ރިޕޯޓް

ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ޔާމީންއަށް ދިނުމުގެ ބޮޑު ބަހުސް!

Jun 16, 2016
4
  • ޕީޕީއެމްގެ އަސާސީ ގަވާއިދުން ހުރަހެއް ނެތް
  • ޕާޓީއަށް ފައިދާ ބޮޑީ ޕްރައިމަރީއެއް ނުބޭއްވުން
  • ރައީސް މައުމޫން ދެކޮޅު ހައްދަވަން ޖެހޭ ސަބަބެއް ނެތް

ރިޔާސީ އިންތިހާބު މަޑުމަޑުން އައިސް ބޯމަތިވަމުން އަންނަ ވަރަކަށް ސިޔާސީ މައިދާނުގެ ޝައުގުވެރިކަން ވެސް މި ވަނީ ބޮޑުވާން ފަށައިފަ އެވެ. މިދިޔަ އެއް ދުވަސް ތެރޭގައި ޕީޕީއެމްގެ އެތެރެ ކޮއިލް ހަލަބޮލިވެފައި މި އޮތީ، ޕްރައިމަރީއެއް ނުބާއްވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންއަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ގޮވާލެވޭ އަޑުތައް ގަދަވުމުންނެވެ. އެކަމަށް ހުށަހެޅި ޕެޓިޝަނާ އެކު ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ފާޑަކަށް އެކަމާ ދެކޮޅު ހައްދަވައި، "ޑިމޮކްރަސީ އާއި ޕާޓީ އުފެއްދި އަސާސްތަކާ ހިލާފު ކަންތައްތައް ކުރުމަށް ނޭދުމަށް" އެދި ހުތުބާ ދެއްވައިފަ އެވެ. މި ހުރިހާ ކަމަކާ އެކު ޕީޕީއެމްގެ އެތެރޭގެ ޕޮލިޓިކްސް މި ވަނީ ވަރަށް ބޮޑަށް އެންމެން ޝައުގުވެރިކޮށްލައިފަ އެވެ.

މިހާރުއެތައް ބައެއްގެ ސުވާލަކީ ރައީސް ޔާމީންއަށް އެ ޓިކެޓް ދޭން މައުމޫން ދެކޮޅު ހައްދަވަންވީ ކީއްވެ ހެއްޔެވެ؟ ޕީޕީއެމްއަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައި ހެއްޔެވެ؟ މިކަމާ ހުރެ ޕޮލިޓިކަލް ޑައިނަމިކްސް ބަދަލުވެ އެނބުރިގެން ދާނީ ކިހިނެތް ހެއްޔެވެ؟

ޕާޓީގެ އަސާސީ ގަވާއިދުން ހުރަހެއް ނެތް

ޕީޕީއެމް އިން 2011 ވަނަ އަހަރު ބޭއްވި ޕީޕިއެމްގެ ކޮންވެންސަންގައި ފާސްކޮށް އަމަލު ކުރަން ފެށި އަސާސީ ގަވާއިދުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެ އެވެ. ފުރަތަމަ ހާލަތަކީ އާންމު ހާލަތެވެ. ޕާޓީ ވެރިކަމެއްގައި ނެތް ދަނޑިވަޅެއްގައި އެ ހާލަތަށް އަމަލު ކުރަން ޖެހޭ އިރު، އަސާސީ ގަވާއިދުގައި ބުނަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވާނީ ރިޔާސީ އިންތިހާބު އޮންނަ ތާރީހުގެ ކުރިން ތިން މަހާއި ހަ މަހުގެ ކުރިން ޕާޓީގެ ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ ޕްރައިމަރީ އަކުންނެވެ.

