ބޭރު ކުޅިވަރު

ޔޫރޯއިން ޗެލްސީއަށް ގެންދާނެ ކުޅުންތެރިން ކޮންޓޭ ފާހަގަ ކުރަނީ

އިޓަލީ އަތުން 2-0 އިން ރޭ ބެލްޖިއަމް ބަލިވި މެޗުގައި ކޯޗު އެންޓޯނިއޯ ކޮންޓޭ، އޭނާގެ ސްޓާފަކު ލައްވައި ބެލްޖިއަމްގެ ރަޖާ ނައިންގޯލަން ޗެލްސީ އަށް ގެންދަން ކަމުދޭތޯ ބަލައިފި އެވެ.

ކޯޗު ކޮންޓޭ މިފަދައިން އަމަލުކުރީ ޔޫރޯ އަށްފަހު އޭނާ ހަވާލުވާ ކުލަބަކީ ޗެލްސީ ކަމަށްވާތީ އެވެ.

ބެލްޖިއަމްގެ މެދަށް ކުޅުނު ރޯމާގެ މިޑްފީލްޑަރު ނައިންގޯލަންގެ ހަރަކާތްތައް ރަނގަޅަށް ބަލައި ދިރާސާކުރުމުގެ ޒިންމާ ކޮންޓޭ ހަވާލުކުރީ އިޓަލީގެ ކޯޗިން ޓީމުގައި ހިމެނޭ މައުރޯ ސަންދްރިއާނީއާ އެވެ. އޭނާ އަކީ ކޮންޓޭއާއެކު ޗެލްސީ އަށް ގެންދަން މަސައްކަތްކުރާ ސްޓާފެއްވެސް މެއެވެ.

ރޭގެ މެޗަކީ އޭނާ އަށް ބޮޑު އިމްތިހާނަކަށްވީއރު މެޗުގެ 62 ވަނަ މިނިޓްގައި ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ވަނީ ނައިންގޯލަން ބާލައިފަ އެވެ. ނަމަވެސް ކޮންޓޭއާއެކު އިޓަލީގެ ރެސްޓޯރަންޓެއްގެ ތެރެއިން ނައިންގޯލަން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފެނިފަ އެވެ. މިހެންވެ އޭނާ އަންނަ ސީޒަނުގައި ޗެލްސީ އަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ރޭގެ މެޗުގައި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑުގެ ކުޅުމަށް ވެސް ކޮންޓޭވަނީ ފާރަލައިފަ އެވެ. ހަޒާޑަކީ ޗެލްސީގެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. އަދި ހަޒާޑް ވެސް ވަނީ އޭނާގެ ކުޅުން ކޮންޓޭ އަށް ސާބިތު ކޮށްދޭން ރޭ މޮޅަށް ކުޅެން ބޭނުންވާ ކަމަށް މެޗުގެ ކުރިން ބުނެފަ އެވެ.