ބޭރު ކުޅިވަރު

ރޮނާލްޑޯ ވަރަށް ފިޓް، ކުއަރެޒްމާ ފިޓެއްނޫން: ކޯޗު

އައިސްލޭންޑާ ދެކޮޅަށް މިރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ނުކުންނައިރު އެ ޓީމުގެ ރިކާޑޯ ކުއަރެޒްމާ އަށް ކުޅެވިދާނެ ކަމާމެދު ޝައްކު އުފެދިއްޖެ އެވެ.

ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ކުއަަރެޒްމާ އަށް ހާނިއްކަވެފައިވާތީވެ ފަރިތަކުރަމުން ދިޔައީ ޓީމާ ވަކިން ކަމަށެވެ.

"12 ގަޑިއިރު ތެރޭގައި ވެސް ޓީމަށް ބަދަލު ގެންނަން ޖެހޭ ފަދަ ކަމެއް ވެދާނެ. އަދި ޖެހޭނީ ކުޅޭނެ މީހުންނާއި ނުކުޅޭނެ މީހުން ނުނިންމައި ތިބެން،" ކޯޗު ބުންޏެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ އަށް ނުކުޅެވޭނަމަ އެ މަގާމު ދިނުން އެންމެ ގާތީ ލުއިސް ނާނި އަށެވެ.

ޗެމްޕިއަންސް ލީގު ފައިނަލްގައ ކޮރު ޖަހާފައި އުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ވަރަށް ފިޓްކޮށް ކަމަށް ވެސް ކޯޗު ބުންޏެވެ.

"އޭނާ ވަރަށް ފިޓް. އޭނާ ހުރީ ވަރަށް ފޯރީގައި،" ކޯޗު ބުންޏެވެ.

މި މެޗަށް ނުކުންނައިރު މިއީ އައިސްލޭންޑް މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އައިސްލޭންޑަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ އާބާދީ މަދުގައުމެވެ. އެގައުމުގައި އުޅެނީ ތިން ލައްކައެއްްހާ މީހުންނެވެ.