އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އީވޯޓިން ތައާރަފްކުރަން ހަމަޖެހިފައިވީ ނަމަވެސް، އެ އިންތިހާބުގައި އީވޯޓިން ނިޒާމް ތައާރަފްކުރާނީ މުޅި ރާއްޖެއަށް ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ރާއްޖެއަށް އީވޯޓިން ތައާރަފްކުރުމާ ބެހޭގޮތުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިއަދު އަވަސް އަށް ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް އެއްފަހަރާ އީވޯޓިން ތައާރަފްކުރުމަށް ނޫން ކަމަށެވެ. ބައިބަޔަށް ތައާރަފްކުރަމުން ގޮސް މުޅި ރާއްޖެއަށް އީވޯޓިންގެ ނިޒާމް ތައާރަފްކޮށް ނިޒާމް ހަރުދަނާ ކުރުމަކީ އެ ކޮމިޝަނުގެ ވިސްނުން ކަމަށާއި، އެގޮތުން އަންނަ އަހަރު ހިދުމަތް ފަށައިގަންނަ އިރު އީ ވޯޓިން ތައާރަފްކުރާނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަހަށްޓާ ތިން ވޯޓު ފޮއްޓަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަހައްޓާ ތިން ފޮއްޓަކަށް ފުރަތަމަ އަޅުގަނޑުމެން އީވޯޓިން ތައާރަފް ކުރާނީ. އެއީ ފަށައިގަތުމުގެ ގޮތުންނާއި ނަތީޖާ ބެލުމުގެ ގޮތުން،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީވޯޓީންގެ ނިޒާމް އަންނަ އަހަރު ރާއްޖެއަށް ތައާރަފްކުރާއިރު މެޝިން އެއް ބޭނުންކުރާނީ ހަމަ އެކަނި ވޯޓު ކަރުދާސް ގުނުމަށެވެ. ދެ ވައްތަރެއްގެ ދެ މެޝިން އެކަމަށް ބޭނުންކުރާއިރު އޭގެ ތެރެއިން އެއް މެޝިނަކީ ވޯޓު ލާ ފޮށީގައި ހަރުކުރާ ގޮތަށް ހުންނަ މެޝިނެކެވެ. އަދި އަނެއް މެޝިނަކީ ވަކިން ހުންނަ މެޝިނެކެވެ. ވޯޓު ލާ ގޮތަށް ބަލާއިރު، ވޯޓު ލުމުގެ ހުރިހާ ކަމެއްވެސް ހުންނާނީ މިހާރެކޭވެސް އެއްގޮތަށް ކަމަށެވެ.
"މިހާރު ތައާރަފްކުރަން މި އުޅޭ އީވޯޓިން ގައިވެސް، ވޯޓު ލާނީ ކަރުދާހުގައި. ހަމަ ފޮއްޓަށް ކައުދާސްކޮޅު ލާނީވެސް. ވޯޓުލާން ގެންގުޅޭނީ މިހާރުވެސް ބޭނުންކުރާ ކަހަލަ އެތެރެ ފެންނަ ޓްރާންސްޕޭރަންޓް ފޮއްޓެއް. ތަފާތު މިވާ ތަންކޮޅަކީ ވޯޓު ކަރުދާސް ގުނަން މްޝިނެއް ބޭނުންކުރާ ތަންކޮޅު. އެ މެށިން ވެދާނެ ފޮށީގައި ހަރުކޮށްފަ އިންނަ މެޝިނަކަށް ވެސް،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ވޯޓު ކަރުދާސް ގުނުމަށް މެޝިން ބޭނުންކުރުމުން ވަގުތު ވަރަށް ބޮޑަށް ސަލާމަތް ވާނެ ކަމަށެވެ. އަދި މެޝިނަކީ އިންޓަނެޓް އާއި ގުޅުވާފައި ހުންނަ މެޝިނަކަށް ނުވާތީ ހެކު ކޮށްގެން ވޯޓު ނަތީޖާ އާއި ކުޅެލެވޭނެ ގޮތެއް ނޯންނާނެތީ މެޝިން ބޭނުންކޮށްގެން ވޯޓު ގުނުމަކީ އިތުބާރުހިފޭ ގޮތެއް ކަމަށެވެ.
