ދިވެހި ސިނަމާ

ޓެޑްރީ އުފައްދަނީ އިބިލީހުގެ ކައިވެނިތަ؟

އެހެންޏާ ދެން މި ފިލްމަކަށް ހިތްކިޔައިގެން ތިބި އެންމެން ވެސް މިހާރު އެހެން މީހުންނާ ހިތާވެ، ކައިވެނިކޮށް ނިމިއްޖެ އެވެ. ފަހަރެއްގައި ފިލްމުގެ ނަމަކަށް "ލަސްވިޔަސް" އޭ ކިޔުމަކީ އޭގެ ބަދުނަސީބެވެ.

ޓެޑްރީ މުހައްމަދު ނިޔާޒަކީ އިތުރު ތައާރަފަކަށް ބޭނުންވާ ވަރަށް ވުރެ ފަރިތަ މޫނެކެވެ. އޭނާ މިފަހުން ދެ ފިލްމެއް އިއުލާނުކޮށް "ކަމްބެކެއް" ގެ ވާހަކަ ދެއްކުމުން، އޭނާގެ މަސައްކަތްތަކާއި ދިވެހި ފިލްމީ ދާއިރާ އަށް ލޯބިކުރާ އެތައް ބައެއްގެ ހިތްތައް އުތުރިއަރައިގެން ދިޔައީ އުފާވެރިކަމަކުންނެވެ.

ފިލްމީ ދާއިރާއިން ހާވާ ހަޑިއާ ގުޅިގެން ހިތްމަރުވެފައި ތިބި އެތައް ބަޔަކު އުފަލުން ފޮޅުނީ އެވެ. ޓެޑްރީ އަކީ ކޮން ފެންވަރެއްގެ ޑައިރެކްޓަރެއްކަން އެމީހުންނަށް އެނގޭތީ ކަމަށް ވެދާނެ އެވެ. ޓެޑްރީ އެނބުރި އައިސްފި ނަމަ ފިލްމީ ދާއިރާގެ އިންޖީނު ނިކަން ގަދަ އަށް ހިނގައި ގަންނާނެކަން އެނގޭތީ އެވެ. 

ނަމަވެސް ޓެޑްރީ އިއުލާނުކުރި މި ދެ ފިލްމު ބެލުންތެރިންނާ ހަމަ އަށް ނައިސް މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. ފުރަތަމަ އިއުލާނުކުރީ "ދަންހަޅަ" ނަމަކަށް ކިޔާ ޕްރޮޖެކްޓެކެވެ. އެ ފިލްމުގެ "އުދައެއް" ނާރައިގެން އުޅެނިކޮށް ރާއްޖޭގެ ސިޔާސީ މަސްރަހަށް އުދައަރައިގެން ގޮސް ޓެޑްރީގެ ފިލްމު ބޮޑު ފޮށްޓަށްލައި ތަޅުލާން މަޖުބޫރުވީ އެވެ.

އެއަށް ފަހު ދެން އޭނާ އިއުލާނުކުރީ "ލަސްވިޔަސް" ނަމަކަށް ކިޔާ ޓީވީ ސިލްސިލާއެކެވެ. އެކަމެއް ވެސް ކުރިއަށް ގެންދަން ބޭނުންވި ގޮތަށް ކުރިއަށް ނުގެންދެވިގެން އެންމެފަހުން ދެން އިއުލާނުކުރީ ހަމަ މި ނަމުގައި ފީޗާ ފިލްމެކެވެ. "ލަސްވިޔަސް" ގެ ނަމުގައި މަސައްކަތް ފެށި ޓީވީ ޑްރާމާގެ މަސައްކަތް ލަސްވިލަސްވީނުން ގޮސް ފީޗާ ފިލްމަކަށް ބަދަލުވީ އެވެ.

މި ފީޗާ ފިލްމެއްގެ މަސައްކަތް ވެސް އިއުލާނުކުރިތާ މިހާރު އެތައް ދުވަހެކެވެ. އަދިވެސް ކުރިއެރުމެއް ނުލިބެ އެވެ. އެންމެފަހުގެ މައުލޫމާތު ހޯދާލިއިރު ފިލްމުގެ ސްކްރިޕްޓް މިހާރު ފައިނަލްވެއްޖެ އެވެ. ލަވަ އާއި މިއުޒިކްގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމިއްޖެ އެވެ.

ނަމަވެސް ފިލްމުގެ ގިނަ މަސައްކަތްތައް އަދިވެސް ކުރިއަށް ހުރީ އެވެ. އެހެންވީމަ ޓެޑްރީގެ "ލަސްވިޔަސް" މި އަހަރު ވެސް ބޮޑު ސްކްރީނަށް އަންނާނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތެވެ.

ނަމަވެސް އަންނަ މާޗް މަހު "އަމާނާތް" ގެ ޑީވީޑީ ލޯންޗުކުރާއިރު "ލަސްވިޔަސް" ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ފެނުމުގެ ފުރުސަތު ބޮޑެވެ.

އެހެންވީމަ މި ޚަބަރުން އޭނާގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުމެއް ލިބުނަސް، ޓެޑްރީގެ އެނބުރިއައުމުގެ ސިލްސިލާ އަކީ މިހާތަނަށް ބޮޑު "ޑިސެޕޮއިންޓްމެންޓެކެވެ."