އެހެން ނަމަވެސް ވެރިކަމުގައި ހުންނަވަނީ ޕާޓީގެ ޓިކެޓްގައި ރައީސްކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައި ވާ ނަމަ ޕާޓީ އިން އަމަލު ކުރަން ޖެހޭނީ އާންމު ހާލަތުން ނޫންކަން ޕާޓީގެ އަސާސީ ގަވާއިދުގައި ސާފު އަކުރުން ލިޔެފައި އެބަ އޮތެވެ. އާންމު ހާލަތުގެ މާއްދާ ނަފީވާ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ، ޕީޕީއެމްގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ނަމަ އެބޭފުޅަކަށް ޓިކެޓް ދެވިދާނެ ކަމަށެވެ.

ޕްރައިމަރީ ނުބާއްވާ ޓިކެޓް ދެވިދާނެ ގޮތުގައި އިޖުރާއަތްތައް ބަޔާން ކުރަމުން އެ ގަވާއިދުގައި ބުނެފައި ވަނީ އެގޮތަށް ޓިކެޓް ދެވޭނީ ޕާޓީގެ ފަރާތުން އިތުރު ބޭފުޅަކު ކުރިމަތިލާން ޝައުގުވެރި ނުވާ ނަމަ ކަމަށެވެ. އަދި ޝައުގުވެރިވެއްޖެ ހާލަތެއްގައި ވެސް ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ޕްރައިމަރީއަކަށް ދާން ފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ނަގައި ގޮތް ނިންމަން ޖެހެ އެވެ.

ޕީޕީއެމްގެ ކައުންސިލްގެ މެންބަރަކު އަދި ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި މެންބަރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު ފަރުމާ ކުރީ ވެސް އެ ޕާޓީގެ ޓިކެޓްގައި ނިކުންނަ ބޭފުޅަކު ޕާޓީގެ ޓިކެޓް ކާމިޔާބު ކުރައްވައިފި ނަމަ، އެބޭފުޅަކަށް ހާއްސަ އިމްތިޔާޒު ތަކެއް ޕާޓީގެ ތެރެއިން ލިބިދޭ ގޮތަށް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރީ ވެސް ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޕާޓީގެ ތެރެއިން އެހީތެރިކަން ލިބޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕްރައިމަރީ ނުބާއްވާ ރައީސުލްޖުމްހީރިއްޔާއަކަށް ހުންނަވާ ޕާޓީގެ ކެންޑިޑޭޓަކަށް ދެވަނަ ދައުރެއް ދިނުމަކީ، ކައުންސިލް މެންބަރު ވިދާޅުވި ގޮތުގައި އެ ވިސްނުމުގައި އޭރު ވެސް ކުރި ކަމެކެވެ. އެކަން ހުދު ރައީސް މައުމޫން އަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

"މައުމޫން އެކަމާ ދެކޮޅު ހައްދަވަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އެއީ ޕާޓީގެ އަސާސީ ގަވާއިދުން އެކަމަށް ހުއްދަ އެބަ ލިބޭ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރައީސްއަކަށް ހުންނެވި ބޭފުޅަކަށް އެ ޓިކެޓް ދޭން. އަނެއްކާ ކައުންސިލު މި އޮތީ ރައީސް ޔާމީންއާ އެކު. އެހެން ވީމާ އެކަމަށް ރައީސް މައުމޫން ދެކޮޅު ހައްދަވަންވީ ސަބަބެއް ނެތް،" ނަން ނުޖަހާ ގޮތަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.