"މި މެޝިން ބޭނުންކުރީމަ ވޯޓު ގުނުން އަވަސް ވެގެންދާނެ. ފޮށީގައި ހަރުކޮށްފަ އިންނަ މެޝިނުން އަށް ސިކުންތުގެ ތެރޭގައި ނަތީޖާ ޕްރޮސެސް ވެގެންދާނެ. ދެން ވަކިން ގުނާ މެޝިނުން މިނިޓަކު 100 ކަރުދާސްކޮޅު ގުނިގެންދާނެ. އެހެންވީމަ ވަރަށް އަވަސްކޮށް ނަތީޖާ ލިބޭނެ،" އަކްރަމް ވިދާޅުވި އެވެ.
އަންނަ އަހަރު އީވޯޓިން ތައާރަފްކުރާ ތިން ފޮށީގެ ވޯޓު ކަރުދާސްތައް މެނުއަލްކޮށް ވެސް ގުނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. އެގޮތަށް އަމަލުކުރަން ނިންމާފައިވަނީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމުގެ ގޮތުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ވޯޓު ގުނުމަށް މެޝިން ބޭނުންކުރަން ނިންމާފައިވީ ނަމަވެސް އެ މެޝިން ތައް އަދި ރާއްޖެއަށް ނުގެނެ އެވެ.
އަކްރަމް ވިދާޅުވީ މުޅި ރާއްޖެއަށް އީ ވޯޓިން ނިޒާމެއް ގެންނަ އިރު ގިނަ ތައްޔާރީތަކެއް ވާން ޖެހޭ ކަމަށެވެ. ފުރިހަމަ އީ ވޯޓިން ނިޒާމެއް އަންނަ އިރު އައިޑީކާޑް ވެރިފައިކުރަން ޖެހޭތީ ބައޯމެޓްރިކް އައިޑީކާޑް ރާއްޖެއަށް ތައާރަފްވެފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމަށް ސަރުކާރުން ވަރަށް އުންމީދީ ޖަވާބެއް މިހާރުވެސް ލިބިފައިވާ ކަމަށެވެ.
"ފުރަތަމަ ނިޒާމުގައި ހިމެނެނީ ތިން ކޮމްޕޮނެންޓް. އޭގެ އެކައްޗަކީ މީހާ ވެރިފައި ކުރުމަށް ބޭނުންކުރާ ސިސްޓަމް. އައިޑީ ކާޑް ބަލާ ސިސްޓަމެއް އެއީ. ދެން އިންނާނީ ފިންގާ ޕްރިންޓް. އެ ދޭތި މެޗް ވީމަ ކައިރީގަ އިންނަ ޕްރިންޓާއިން ޕްރިންޓް ވެގެން އަންނަނީ ވޯޓު ކަރުދާސްކޮޅު. އެ ނިޒާމް އަންނަ އަހަރު ތައާރަފް ނުކުރެވިދާނެ. ސަބަބަކީ ރާއްޖޭގައި މިާރު ބޭނުންކުރަނީ ބައޯ މެޓްރިކް އައިޑީކާޑެއް ނޫން. އެކަމަކު ސަރުކާރުން އޮތީ ވަރަށް ބޮޑު ޔަގީން ކަމެއް ލިބިފަ ވަރަށް އަވަހަށް ބައޯ މެޓްރިކް އައިޑީކާޑް ތައާރަފްކުރާނެ ކަމުގެ،" އަކްރަމް ވިދާޅުވި އެވެ.
އަންނަ އަހަރު ރާއްޖެއަށް އީވޯޓިން ތައާރަފްކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމާއެކު އެމްޑީޕީން ވަނީ އެ ނިޒާމަކީ ރާއްޖެއަށް އެކަށޭނަ ނިޒާމެއް ނޫން ކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފަ އެވެ. އަދި އެއީ ވޯޓު ނަތީޖާތައް ބޭނުން ގޮތަކަށް ބަދަލުކޮށްލަން ކޮށާލާ މަގެއް ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން މިއަދުވެސް ބުނީ އީ ވޯޓިން ނިޒާމާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރާ ކަމަށެވެ. ވަރަށް އަވަހަށް އިތުރު ބައްދަލުވުމެއްވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ.