މަރު

ފާތިރު މަރާލި މައްސަލާގައި ކުއްޖަކާއި މީހަކު ހޯދަނީ

މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ދެ ގޭންގު ދެމެދު ހިނގި މާރާމާރީގައި މަަރުވި މ. ސަރުމާގެ ފާތިރު މުހައްމަދު މަރާލިކަމުގެ ތުހުމަތުގައި ކުއްޖަކާއި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަތީފު (15އ) އާއި ކ. މާލެ، މ. ކުރިރުއްގެ، އިރުފާން ރުޝްދީ(21އ) އެވެ. އިބާދަތާއި އިރުފާންގެ ފޮޓޯ ވަނީ ފުލުހުން އާންމުކޮށްފަ އެވެ.

ފުލުހުން ބުނީ، އިބާދާތާއި އިރުފާން ރުޝްދީއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ފާތިރު މަރާލާފައިވަނީ މ. ސަރުމާގޭގައި ހުއްޓާ އެރޭ އެގެއަށް އައި ގުރޫޕަކުން ހަމަލާދީފަ އެވެ. ފާތިރު މުހައްމަދަކީ އެދުވަހު ހަވީރު މަރާލި އިރުޝާން ހިލްމީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކުއްޖެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އިރުޝާން މަރާލި މައްސަލާގައި ހަ ކުދިންނާއި މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައިވެ އެވެ.