ކައުންސިލްގައި ތިއްބެވި 33 މެންބަރުންގެ ތެރެއިން ހަ މެންބަރަކު ފިޔަވާ ހުރިހާ މެންބަރުން ސޮއިކޮށް ރިޔާސީ ޓިކެޓް ރައީސް ޔާމީންއަށް ދިނުމަށް މައުމޫންގެ އަރިހުން ވަނީ ލިޔުމަކުން އެދިފަ އެވެ. އެކަމާ ގުޅިގެން މައުމޫން ޕަބްލިކްގައި އެއްޗެއް ވިދާޅުނުވި ނަމަވެސް، ކައުންސިލް މެންބަރުންނަށް ވައިބާ އިން މެސެޖް ކުރައްވާ ވިދާޅުވަނީ، ޑިމޮކްރަސީ އާއި ޕާޓީގެ އުސޫލުތަކާ ހިލާފުކަމެއް ކުރެއްވުމަށް އެދިވަޑައިނުގަތުމަށް ދަންނަވާ ކަމަށެވެ. މަންޒަރު ފެންނަ ގޮތަށް ބަލާ އިރު މައުމޫން ހުންނެވި މިކަން އެހާ ފަސޭހައިން ނިންމާ ގޮތަކަށް ނޫނެވެ. އެހެން ނޫނީ އެމަނިކުފާނު އެގޮތަށް މެސެޖް ކުރެއްވުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނެ އެވެ. ވައްތަރަކަށް އެމަނިކުފާނު އެކަމާ ދެކޮޅު ހެއްދެވީ އެވެ.

އެކަމަކު ސުވާލަކީ، ޕީޕީއެމްގެ އަސާސީ ގަވާއިދުން ވެސް އެކަމަށް ހުރަހެއް ނެތް އިރު، ޕާޓީގެ މައި ގުނަވަން ކައުންސިލްގެ ވިސްނުން ވެސް ރައީސް ޔާމީން އަށް ޓިކެޓް އެރުވުމަށް ހުރި އިރު، މައުމޫންގެ އަމިއްލަ ވިސްނުން އެހެން ގޮތަކަށް ނެރުއްވައި އެގޮތަށް އެކަން އަނބުރާލުމުގެ ވިސްނުމެއް މި ހުންނެވީ ކިހިނެތް ހެއްޔެވެ؟ މައުމޫން ޔާމީންއާ ދެމެދު ހިތްޕުޅާ ނުވަނީ ހެއްޔެވެ؟ ނޫނީ ދެބޭފުޅުންގެ މެދުގައި އޮންނަ ކަމަށް ބުނާ ނުތަނަވަސްކަމާއި އުދާސް މާ ބޮޑީ ހެއްޔެވެ؟

މައުމޫން ދެކޮޅު ހައްދަވަނީ ކީއްވެ؟

ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ކިތަންމެ ހޫނުވި ނަމަވެސް މައުމޫން އަކީ މީޑިއާއަށް ނުކުމެ އެއްޗެއް ވިދާޅުވާ ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް މައުމޫން ކަމަކާ ހިޔާލުތަފާތު ވެއްޖެ ނަމަ، އެކަމެއް އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ބޭއްވުމަށް ޕަބްލިކަށް ފެންނަ ވަރަށް އެމަނިކުފާނުގެ އަމަލުތައް ހަރުކަށި ކުރައްވަ އެވެ. ރައީސް އަބްދުﷲ ޔާމީން 2018 ގެ ކެމްޕޭނަށް ތައްޔާރުވުމަށް ލީޑަރުން ތަމްރީން ކުރުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ފެއްޓެވި މަހާސިންތާތައް ޝަރަފުވެރި ކޮށްދެއްވުމަށް މައުމޫންއަށް ދައުވަތު ދެއްވި ނަމަވެސް، އެ ހުރިހާ ދައުވަތުތަކަކަށް އެމަނިކުފާނު ދެއްވީ ބީރުކަންފަތެވެ. އެމަނިކުފާނުގެ އަމަލުފުޅުން ދެއްކެވީ އެކަމާ ދެކޮޅު ކަމެވެ. މިފަހަރު ވެސް އެމަނިކުފާނު އެ ހުންނެވީ ބޮޑާ ހޭކުމުގައި ކަމަށް ފެނެ އެވެ.

ކައުންސިލްގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުން އެކަމާ މަޝްވަރާކުރަން ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އެދުމުން ވެސް މައުމޫން އެކަން ކުރެއްވުމަށް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. މައްސަލަ އެޖެންޑާ ކުރައްވަން ވެސް މައުމޫން ބޭނުންފުޅު ނުވަނީ އެވެ. އެހެން ކައުންސިލް މެންބަރަކު ވިދާޅުވާ ގޮތުގައި، ޕާޓީގެ ހާއްސަ އާންމު މަޖިލީހުގެ ބައްދަލުވުމެއް ވެސް ބޭއްވޭނީ ކައުންސިލުން ނިންމައިގެން ކަމަށްވާ އިރު އެކަން ވެސް ކުރައްވަން ރައީސް މައުމޫން ހުންނެވީ ބޭނުންފުޅުވެގެން ހެނެއް ހިއެއް ނުވެ އެވެ.

ސިޔާސީ ކްރިޓިކްސް އިން ވިދާޅުވާ ގޮތުން ނަމަ، މައުމޫން އެގޮތަށް އަމަލު ކުރެއްވުމުގެ އޮތީ ދެގޮތެކެވެ. އެއީ ރައީސް މައުމޫން ނެރެން ބޭނުންފުޅުވާ ކެންޑިޑޭޓެއް ޕާޓީގެ ތެރޭގައި ހުންނެވުމެވެ. އަދި އަނެއް ގޮތަކީ ރައީސް ޔާމީން ކޮންޓްރޯލް ކުރެއްވުމަށް ކުޅޭ ސިޔާސީ ކާޑެއްގެ ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މައުމޫންގެ އަތްޕުޅުގައި ބާއްވަން ބޭނުންފުޅު ވަނީ އެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރަކު ވިދާޅުވީ ރައީސް ޔާމީން ކަނޓުވާލާފައި މައުމޫން ނެރުއްވަން ބޭނުންފުޅާ އެހެން ބޭފުޅެއް ހުރިހެން ހިއެއް ނުވެ އެވެ. ސަބަބަކީ، މުޅިން އާ ރިޔާސީ ކެންޑީޑޭޓެއް ނެރެގެން ކެމްޕޭން ކޮށް އިންތިހާބެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހަނިކަން ރައީސް މައުމޫން އަށް ވެސް ވިސްނިވަޑައިގަންނަވާނެ އެވެ.

ރައީސް މައުމޫން ކެންޑިޑޭޓެއް ނެރުއްވާ ނަމަވެސް، ނެރުއްވަން ހުންނެވީ، އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އަދި އަނެއް ބޭފުޅަކީ، ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެހެން ނަމަވެސް އުމަރު ވަނީ ރައީސް ޔާމީންއާ ވާދަ ނުުރައްވައި އެމަނިކުފާނަށް ސަޕޯޓް ކުރައްވާނެކަން މާ ކުރިން އިއުލާން ކުރައްވައިފަ އެވެ. އެކަމަކު ފާރިޝްގެ ވިސްނުންފުޅެއް ނޭނގެ އެވެ.

އެހެން ނަމަވެސް މައުމޫންގެ ނިންމެވުންތަކަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާ ދެ ދަރިން ކަމަށްވާ، ރައީސް އޮފީހުގެ މިނިސްޓަރު ގައްސާން މައުމޫން އަދި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ޕެޓިޝަންގައި ސޮއި ކުރައްވައި ރައީސް ޔާމީންއަށް ޕްރައިމަރީއެއް ނުބާއްވާ ޓިކެޓް ދިނުމަށް ވަނީ ތާއީދު ކުރައްވައިފަ އެވެ. މަންޒަރު ފެންނަ ގޮތަށް ބަލާ ނަމަ އާއިލާގެ ތެރެއިން ކެންޑިޑޭޓެއް ނެރެން މައުމޫންގެ އާއިލާގެ ރުހުން އޮތް ހެން ހީނުވާ ކަމަށް ޕީޕިއެމްގެ މަޖިލީހުގެ މެންބަރު ލަފާކުރައްވަ އެވެ.

