ބޭރު ކުޅިވަރު

ބައްޕަ މަރުވުމުން ކްރޮއޭޝިޔާ ކެޕްޓަން އެނބުރި ގައުމަށް

ބައްޕަ މަރުވުމުން ޖަނާޒާގައި ބައިވެރިވާން ކްރޮއޭޝިޔާގެ ކެޕްޓަން ޑާރިއޯ ސުރްނާ އެނބުރި ގައުމަށް ހިނގައްޖެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ގޮސް މިހާރު ފްރާންސްގައި ތިބި ކްރޮއޭޝިޔާގެ ކެޕްޓަނާބެހެ ގޮތުން އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ސުރްނާ އެނބުރި ގައުމީ ޓީމާ ގުޅޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށެވެ. އަދި ސުރްނާ ގާތުގައި އޭނާގެ ބައްޕަ މަރުވި ވާހަކަ ބުނީ އިއްޔެ ރޭ ތުރުކީ އަތުން 1-0 އިން އެގައުމު މޮޅުވި މެޗަށް ފަހު ކަމަށް ވެސް ފުޓްބޯޅަ ފެޑަރޭޝަނުން ބުނެ އެވެ.

ކްރޮއޭޝިޔާ ދެން އެންމެ އަވަހަށް ކުޅެން ޖެހޭނީ އަންނަ ހުކުރު ދުވަހު ޗެކްރިޕަބްލިކާ އެވެ.

ރަޝިޔާގެ ޝަކްޓާ ޑޮނެސްޓަށް ކުޅޭ ސުރްނާ އަކީ ގައުމީ ޓީމަށް މިހާތަނަށް 131 މެޗު ކުޅެ 22 ގޯލު ޖަހާފައިވާ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ.

އޭނާ ވަގުތީ ގޮތުން ޓީމާ ވަކިވުމުން ކްރޮއޭޝިޔާ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ އެންމެ އެކުގައި ފޮޓޯއެއް ނަގައި ކެޕްޓަނާއެކު ތިބިކަމަށްބުނެ ޕޯސްޓްކޮށްފަ އެވެ.