އީ ވޯޓިން އަކީ މިނިވަން އިންތިހާބެއް ބާއްވަން އެޅޭ ހުރަހެއް ކަމަށް ބުނެ އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް ބައެއް ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކަނީ އެ ނިޒާމުގެ ސަބަބުން ލިބޭނެ ފައިދާތައް ވަރަށް ރަނގަޅަށް އެނގި ތިބެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ރާއްޖެއަށް އީ ވޯޓިން ތައާރަފްކުރަން އިލެކްޝަނުން ވަނީ ނިންމައި އެކަން އިއުލާންކޮށްފަ އެވެ. އެއާއެކު އެމްޑީޕީން ވަނީ އެ ނިންމުމަށް ދެކޮޅު ހަދައި އެއީ 2018 ގެ އިންތިހާބުގެ ނަތީޖާ އޮޅުވައިލުމަށް ކޮށާލެވޭ މަގެއް ކަމަށް ބުނެ ފާޑު ކިޔާފަ އެވެ.
ޑިމޮކްރަސީއަށް ރައްޔިތުން އަހުލުވެރިކުރުމަށް އިލެކްޝަން ކޮމިޝަނުން ހއ. ހޯރަފުށީގައި ބޭއްވި ޑިމޮކްރަސީ ވީކްގެ ނިންމުން ފާހަގަ ކުރުމަށް މިރޭ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސުލައިމާން ވިދާޅުވީ، އީ ވޯޓިން ނިޒާމެއް ރާއްޖެއަށް ތައާރަފް ކުރުމަށް އެންމެ ފުރަތަމަ ނިންމައި އެކަމުގެ މަސައްކަތް ފެށީ އޭރުގެ ސަރުކާރުގެ ވެރިންގެ ރުހުމާއި ތާއީދާއި އެކު 2011 ވަނަ އަހަރު ކަމަށެވެ. ނަމަވެސް އެ ނިޒާމު ގާއިމްކުރަން މިހާރު ނިންމުމުން އޭރު އެކަމަށް ތާއީދުކޮށް އެއްބާރުލުން ދިން ފަރާތްތަކުން އެކަމަށް އިންކާރުކޮށް ފާޑުކިޔަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.
"އެންމެ ފުރަތަމަ އީވޯޓިން ތައާރަފްކުރަން ނިންމީ 2011 ވަނަ އަހަރު. އޭރު އެކަމަށް ތައުރީފުކޮށް ތާއީދުކުރި މީހުން މިހާރު ކިޔަނީ އެހެން ލަވައެއް،" ސުލައިމާން ވިދާޅުވި އެވެ.
އީ ވޯޓިންއާ ބެހޭގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ފަތުރާ ސިޔާސީ ޕާޓިތަކުން އެފަދަ ވާހަކަ ފަތުރަނީ ހަގީގަތް ނިކަން ރަނގަޅަށް އެނގިތިބެ ކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އީސީގެ ރައީސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތަރައްގީއާއި ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ ދުވަހެއް ދުވަހަކަށް ތަރައްގީވަމުން އަންނަ އިރު އީވޯޓިން ފަދަ އިތުބާރުކުރެވޭ ނިޒާމެއް ރާއްޖެއަށް ތައާރަފްކުރެވެން ނެތް ސަބަބެއް ނެތް ކަމަށެވެ.
"ރާއްޖެ މިދަނީ ތަރައްގީ ވަމުން، ޓެކްނޮލޮޖީއާއި އުމްރާނީ އަދި އިގްތިސޯދުގެ ރޮނގުން، އިންގިލާބީ ދާއިރާގަ ރާއްޖެ ފަހަތުގައި އޮންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް ނުދެކެން. އީވޯޓިންގައި ބޭނުންކުރާ މެޝިނަކީ އިންޓަނެޓާއި ގުޅުވާލާ މެޝިނެއް ނޫން، އެއަކުން ބަޔަކަށް ހެދޭނެ މަކަރެއް އޮޅުވައިލެވޭނެ ގޮތެއް އޮތީއަކީ ނޫން،" ސުލައިމާން ވިދާޅުވި އެވެ.
ސުލައިމާން ވިދާޅުވީ، އީވޯޓިން އަކީ އަވައްޓެރި ގައުމުތަކުގައި ވެސް ކާމިޔާބު ކަމާއެކު ގާއިމްކޮށް އަމަލުކުރަމުންދާ ނިޒާމަކަށް ވާއިރު ރާޢްޖެ ވަކި ފަހަތުގައި އޮންނަން ނުޖެހޭ ކަމަށެވެ.