މައުމޫންގެ މޯޓިވް އެއް ކަމަށް އެބޭފުޅާ ވެސް ވިދާޅުވަނީ، ރައީސް ޔާމީންގެ ނިންމެވުންތަކުގައި ރައީސް މައުމޫންގެ ނުފޫޒު ބޭއްވުމަށް އެމަނިކުފާނު ބޭނުން ކުރައްވާ ސިޔާސީ ކާޑަކީ ރިޔާސީ ޓިކެޓް ކަމުގައި ހެއްދެވުމެވެ. މައުމޫން އަކީ އެމަނިކުފާނު ސިޔާސީ ނުފޫޒު ވަރަށް ވެސް ގަދަ ބޭފުޅެކެވެ. އެހެން ނަމަވެސް ރައީސް ޔާމީން ބައެއް ފަހަރު އަމިއްލަ ވިސްނެވުމަށް އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމަވަ އެވެ. އެކަމަކު އެއީ ރައީސް މައުމޫން ކޮންމެ ފަހަރަކު ހިތާވާ ނިންމުމަކަށް ވެސް ނުވެދާނެ އެވެ. އެހެންވެ މައުމޫން ބޭނުންފުޅު ވަނީ ރައީސް ޔާމީން އެމަނިިކުފާނުގެ ކޮންޓްރޯލްގައި ބެހެއްޓެވުން ކަމުގައި ވެދާނެ އެވެ.

ޕީޕީއެމްއަށް ފައިދާ ބޮޑީ ކޮން ގޮތެއް؟

ރާއްޖެއާ އެންމެ އެއްގޮތް ވެރިކަމުގެ ނިޒާމެއްގެ ތަޖުރިބާ ކުރާ ދުނިޔޭގެ އެންމެ ތަހުޒީބު ޑިމޮކްރަސީ، އެމެރިކާއަށް ބަލާ އިރު، އެ ގައުމުގައި ވެރިކަން ކުރާ ރައީސްއަކަށް ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭފަކު ނިސްބަތްވާ ޕާޓީ އަކުން ޕްރައިމަރީއެއް ނުބާއްވާ އަންނަނީ ދެމުންނެވެ. މިހާރު ވެރިކަމުގައި ހުންނެވި އޮބާމާއަށް ޑިމޮކްރެޓިކް ޕާޓީ އިން ދެވަނަ ދައުރަށް ރިޔާސީ ޓިކެޓް ދިނީ ވާދަވެރި ޕްރައިމަރީއެއްގެ ތެރެއަކުން ނޫނެވެ. އޭގެ ކުރިން ހުންނެވި ޖޯޖް ޑަބްލިއު ބުޝްއަށް ވެސް ރިބަޕްލިކަން ޕާޓީ އިން ދެވަނަ ރިޔާސީ ދައުރެއްގެ ޓިކެޓް ދިނީ ޕްރައިމަރީއެއް ނެތި އެވެ.

އެމެރިކާގައި މިފަހަކަށް އައިސް އެ އުސޫލު ގެންގުޅެން ފެށީ ހިތި ތަޖުރިބާ ތަކަކަށް ފަހުގަ އެވެ. ޕާޓީގެ ފަރާތުން އެއް ދައުރު ވެރިކަން ކުރުމަށް ފަހު އެ ޕާޓީއެއްގެ އަތުން ވެރިކަން ފުރޮޅިގެން ދިޔުމުން ކުރަން ޖެހޭ ހިތި ތަޖުރިބާ ބޮޑުކަމާ ހުރެ، ޕާޓީތަކަށް ވެސް ނިންމަން މަޖުބޫރުވީ ވެރިކަމުގައި ހުންނަ ރައީސް އަކީ ޕާޓީގެ ޓިކެޓްގައި ވާދަކޮށް ހޮވުނު ބޭފުޅަކަށް ވާތީ ދެވަނަ ދައުރެއްގެ ޓިކެޓް ޕާޓީގެ ހާއްސަ ކޮންވެންޝަނެއް ބާއްވައިގެން ދިނުމަށެވެ. މިސާލަކަށް 1986 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، ދެ ވަނަ ދައުރެއް ފުރުއްވުމުގެ ފުރުސަތު އޭރުގެ އެމެރިކާގެ ރައީސް ޑިމޮކްރަޓިކް ޕާޓީގެ ޖިމީ ކާޓާއަށް ގެއްލިގެން ދިޔައީ، ޕާޓީގެ އެތެރޭގެ ޕްރައިމަރީގެ ތެރޭގައި އުފެދުނު ވާދަވެރިކަމުގައި ޕާޓީ ތެރެއިން އުފެދުނު ހަމަނުޖެހުން ތަކުގެ ތެރެއިންނެވެ. އޭގެ ފުރިހަމަ ފައިދާ ނަންގަވާ، ރިބަލިކަން ކެންޑިޑޭޓް ރޮނަލްޑް ރޭގަން އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.

