވާ ކަމަށް ކުޅުންތެރިޔާ ބުނެފި އެވެ.

"އަހަރެންގެ ކުރިމަގުގެ އާ ކޯޗާ ދެކޮޅަށް ކުޅެން ޖެހުމަކީވެސް އަހަންނަށް ލިބޭ އުފަލެއް. އަހަރެން މިހުރީ ކޮންޓޭއަށް އަހަރެންގެ ފެންވަރު ސާބިތުކޮށްދޭން." ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ ބެލްޖިއަމްގެ އަމާޒަކީ މުބާރާތުގެ ފައިނަލަށް ދިއުން ކަމަށާއި ނަމަވެސް އެކަމަކީ އުނދަގޫ ކަމެއްކަން އެނގޭ ކަމަށެވެ.

މިހާތަނަށް ފޭވަރިޓްންގެ ގޮތުގައި މުބާރަތަށް ދިޔަ ޓީމުތަކަށް ކުޅުނު މެޗްތައް ދިޔައީ އުނދަގޫ މެޗްތަކެއްގެ ގޮތުގައެވެ. ހަޒާޑް ބުނީ ބެލްޖިއަމް ނިކުންނަނީ އެ ކަމަށް ވިސްނައިގެން ކަމަށާއި ޓީމުން މެޗަށް 100 ޕަސަންޓް ދޭން ތައްޔާރަށް ހުރި ކަމަށެވެ.

ބެލްޖިއަމްގެ ކޯޗް މާކް ވިލްމޮޓްސް ބުނީ އެޓީމުގެ ކޮނޑުގައި 'ފޭވަރިޓުންގެ ޓެގް' އެޅުވުމުން، އޭނާގެ ކުޅުންތެރިން ހާސްވާ ކަމަށާއި ވަރުގަދަ ގުރޫޕެއްގައި ހިމެނުމުން އެޓީމަށް ކުރިއަށް ދެވޭނީ ބުރަ މަސައްކަތުން ކަމަށެވެ.

އިޓަލީއާ ބެލްޖިއަމް ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.