ބޭރު ކުޅިވަރު

ޕޮއިންޓަކުން ފުއްދާލަން ޖެހުމުން، ރޮމޭނިއާގެ އަމިއްލަ ބާރު ކެނޑިއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް "އޭ" ގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗް 1-1 ން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުމުން ރޮމޭނިއާއަށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގައި ފުރުސަތު ކުޑަ ވެއްޖެއެވެ.

މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ރޮމޭނިއާއިންނެވެ. މެޗްގެ 18 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިއާގެ ތެރެއިން ރޮމޭނިއާގެ އެލްގްޒެންޑާ ޗިޕްޗޫގެ ޖޯޒީގައި ހިފެހެއްޓުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރޮމޭނިއާއަށް ލީޑް ނަގައިދިނީ ބޮގްޑާން ސްޓަންކޫއެވެ.

ފުރަތަމަ މެޗްގައި އަލްބޭނިއާއަތުން މޮޅުވި ސްވިޒަލެންޑަށް އެއްވަރުކޮށްދީ ހަތަރު ޕޮއިންޓް ކަށަވަރު ކޮށްދިން ލަނޑު ޖަހައިދިނީ އެޑްމަޔާ މެމެޑީއެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި ފްރާންސް އަތުން ބަލިވި ރޮމޭނިއާ މިރޭ އެއްވަރުވުމުން ލިބުނު ހަމައެކަނި ޕޮއިންޓާއެކު އެޓީމު އޮތީ ގުރޫޕްގެ ތިން ވަނައިގައެވެ.

މިހާރު އޮތް ގޮތުން މިގުރޫޕުން ދެވަނަ ބުރަށް ދާނީ ސްވިޒަލެންޑާއި ފްރާންސެވެ. ސްވިޒަލެންޑް ހަތަރު ޕޮއިންޓް ހޯދާފައިވާއިރު ފްރާންސް އޮތީ ތިން ޕޮއިންޓާއެކު ދެވަނައިގައެވެ.

ނަމަވެސް މިރޭ ފްރާންސާއި އަލްބޭނިއާ ކުޅޭ މެޗުން މޮޅުވެ ފްރާންސަށް ހަ ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ވެގެންދާނެއެވެ.

ގުރޫޕް ފަހު މެޗްގައި ރޮމޭނިއާ ނިކުންނާނީ އަލްބޭނިއާ އާ ދެކޮޅާށެވެ.