މި ނޫނަސް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ތާރީހަށް ބަލާ އިރު، ޕާޓީގެ ކެންޑިޑޭޓަކު ވެރިކަމުގައި ހުންނަވަނިކޮށް ދެވަނަ ދައުރެއް ނުދީ ޕާޓީގެ ޕްރައުމަރީއެއް ބާއްވައިފި ނަމަ، އެ ޕާޓީއަކަށް ޖައްސަޖައްސައިގެން ދެ ދައުރު ވެރިކަން ކުރުމުގެ ފުރުސަތު އޮތީ ގެއްލިފަ އެވެ. ސަބަބަކަށް ވެފައި އޮންނަނީ ކެމްޕޭނަށް ވުރެ ޕްރައިމަރީއެއްގެ ސަބަބުން ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވުމެވެ.

ތާރީހަށް ބަލާ އިރުވެސް އެންމެ ފަހުން، ޕީޕީއެމްގެ އެތެރޭގެ ޕްރައިމަރީގައި ވެސް ރައީސް ޔާމީންއާ އޭރު ވާދަވެރި ކެންޑިޑޭޓް އުމަރު ނަސީރާ ދެބޭފުޅުންގެ ސިޔާސީ ވާދަވެރިކަން ބޮޑުވެ ޕާޓީގައި އިތުރު ފެކްޝަނެއް ނުއުފެދި އޭރު ވެސް ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އޭރުގެ ޕްރައިމަރީ ކާމިޔާބު ކުރަން އުމަރު އެކި ގޮތްގޮތަށް ދެއްކި ވާހަކަތައް މި ސަރުކާރާ ދެކޮޅަށް ބޭނުންކޮށް އޭގެ ސިޔާސީ ފައިދާ އިދިކޮޅު ފަރާތްތަކުން ކިތަންމެހާ ވެސް ރަނގަޅަށް ނަގަ އެވެ.

ޕީޕީއެމް އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ތަޖުރިބާއަށް ބަލާ އިރު ޕާޓީގެ އެއްބައިވަންތަކަށް ދެމެހެއްޓުމަށް ޕްރައިމަރީއަކަށް ދިޔުން އެއްގޮތަކަށް ވެސް ބުއްދިވެރިއެއް ނޫނެވެ. ޕްރައިމަރީއަކަށް ގޮސްފި ނަމަ ޕާޓީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބުރޫއަރާނެ އެވެ. އޭގެ ސަބަބުން އިންތިހާބުން ޕީޕީއެމް ބޮޑު ބައްޔަކުން ބަލިވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑުވާނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ. ޒަމީރު ވިދާޅުވާ ގޮތުގައި އެންމެ ފަހުން ބޭއްވި ޕާޓީގެ ޕްރައިމަރީ އިން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށެވެ. ރިޔާސީ ރޭހަށް ނުުކުންނަ އިރު ޕާޓީގެ އެއްބައިވަންތަކަށް ވަރަށް ވެސް މުހިންމު ވާނެ އެވެ.

