ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޑިފެންޑަރު ޕެޕޭއަކީ ހޮލީވުޑް ފިލުމުތަކުގައި ވެސް ވާދަ ކުރުމުގެ ފެންވަރު ހުރި ދެ އެކްޓަރުން ކަމަށާއި އޮސްކާ އެވޯޑަށް ވެސް ވާދަ ކުރެވޭނެ ކަމަށް އައިސްލެންޑްގެ ކޯޗް ލާޒް އެޑްވިން ލާގާބެކް ބުނެފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް "އެފް" ގައި މިރޭ އައިސްލެންޑާ ޕޯޗްގަލް ވާދަ ކުރާ މެޗްގެ ކުރިން މީޑީއާއާ ވާހަކަ ދައްކަމުން ލާގާބެކް ބުނީ ވޭތުވެދިޔަ ތަނަށް ބާލައިރު ރޮނާލްޑޯއާއި ޕެޕޭއަކީ ރެފްރީންގެ ލޯ މައްޗަށް އެހެން މަންޒަރެއް ދެއްކުމަށް ވަރަށް މޮޅު ދެ އެކްޓަރުން ކަމަށެވެ.
"ޕޯޗްގަލުގައި އެބަހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. ރޮނާލްޑޯ. އެކަމަކު އޭނާއަކީ ވެސް ވަރަށް މޮޅު އެކްޓަރެއް." އުމުން 67 އަހަރުގެ ލާގާ ބެކް ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގް ފައިނަލް މެޗްގައި ވަރަށް މޮޅު އެކްޓަރެއް ފެނުނު ކަމަށާއި ހޮލީވްޑުގައި ވާދަ ކުރުމުގެ ފެންވަރު ހުރި ކަމަށެވެ.
"އަހަރެން މިބުނީ ޕެޕޭގެ ވާހަކަ އޭނާއަކީ ވެސް ވަރަށް މޮޅު އެކްޓަރެއް. ބޭނުންނަމަ އެމެޗްގެ ކްލިޕްތައް ބަލާލަންވީ. އަހަންނަށް ފެނުނީ އެއީ ހައި ކްލާސް ފެންވަރުގެ އެކްޓިންގެ ގޮތުގައި" ކަމަށް ލާގޭބެކް ބުންޏެވެ.

އޭނާ ބުނީ އެ ދެކުޅުންތެރިންނަށް "ހޮލީވުޑްގައި ޑިމާންޑް އޮތީ ކިހާވަރަކަށް ބުނަން ނޭންގޭ ކަމަށާއި އެކަން ކަމަށް އޭނާ ޝައުގުވެރި ނުވާ" ކަމަށެވެ.
"އެދެމީހުންވެސް ކުރީގެ ވީޑިއޯތައް ބަލައި އެކަންކަމަށް ފިޔަވަޅު އަޅާ ނަމަ އަހަރެން މަރުހަބާ ކިޔާނަން"
ޕޯޗްގަލްއާ އައިސްލެންޑް ވާދާ ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖާހާއިރުއެވެ. މިއީ އައިސްލެންޑް ބޮޑު މުބާރާޓެއްގެ ފައިނަލުގައި ކުލޭ ފުރަތަމަ މެޗެވެ.