ރަސްފަންނު

އަނެއްކާވެސް ރަސްފަންނުގެ މޫދަށް އެރުން މަނާކޮށްފި

  • މަނާކުރީ ބަޔަކު ކަޅު ތެޔޮ އެޅުމުން
  • ދެން މޫދު އެރެވޭނީ އީޕީއޭ ހުއްދަ ދިނުމުން
  • މައްސަލަ ދަނީ ފުލުހުން ތަހުގީގުކުރަމުން

މާފަންނު ކޮޅުގައި ހެދި ރަސްފަންނު ގޮނޑުދޮށުގެ މޫދަށް ބަޔަކު ކަޅުތެޔޮ އެޅުމާ ގުޅިގެން އެ ސަރަހައްދުގެ މޫދަށް އެރުން މަނާކޮށްފި އެވެ.

ޖޫންޕެޓީ ކޮތަޅުތަކަށް ކަޅު ތެޔޮ އެޅުމަށް ފަހު އެ ސަރަހައްދުގެ މޫދަށް އުކާލާފައި ވަނީ އިރުއޮއްސެން އުޅުނު ވަގުތު އެވެ. އޭގެ ތެރެއިން ބައެއް ކޮތަޅުތައް މޫދު ތެރެއަށް ފަޅައިގެން ގޮސް އެ ސަރަހައްދަށް ކަޅު ތެޔޮ ފެތުރުނެވެ. އެހެން ނަމަވެސް ހުރިހާ ޕެކެޓްތައް ނުފެޅެނިސް އެ ސަރަހައްދު ބަލަހައްޓަން ތިބޭ ގާޑުންނަށް ފެނިގެން އެ ކޮތަޅުތައް ވަނީ މޫދުން ނަގައިފަ އެވެ. އަދި މޫދު ސާފު ކުރުމުގެ މަސައްކަތް ވެސް ވަގުތުން ފެށި އެވެ.

މިކަމާ ގުޅިގެން މިރޭ ރަސްފަންނުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަޅު ތެޔޮ އެޅުމުގެ ސަބަބުން ރަސްފަންނުގެ މޫދު ވަރަށް ބޮޑަށް ތަގައްޔަރުވެފައިވާ ކަމަށާއި ގޮނޑުދޮށަށް ވެސް ކަޅު ތެޔޮގެ އަސަރުކޮށްފައިވާ ކަމަށެވެ.

"މިއީ ވަރަށް ހިތާމަހުރި ކަމެއް، މިފަދަ ކަމެއް އާންމުން ބޭނުންކުރާ ޕަބްލިކް ތަނަކަށް ދިނުމަކީ އިޖުތިމާއީ މިންގަނޑުތަކުން ބަލާއިރު ވެސް ދީނީ އަދި އަހުލާގީ މިންގަނޑުތަކުން ބަލާއިރު ވެސް އެއްވެސް ހައިސިއްޔަތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަން ކޮންމެ ދިވެއްސަކު ވެސް ގަބޫލުކުރާނެ، އެހެންވީމަ މިކަން ކުރި ބަޔަކު އެ ކުރި މަގުސަދަކީ ރަނގަޅު މަގުސަދެއް ނޫން ރަނގަޅު ނިޔަތެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ. ކަޅު ތެޔޮ ޕެކެޓްތައް މޫދަށް އަޅާފައިވަނީ ދޯންޏަކުން ކަމަށެވެ. މިއީ ވަރަށް ހުތުރު އަމަލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަލުން ރަސްފަންނު މޫދު ހުޅުވާނީ ކަޅު ތެޔޮތައް ނަގައި އީޕީއޭއިން ނޫނީ އެންވައިރަމެންޓް މިނިސްޓްރީން ދޭ ލަފައެއްގެ މަތިން ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

"އެންވައިރަމެންޓް މިނިސްޓްރީއާ މަޝްވަރާކުރަމުން މިދަނީ އެ މިނިސްޓްރީން ކްލިއަރެންސް ދޭ އިރަށް އަލުން ހަމަ ހުޅުވާލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރަސްފަންނު ސަރަހައްދާ ދިމާލު މޫދުން އޮތް ނަޖިސް ހޮޅިއެއް މީގެ ކުރިން ބަޔަކު ފަޅާލި ކަމަށް ވެސް ތުހުމަތު ކުރެވުނެވެ. އެފަހަރު ވެސް ރަސްފަންނުގެ މޫދު ބަންދު ކުރަން ޖެހުނެވެ. އަދި އެ ސަރަހައްދުގައި ހުންނަ ޖޯލިފަތިތަކާއި އެހެން ވެސް އެއްޗިއްސަށް ބަޔަކު ރާވައިގެން ގެއްލުން ދިން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

"ދެން ދޭނީ ކޮން ކަހަލަ ހަމަލާއެއް ކަމެއް ވެސް ނޭނގޭ، ކޮންމެ ކަހަލަ ހަމަލާއެއް ދިނަސް ރައީސް ޔާމީންގެ އަޒުމަކަށް ބަދަލެއް ނާންނާނެ، ގައުމު ތަރައްގީކޮށް ރައްޔިތުންނަށް ހިދުމަތްކުރުމުގެ އަޒުމަކަށް ބަދަލެއް ނާންނާނެ، ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭ ކަންކަން ކުރުއްވުމުގައި ވަޑައިގަންނަވާނީ ކުރިއަށް، ކޮންމެ ފަދަ ގެއްލުމެއް ކޮންމެ ތަނަކަށް ދިނަސް އަޅުގަނޑުމެން ސަރުކާރުން ހަމަ ދާނީ ކުރިއަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ނަޖިސް ހޮޅި ފަޅާލުމުން އެ ހޮޅި މަރާމާތުކުރެވުނު ކަމަށެވެ. އަދި، ހޮޅި އެހެން ތަނަކަށް ބަދަލުކުރުމަށް އެމްޑަބްލިއުއެސްސީއާ މަޝްވަރާކުރެވެމުންދާ ކަމަށެވެ. އެކަމަށް ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނަ ނަމަވެސް ކުރަން ތައްޔާރަށް ތިބި ކަމަށެވެ. އެފަދަ ކަންކަން ހައްލުކުރެވުނު ނަމަވެސް ކަޅު ތެޔޮ އެޅުން ފަދަ ކަންކަމަކީ ހުއްޓުވޭނެ ކަންކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެތަނުގައި ކަނޑާފައިވާ ކެނޑުންތަކަކީ އޮޔެ ދައުރުކުރުމަށް ކަނޑާފައިވާ ކެނޑުންތަކެއް ކަމަށާއި، ކަޅު ތެޔޮ އަޅާފާނެތީ އެތަންތަން ބަންދުނުކުރެވޭނެ ކަމަށެވެ.

"އެއީ ހުއްޓުވޭނެ ކަންކަމެއް ނޫން، ރައްޔިތުންގެ ލަބައަށްކުރާ ކަންތައްތައް ބަލައިގަންނަން ޖެހޭނެ، ހަޖަމު ނުކުރެވިގެން މިކަހަލަ ގެއްލުންތައް ދިނީމަ އެ ފަރާތްތައް ނިކަމެތިވަނީ، އެކަމެއް ކުރާ ބައެއްގެ ފިނޑިކަން އެއީ، އެހެންވީމަ އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.