ބޭރު ކުޅިވަރު

އައިސްލޭންޑް ބަސް ޕާކްކުރީ ގޯލް ދާގަނޑުގައި: ރޮނާލްޑޯ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޑަކުޑަ އައިސްލޭންޑް ރޭ ޕޯޗުގަލް މޮޅުވިޔަނުދީ ހިފަހައްޓާލީ ގޯލް ދާގަނޑުގައި ބަސް ޕާކްކޮށްގެން ކަމަށް ބުނެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ލަނޑެއް ނުޖެހުމުން މާޔޫސްވެފައިހުރި ރެއާލް މެޑްރިޑުގެ ފޯވަޑް މެޗަށް ފަހު ބުނީ އައިސްލޭންޑުން މެޗުގައި ކުރި ހަމައެކަނި ކަމަކީ ޑިފެންސްކުރުން ކަމަށެވެ.

"[މެޗަށްފަހު]އެމީހުން އުޅުނީ ޔޫރޯ ތަށި ލިބިގެން އުޅުނުހެން. އެމީހުން ގޯލެއް ޖެހި. އެމީހުން 90 މިނިޓްތެރޭގައި އުފެއްދީ އެންމެ ދެ ހަމަލާ. އެހެން ނޫނީ އެމީހުންގެ އެންމެން ތިބެނީ ބޯޅަ ފަހަތުގައި. އެމީހުން ބަސް ޕާކްކޮށްފައި އޮތީ ގޯލް ދާގަނޑުގައި. އެހެންވީމަ ގޯލެއް ޖަހަން އަހަރުމެންނަށް ފުރުސަތު ނުލިބުނީ. މިއީ ވަރަށް އާދައިގެ ވިސްނުމެއް. އެމީހުން ކުރިކަމެއް ނެތް،" 1-1 އިން އެއްވަރުވި މެޗަށް ފަހު ރޮނާލްޑޯ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަދި ބުނީ ލަނޑު ޖަހަން ޕޯޗުގަލް ވަރަށް މަސައްކަތް ކުރި ކަމަށާއި މި ނަތީޖާގެ ސަބަބުން މާޔޫސް ނުވާ ކަމަށެވެ.

"އަހަރުމެން ބޯޅަ ކޮންޓްރޯލްކޮށްގެން ވަރަށް މަސައްކަތްކުރިން. އެކަމަކު އައިސްލޭންޑް ކުރީ ޑިފެންސް. ޑިފެންސް ކުރީ. ޑިފެންސްކުރީ،" ތަކުރާރުކޮށް އޭނާ ބުންޏެވެ.

"މިނަތީޖާގެ ސަބަބުން އަހަރުމެން މާޔޫސް ނުވަން. މި މުބާރާތުގެ ފެވަރިޓުންނަކީ ސްޕޭނާއި ފްރާންސް ފަދަ ގައުމުތައް. އެމީހުންނަށް ވެސް ފުރަތަމަ މެޗުގައި އުނދަގުވި. އަހަރުމެންނަށް ޔަގީންކަން އެބައޮތް ކުރިއަށް އޮތް މެޗުން މޮޅުވެގެން އަހަރުމެން ދެ ވަނަ ބުރަށްދާނެކަން،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ މިވާހަކަތަކަށް މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޕޯޗުގަލްގެ ލުއިސް ނާނި ވެސް ވަނީ ބާރުދީފަ އެވެ. އޭނާ ބުނީ ޕޯޗުގަލް ވަރަށް މޮޅަށް ކުޅުނު ކަމަށާއި އިދިކޮޅު ޓީމު ޑިފެންސް ކުރުން ނޫން ކަމެއް ނުކުރާ ކަމަށެވެ.

ނަމަވެސް ހަތަރު ލައްކަ މީހުން ހަމަނުވާ އައިސްލޭންޑް ޓީމުގެ ކޯޗު ހެމާރު ލަގްރިމްސަން ބުނީ މެޗުގައި އޭނާގެ ޓީމުގެ ޑިފެންސް ކުރުން ބަރާބަރު ކަމަށާއި އެއްވަރުވީ ޑިސިޕްލިންކޮށް، އަދި އޮގަނައިޒްކޮށް ކުޅުމުން ކަމަށެވެ.

"ބޮޑު ގައުމުތަކުން އަބަދުވެސް ބުނާނެ ފުރަތަމަ މެޗުން ބަލިނުވާށޭ. އެއީ އަހަރުމެންނަށް ވެސް އޮތްގޮތް. މިހާރު އަހަރުމެންނަށް ކުރިއަށް އޮތް ދެ މެޗުންކުރެ މެޗެއް ކާމިޔާބުކޮށްގެން ދެ ވަނަ ބުރަށް ދެވިދާނެ،" ކޯޗު ބުންޏެވެ.

ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ޕޯޗުގަލްގައި ތިބި ތަރިންނާ އަޅާ ބަލާއިރު ފުރަތަމަ ފަހަރަސް ބޮޑު މުބާރާތަކަށް ނުކުތް އައިސްލޭންޑް ރޭގެ މެޗު އެއްވަރުކުރުމަކީ މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ހައިރާންކުރުވަނިވި ނަތީޖާ އެވެ.