ބޭރު ކުޅިވަރު

އިނގިރޭސިން ބަލިކޮށްފިނަމަ ވޭލްސްގެ ބޯނަސް ތިން މިލިއަން ޔޫރޯ އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާދަމާ ރޭ އިނގިރޭސިން ބަލިކޮށްފިނަމަ ވޭލްސްގެ ބޯނަސް ފައިސާ ތިން މިލިއަން ޔޫރޯ އަށް އަރާތީވެ އެކަމަށް ކުޅުންތެރިން ފައިނަގައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްލޮވާކިޔާ އަތުން މޮޅުވެފައިވާ ވޭލްސް އިނގިރޭސިން އަތުން މޮޅުވެއްޖެނަމަ މެޗު ވިނިން ބޯނަސްގެ ގޮތުގައި ދެމިލިއަން ޔޫރޯ ލިބޭނެ އެވެ. އެއީ މޮޅުވާ ކޮންމެ މެޗަކަށް އެއް މިލިއަން ޔޫރޯ ދޭން ޔޫއޭފާއިން ނިންމާފައިވާތީ އެވެ.

މި ފަހަރުގެ ޔޫރޯގައި ވޭލްސް ޓީމަށް ލިބޭ ފައިސާ ބަހަން ނިންމާފައިވަނީ ތިން ބަޔަކަށެވެ. އެއީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ބައެއް، އަދި މުބާރާތުގެ ހަރަދުތަކަށް އެއްބައި އަދި އަނެއްބައި އެގައުމުގެ ފުޓްބޯޅައިގެ ކުރިމަގުގެ ޕްލޭންތަކަށެވެ.

ވޭލްސް އަށް ވަނީ މުބާރާތަަށް ކޮލިފައިވުމުން 8 މިލިއަން ޔޫރޯ ލިބިފަ އެވެ. އަދި ސްލޮވާކިޔާ އަތުން ލިބުނު އެއް މިލިއަން ޔޫރޯއާއެކު އިނގިރޭސިން ބަލިކޮށްފިނަމަ ޖުމުލަ ލިބޭ ފައިސާގެ އަދަދު 11.5 މިލިއަން ޔޫރޯ އަށް އަރާނެ އެވެ. އެއީ ދެ ވަނަ ބުރަށްދާ ޓީމަކަށް ވެސް 1.5 މިލިއަން ޔޫރޯ ލިބޭތީ އެވެ. އިނގިރޭސީން ބަލިކޮށްފިނަމަ ވޭލްސް އަށް ދެ ވަނަ ބުރު ޔަގީންވާނެ އެވެ.

އިނގިރޭސިވިލާތާއި ވޭލްސް އަކީ އެއް ދިދައެއްގެ ދަށުގައިވާ ދެ ގައުމެވެ.