ބޭރު ކުޅިވަރު

ރެފްރީންގެ މިސްޓޭކްތަކާއި ފައުލްތައް ބޮޑު ސްކްރީނުގައި ނުދެއްކޭނެ: ޔޫއޭފާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގައި ރެފްރީން ހަދާ މިސްޓޭކްތަކާއި ފައުލްތައް އަދި މެޗުގައި ހިނގާ ނޭދެވޭ ކަންތައްތައް ދަނޑުގައި ބަހައްޓާފައިވާ ބޮޑު ސްކްރީނުން ދެއްކުން ޔޫއެފާއިން މަނާކޮށްފި އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ މައި ޖަމާއަތުން މި ގޮތަށް ބުނީ ސްލޮވާކިޔާ އަތުން ވޭލްސް މޮޅުވި މެޗުގައި ރެފްރީންގެ މިސްޓޭކްތަކާއި ފައުލްތައް ބޮޑު ސްކްރީނުގައި ރީޕްލޭގެ ގޮތުގައި ދެއްކުމުންނެވެ. ޔޫއޭފާއިން ބުނީ މިއީ ގަވާއިދުގައި މަނާ ކަމެއް ކަމަށާއި ރީޕްލޭގެ ގޮތުގައި ދެއްކޭނެ މަންޒަރުތަކާއި ނުދެއްކޭނެ މަންޒަރުތައް އަނެއްކާ ވެސް ސްޓޭޑިއަމް އޮފިޝަލުންނަށް ކިޔާދޭން ފަށާފައިވާ ކަމަށެވެ.

ޔޫއޭފާއިން މިކަމަށް ކުއްލި ފިޔަވަޅު އަޅަން މިފެށީ މީގެ ސަބަބުން ސަޕޯޓަރުންނާއި ކުޅުންތެރިން އަދި އެނޫން ވެސް ކުޅޭ ދެ ޓީމާ ގުޅިފައިވާ ފަރާތްތަކުން މިފަދަ މަންޒަރުތައް ބެލުމަށްފަހު ކޮށްފާނެ ކަމަކުން ރައްކާތެރިވުމުގެ ގޮތުންނެވެ.

މިއީ ބޮޑު ސްކްރީނުގައި ބައެއް ނޭދެވޭ މަންޒަރުތައް ދެއްކައިގެން އެކަން މަނާކުރި ފުރަތަމަ ފަހަރެއްނޫނެވެ. 2002 ވަނަ އަހަރު ކޮރެޔާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑްކަޕުގައި ދަނޑުގައިހުރި ބޮޑު ސްކްރީނުން ރީޕްލޭ ދެއްކުން މަނާކުރި އެވެ. މީގެ އިތުރުން މިދިޔަ އޮކްޓޫބަރު މަހު ޕްރެމިއާ ލީގުގައި ސްވަންސީގެ އަންދްރޭ އާއި އާއި ސްޓޯކް ސިޓީގެ ކީޕަރު ޖެކް ބަޓްލޭންޑް ކުރި ނުރައްކާތެރި ފައުލްދެއްކުމާ ގުޅިގެން އެފަދަ މަންޒަރުތައް ދެއްކުން މަނާކުރި އެވެ.