ކްރިމިނަލް ކޯޓް

މާދަމާއިން ފެށިގެން ކުރިމިނަލް ކޯޓު ޗުއްޓީއަށް

މާދަމާއިން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޯޓު ޗުއްޓީއަށް ދާން އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމައިފި އެވެ.

އެ ކޯޓުގެ ގާޒީންގެ މަޖިލީހުގެ މިއަހަރުގެ އަށް ވަނަ ޖަލްސާއިން ނިންމާފަވަނީ މިއަހަރު ޗުއްޓީގެ މުއްދަތު ދެބަޔަކަށް ބަހާލައިގެން ކޯޓު ޗުއްޓީއަށް ދިއުމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ޗުއްޓީގެ މުއްދަތަކީ މިޖޫން މަހުގެ 16 އިން 30 އަށް ކަމަށާއި ދެވަނަ ޗުއްޓީގެ މުއްދަތަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން 15 ވަނަ ދުވަހަށް ކަމަށް ވަނީ ނިންމާފަ އެވެ.

ކޯޓު ޗުއްޓީއަށް ދިޔުމާ ގުޅިގެން ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ. މީގެތެރޭގައި ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރާމީހުންގެން ބަންދާމެދު ގޮތެއް ނިންމުމަށް ކުރަންޖެހޭ އެއްމެހާ މަސައްކަތްތަކާއި، އިދާރީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކުރަންހުރި މަސައްކަތްތަށް ހިމެނޭ ކަމަށް އެ ކޯޓުން ބުންޏެވެ.