ބޭރު ކުޅިވަރު

ޕްރެޝަރެއް ކޮނޑުއަޅަން ތައްޔާރު: އިބްރަހިމޮވިޗް

ސްވިޑެންގެ ޓީމަށް ހުރި ހުރިހާ ޕްރެޝަރެއް ކޮނޑުއަޅަން ތައްޔާރަށް ހުރިކަމަށް އެޓީމުގެ ކެޕްޓަން ޒްލްޓާން އިބްރަހިމޮވިޗް ބުނެފިއެވެ.

މިރޭ ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ނުކުންނަ މެޗްގެ ކުރިން ވާހަކަ ދައްކަމުން އިބްރަހިމޮވިޗް ބުނީ ހަމަ ޔަގީނުންވެސް ސްވިޑެން ޓީމަށް ޕްރެޝާ ބޮޑު ކަމަށާއި، އޭގެއިން އެންމެ ބޮޑު ޕްރެޝަރެއް އޮތީ ވެސް އޭނާގެ ކޮނޑުގައި ކަމަށެވެ.

"ޓީމުގެ ހުރިހާ ޕްރެޝަރެއް ކޮންޑުއަޅަން މިހުރީ އަހަރެން. އަހަރެން މިހުރީ އެކަމަށް ތައްޔާރުވެގެން. އެމަސްއޫލިއްޔަތާ ހަވާލުވެ މިހުރީ އަހަރެން، ސްވިޑްންގެ ކެޕްޓަނެއްގެ ހައިސްޔަތުން އޭނާ އަދާ ކުރާ ދައުރާ ބެހޭގޮތުން ސުވާލު ކުރުމުން އިބްރަހިމޮވިޗް ބުންޏެވެ.

މިފަހަރުގެ ޔޫރޯއަކީ ސްވިޑެންއާ އެކު އިބްރަހިމޮވިޗް ނިކުންނަ ހަވަނަ ބޮޑު މުބާރާތެވެ. އެހެންވެ މިފަހަރުގެ ޔޫރޯއާ ކުރިމަތިލާއިރު އުމުރުން 34 އަހަރުގެ ފޯވަޑް ބުނީ އޭނާ ހުރީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، އޭނާ ހުރީ މުޅިން ފިޓްވެގެން ކަމަށެވެ.

މިފަހަރުގެ ޔޫރޯއަކީ ކެޕްޓަނެއްގެ ޒިންމާގެ ދަށުން އިބްރޮހިމްވިޗް ކުރިމަތިލާ ފުރަތަމަ މުބާރާތެވެ. އޭނާ ބުނީ ކޮންމެ ތަނަކަށް ދިޔަސް އޭނާ ޑޮމިނޭޓް ކުރާނެ ކަމަށާއި، ކެޕްޓަނެއްގެ ގޮތުގައި ފުރަތަމަ މުބާރާތާ ކުރިމަތިލާން ޖެހުމަކީ މައްސަލައެއް ދިމާވާނެ ކަމެއް ނޫންކަމަށެވެ.

މިދިޔަ ސީޒަނަށްފަހު ފްރާންސްގެ ޕީއެސްޖީ ދޫކޮށްލާފައިވާ އިބްރޮހިމްވިޗް ބުނީ ކާމިޔާބު ސީޒަނަކަށްފަހު ޔޫރޯއާ ކުރިމަތިލާން ޖެހުމަކީ މެންޓަލީއާއި ފިޒްކަލީވެސް އޭނާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.