ބޭރު ކުޅިވަރު

ބްރެޒިލް ހޭ އަރާނީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން، އެދެނީ ވެސް އެގޮތް: ބްރެޒިލްގެ ލެޖެންޑް

Jun 15, 2016

ދެހާސް އަށާރަ ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލް ކޮލިފައި ނުވުމަށް އެދޭ ކަމަށާއި ބްރެޒިލް ހޭ އަރާނީ އެ ގޮތަށް ކަންކަން ހިނގައިގެން ކަމަށް ބްރަޒިލްގެ ފުޓްބޯޅައިގެ ލެޖެންޑް ރޮބާޓޯ ރިވެލީނޯ ބުނެފި އެވެ.

ރިވެލީނޯ އަކީ 1970 ވަނަ އަހަރު ވޯލްޑްކަޕް ހޯދި ބްރަޒިލްގެ ޓީމުގެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.

ރިވެލީނޯ ބުނި ގޮތުގައި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މުއްސަނދި ތާރީޚެއް އޮތް ބްރެޒިލްގެ ފުޓްބޯޅަ ދިރުވަން ބްރެޒިލްގެ ކޮންފެޑްރޭޝަން (ސީބީއެފް) މިހާރު ހިންގަވަންތިބި ފަރާތްތަކުން ވަނީ އިހްމާލް ވެފައެވެ.

"ބްރެޒިލް އެބަޖެހޭ ބޮޑު އަނދަވަޅަކަށް ވެއްޓެން، ވޯލްޑަކަޕަށް ބްރެޒިލް ކޮލިފައި ނުވުމުން ނޫނީ މިހާރު ސީބީއެފް ހިންގަންތިބި މީހުން ހޭ ނާރާނެ،" ކޮޕާ އެމެރިކާގެ ގުރޫޕް ސްޓޭޖުން ބްރަޒިލް ކެޓުމުން ރިވެލީނޯ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑްކަޕްގެ ކްއާޓާ ފައިނަލްގައި ވާދަވެރި ޖަރުމަން އަތުން 7-1 ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗަށްފަހު ބްރެޒިލް ފުޓްބޯޅަ އޮތީ މައްސަލަތަކެއްގެ ތެރޭގައިކަން އޭނާ ފާހަގަ ކުރިއެވެ.

އޭނާ ބުނީ ސީބީއެފްއިން ދެ ވަނަ ފަހަރަށް ކާލޯސް ޑުންގާ ގެނެސް ބްރެޒިލްގެ ކޯޗަކަށް ލުމުން އެކަމާ ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ.

"އަހަރެން އެދެނީ ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައި ނުވުން. މިހެން މިބުނީ ބްރެޒިލްގެ ފުޓްބޯޅައަށް ރަނގަޅަކަށް. އެހެން ނޫނީ ސީބީއެފްގެ ވެރިން ލޮލެއް ނުހުޅުވޭނެ،" މިހާތަނަށް ހުރިހާ ވޯލްޑްކަޕެއްގައި ވާދަކޮށްފައިވާ ބްރެޒިލްއާ ބެހޭ ގޮތުން ރިވެލީނިއޯ ބުންޏެވެ.