ރިޔާސީ އިންތިހާބަކަށް ކެމްޕޭން ކުރަން ދެން މި އޮތީ ގާތްގަނޑަކަށް ދޮޅު އަހަރެވެ. ރިޔާސީ ކެމްޕޭނެއް ކޮށް ވާދަވެރިން ބަލި ކުރަން އަސްލު މާބޮޑު ފުރުސަތެއް ދެނެއް ނެތެވެ. ރައީސް ޔާމީންއަށް ލަސްނުކޮށް ރިޔާސީ ޓިކެޓް ޕީޕީއެމް އިން ދޭން ޖެހޭކަމަށް ވިދާޅުވަމުން، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ވީހާ ވެސް އަވަހަކަށް ޕާޓީއަށް ވެސް އަދި އާންމު މެންބަރުންނަށް ވެސް އެނގެން ޖެހޭ ކަމަށެވެ. އަދި އެހެން ނޫން ނަމަ ރިޔާސީ ކެމްޕޭން ކުރަން އުނދަގޫވެ ޕާޓީގެ މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިދާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އެ ސަބަބަށް ޓަކައި ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ޔާމީންއަށް ވީހާ ވެސް އަވަހަކަށް ޕީޕިއެމްގެ ރިޔާސީ ޓިކެޓް ދިނުން ކަމަށް ނިހާން ދެކެވަޑައިގަންނަވަ އެވެ.

"ރައީސް ޔާމީން ނަތީޖާ ނެރުއްވާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. މިވަރުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގި ތަނެއް އަޅުގަނޑެއް އަދި ނުދެކެން. ރައީސްގެ ވައުދުތައް ފުއްދަވަމުން އެބަ ގެންދަވާ. ދެން އަޅުގަނޑުމެންގެ ތެރޭގައި ނެތް އެމަނިކުފާނާ ވާދަ ކުރައްވާނެ ކަމަށް ބުނާ ބޭފުޅެއް. އެހެން ވީމާ މިހާރުން މިހާރަށް ވެސް ރައީސް ޔާމީންއަށް އެބަ ޖެހޭ ރިޔާސީ ޓިކެޓް ދޭން. އެކަމަށް ކުރާ މަސައްކަތަކަށް އަޅުަނޑު ތާއީދު،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ އެތެރޭގެ ޕޮލިޓިކްސް ރޭވިފައިވާ ގޮތަށް ބަލާ އިރުވެސް، އަދި ބާރުގަދަ ބަސްވިކޭ ބޭފުޅުންގެ ވިސްނުމަށް ބަލާ އިރުވެސް ޕްރައިމަރިއެއް ނުބާއްވާ ރައީސް ޔާމީން އަށް ޓިކެޓް ދިނުމަކީ މައްސަލައެއް އޮތް ކަމެއް ކަމަކަށް ނުފެނެ އެވެ. އަދި ދުނިޔޭގެ ބޮޑެތި ޑޮމޮކްރަސީތަކުގައި ބެސްޓްޕްރެކްޓިސްއެއްގެ ގޮތުގައި އެކަން ވަނީ ބަލައިގެންފަ އެވެ. ނިހާން ވިދާޅުވާ ގޮތަށް ޕާޓީގެ ރައީސްގެ އަމިއްލަ ހިޔާލު ފުޅަކީ އަދި މުޅިން އެހެން ކަމެކެވެ. މައުމޫންގެ ހިޔާލުފުޅު ކޮންމެ ގޮތަކަށް ހުންނެވި ނަމަވެސް ޕީޕީއެމްގެ ސިޔާސީ ކުޅިބައި އެތުރިފައި އޮތްގޮތުން ޕްރައިމަރީއެއް ނެތި ރައީސް ޔާމީންއަށް ޓިކެޓް ދިނުމަށް ގޮވާލާ އަޑުތައް މާ ގަދަވެފައި ބާރު ގަދަ އެވެ. އެކަމަކު ގޮތް ނިންމާނީ ޕާޓީންނެވެ. އަނެއް ވިސްނުމަކުން ވިސްނާ ނަމަ ޕީޕީއެމްގެ ވެެރިކަމެއް އޮތުމަކީ ރައީސް މައުމޫން އާއި އާއިލާއަށް އޮތް ބޮޑު ރައްކާތެރި ކަމެކެވެ.