ހަބަރު

ލަސްނުވެ، މެންބަރެއް ނޫނީ ދެ މެންބަރަކު ޕީޕީއެމާ ގުޅޭނެ: ނިހާން

Feb 12, 2015
1

ލަސްނޫން މުސްތަގުބަލެއްގައި ރައްޔިތުން މަޖިލީހުގެ އިތުރު މެންބަރަކު ނޫނީ ދެ މެންބަރަކު ވެރިކަން ކުރާ ޕީޕީއެމްއާ ގުޅޭނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާސް ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ބައެއް މެންބަރުން އެމްޑީޕީ-ޖޭޕީ ކޯލިޝަނަށް ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، "އަަވަސް" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި، މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގެ ތެރެއިން ސަރުކާރާ ގުޅިގެން މެންބަރުންގެ ދާއިރާ ތަރައްގީ ކުރުމަށް ބޭނުންވާ މެންބަރުން އިދިކޮޅުގައި އެބަ ތިއްބެވި ކަމަށެވެ. އަދި އެފަދަ މެންބަރުންނަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު އޮތް އިރު، ޖޭޕީ އާއި އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ޝައުގުވެރިވެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ނިހާން ވިދާޅުވި އެވެ.

"ގާނޫނުތައް ހެދުމުގެ ޒިންމާއަށް ފަހު ދެން އެންމެ މުހިންމު ކަމަކަށް މި އޮތީ ބަޖެޓަށް ވޯޓު ދިނުމަށް ފަހު ދާއިރާގެ އަސާސީ ހިދުމަތްތަކާއި ތަރައްގީ އަށް މަސައްކަތް ކުރުން. އެހެން ކަމުން ސަރުކާރާ ގުޅިގެން އެ މަސައްކަތް ކުރަން އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެންނާ ގުޅުމަށް މި އަންނަނީ ވާހަކަ ދައްކަމުން. އެގޮތުން ލަސްނުވެ، ދުރުނޫން މުސްތަގުބަލެއްގައި މެންބަރެއް ނޫނީ ދެ މެންބަރެއް ޕީޕީއެމްއާ ގުޅޭނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރާ ގުޅުމަށް ވާހަކަ ދައްކަވާ މެންބަރުންގެ ތެރޭގައި ޖޭޕީގެ މެންބަރުން ހިމެނޭ އިރު ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން އެފަދަ މެންބަރުން އެ ޕާޓީގައި ހިފެހެއްޓުމުގެ މަސައްކަތްތަކެއް މިހާރު ކުރާ ކަމަށެވެ. އެގޮތުން ޖޭޕީގައި ތިބުމަށް ބޮޑެތި ފައިސާގެ އަދަދުތައް ހުށަހެޅުމާއި ފްލެޓް ގަނެދިނުމަށް ވައުދުވުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މެންބަރުން ގެނައުމަށް ޕީޕީއެމުން އެފަދަ ކަމެއް ނުކުރާނެ އެެވެ.

"އެއީ ރައްޔިތުން މެންބަރު ހޮވި އުސޫލެއް ނޫން. އަޅުގަނޑުމެން ގަބޫލު ކުރާ އުސޫލަކީ ދާއިރާ ތަރައްގީ ކުރުމުގެ ރޫހުގައި ސަރުކާރާ މަސައްކަތް ކުރުމަށް މި ޕާޓީއާ ގުޅުން،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ މެންބަރުންތަކެއް އިދިކޮޅު މަސައްކަތްތަކާ ގުޅޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަ އަކީ، ދޮގު ވާހަކަތަކެއް އާންމުންގެ ތެރެއަށް ފަތުރައިގެން ކަންތައްތަކެއް ހާސިލް ކުރުމަށް އެމްޑީޕީން ގެންގުޅޭ ޕްރޮޮޮޮޕެގެންޑާގެ ތެރެއިން ބައެއް ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ބައެއް މެންބަރުންނާ އިދިކޮޅު ހަރަކާތުގެ ފަރާތުން ބައްދަލުކޮށް ފިކުރު ބަދަލު ކުރުމުގެ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބު ނުވި ކަމަށް ނިހާން ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އެބޭފުޅުންނާ ގުޅޭނެ މެންބަރުންނެއް ނެތް. އަޅުގަނޑުމެން ދެނެ މިތިބީ އެބޭފުޅުން ބައެއް މެންބަރުންނާ ގުޅުއްވާ ހެއްދެވިކަން. އެކަމަކު އަޅުގަނޑުމެން މެންބަރުންގެ ތެރޭގައި މި އޮތީ ބަދަހި ގުޅުމެއް. އެއަށް ވުރެ އަޅުގަނޑުމެންގެ މެންބަރުން މާ ހަރުދަނާ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެންބަރުންގެ މެދުގައި ކޮންމެ ދުވަހަކު ވެސް ބަދަހި ކަމާ އެކު ވާހަކަ ދެއްކެވެ އެވެ. އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕަށް ހާއްސަ ވައިބާ ގުރޫޕެއް އޮންނަ ކަމަށާއި އެ ގްރޫޕްގައި އެކި ކަންކަމާ މެދު ބަދަހި ކޮށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ރައީސް ވެސް އެ ގްރޫޕްގައި އުޅުއްވާ އިރު މެންބަރުންގެ އެކި ސުވާލުތަކަށް ޖަވާބު ދެއްވައި މަޝްވަރާ ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެންބަރަކަށް ރައީސްއާ ބައްދަލުނުވެގެން އެޕޮއިންޓްމަންޓެއް ނުލިބިގެން އުޅޭކަށް ނުޖެހޭނެ. ރައީސް ވެސް މެންބަރުންގެ ކަންކަން ކައިރިން ބައްލަވައި ހިޔާލު ބަދަލު ކުރައްވާ އިރުޝާދު ދެއްވާ ހައްދަވައި. އެހެން ވީމާ މި ޕާޓީގެ ޕީޖީ މެންބަރުންނަށް އިސްކަން އެބަދެވޭ. އެ ގުޅުން މި އޮތީ ބަދަހިކޮށް،" ނިހާން ވިދާޅުވި އެވެ.

ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ 10 މެންބަރަކު އިދިކޮޅު ހަރަކާތާ ގުޅޭނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނަޝީދު އެގޮތަށް ވާހަކަ ދެއްކެވި ނަމަވެސް ޕީޕީއެމްގެ މެންބަރަކު އެ ޕާޓީއާ ގުޅިފައެއް ނުވެ އެވެ. ނަމަވެސް އެ ޕާޓީ ތަމްސީލް ކުރެއްވި ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ވަނީ ދާދި ފަހުން ޕީޕީއެމްއަށް ސޮއި ކުރައްވާފަ އެވެ.