ބޮޑު ސްކްރީނަށް އެނބުރި އަންނާނެ ވާހަކަ ޓެޑްރީ ދައްކަނީ އެވެ. ނުއެއް އާދެވެ އެވެ.

ދެން މި އޮތީ ފާޑުކިޔުންތެރިން ދައްކާ ވާހަކަ އެވެ. އެނބުރި އަންނަން ޓެޑްރީ ޖެހިލުންވަނީ އެވެ. ފިލްމު ފްލޮޕްވެ ފާޑުކިޔުން އަމާޒުވެދާނެތީ ޓެޑްރީ ކަންބޮޑުވަނީ އެވެ. "ލަސްވިޔަސް" ލަސްވަމުން ގޮސް "އިބިލީހުގެ ކައިވެންޏަށް ބަދަލުވީ އެހެންވެ އެވެ. 

ނަމަވެސް ޓެޑްރީ ބުނަނީ "ތިޔަހެނެއް ނުކިޔޭނެ" ކަމަށެވެ.

"މިހާރު ކޮބާ އަހަރެންގެ ފިލްމެއް ފްލޮޕްވެގެން އަހަންނަށް ވާނެ ގެއްލުމަކީ؟ މިތާނގަ މި އުޅެނީ ރޭހަކަށް ނުކުމެގެންނެއް ނޫން. އަހަރެން ރަނގަޅަށް މަސައްކަތްކުރެއޭ އަހަރެން މިއީ އެންމެ މޮޅަށް ފިލްމު ހަދާ މީހާއޭ ކިޔައިގެން އުޅެނީ މީޑިއާ އާއި އޯޑިއެންސުން. އޭތި މަގޭ ބޮލާ ހަމައަކަށް ނުގެންދެވޭނެ،" ޓެޑްރީ ބުންޏެވެ.

"ލަސްވިޔަސް" ޕްރޮޖެކްޓް ލަސްވަމުންދާ މައްސަލާގައި ވާހަކަ ދައްކަމުން ޓެޑްރީ ބުނެފައި ވަނީ މިހެންނެވެ.

ފިލްމު ފްލޮޕްވެދާނެތީ ނުވަތަ ބަޔަކަށް ކަމުނުގޮސްގެން ފާޑުކިޔާފާނެތީ އޭނާގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ނަމަވެސް މި ފިލްމާ އެކު ކޮނޑުގައި ބޮޑު ޒިންމާއެއް އެޅިފައިވާ ކަމަށާއި މި ފިލްމު ގެނެސްދޭއިރު ފިލްމީ ދާއިރާގެ މިއަދުގެ ރަހަތަކަށް އޭނާ އައުޑްޓޭޑްވެފައިވާ ޓެޑް ބުންޏެވެ.

"މި ފިލްމާ އެކު ވަރަށް ބޮޑު ޒިންމާއެއް އެބަ އެޅޭ އަހަރެންގެ ބޮލުގައި. ސަބަބަކީ ދިވެހި ސިނަމާ އަށް މީހުންގެ މެދުގައި އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް ގޮސްފައި މި އޮތީ. އިތުބާރު މި އޮތީ ގެއްލިފައި. އަހަރެންގެ ޒިންމާއަކަށް ވެފައި މި އޮތީ އެ އިތުބާރު ދަމަހައްޓައި އެ ޝައުގުވެރިކަން އުފެއްދުން،" ޓެޑް ބުންޏެވެ.

މި މޭރުމުން ވާހަކަ ދައްކަމުން ޓެޑް އެފަހަރު ބުނެފައި ވަނީ އޭނާ އަކީ "މާޒީގައި ހެދި ފިލްމަކާ މެދު ފަހުރުވެރިގެން ހުންނަން" ބޭނުންވާ މީހެއް ނޫން ކަމަށެވެ. ޓެޑްރީގެ ބޮޑު ސްކްރީނުގެ އަލަތު ތަޖުރިބާ "ދެރިޔާ" އަށް ފަހު އޭނާ ދެ ވަނަ ފިލްމެއް ރަސްމީކޮށް ޑައިރެކްޓްކޮށްފައެއް ނުވެ އެވެ.

އޭގެ ކާމިޔާބީއާ އެކު ޓެޑްރީ ފިލައިފިއޭ ބައެއް މީހުން ބުނަނީ މި ސަބަބާ ހެދި އެވެ. އެފަދަ ކާމިޔާބީއެއް ތަކުރާރުނުކުރެވިދާނެތީ ޓެޑްރީ ފިލްމީ ދާއިރާ އަށް އެނބުރި އަންނަން ބޭނުން ނުވަނީއޭ ބައެއް މީހުން ބުނަނީ އޭނާގެ އެހެން މަސައްކަތެއް ފާއިތުވި 21 އަހަރުވީއިރު ވެސް ބޮޑު ސްކްރީނަށް އައިސްފައި ނުވާތީ އެވެ.

އެހެންވީމަ ލަސްވިލަސްވީނުން ގޮސް ޓެޑްރީ ހަމަ އަސްލަށް ވެސް ފިލީ ހެއްޔެވެ؟ އޭނާ ބުނަނީ "ލަސްވިޔަސް" އެނބުރި އެބަ އަންނަ ކަމަށެވެ.

އެހެންވީމަ އޭނާގެ އާ ފިލްމުގެ ނަމަކަށް އަހަރެމެން ދޭންވީ "އިބިލީހުގެ ކައިވެނި" ހެއްޔެވެ؟