ހަބަރު

މަރާލަން އުޅޭ ކަމަށް ބުނެ، ސެކިއުރިޓީއަށް ރިޔާޒް އެދިވަޑައިގެންފި

ބަޔެއްގެ ރޭވުމުން ފުރާނަ ދުއްވާލަން އުޅޭ ކަމަށް ބުނެ، ސެކިއުރިޓީ ހޯދުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންފި އެވެ.

ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް އެޑްރެސްކޮށް ރިޔާޒް މިއަދު ފޮނުއްވި ސިޓީގައި ބުނެފައި ވަނީ، ޖިނާއީ ކަންތައްތަކެއް އޭނާގެ ބޮލުގައި އެޅުވުމަށް ޓަކައި އޭނާގެ އޮފީހަށް، ކާރުގެ ޑިކީއަށް ނޫނީ ދިރިއުޅުއްވާ އެޕާޓްމަންޓަށް މަސްތުވާތަކެތި ވައްދަން އުޅޭ ކަމަށް އޭނާއަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނު ފަހުން ސައިކަލެއްގައި ތިބޭ ދެ މީހަކު އޭނާއަށް ފާރަލަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށެވެ.

"މިހާރު ސިޔާސީ މަސްރަހު ހުރި ގޮތުން އަޅުގަނޑުގެ ފުރާނަ ދުއްވާލުމަށް ބަޔަކު މަސައްކަތް ކޮށްފާނެ ކަމުގެ ބިރު ހީވާތީވެ، އަޅުގަނޑަށް ސެކިއުރިޓީ ބޭނުންވާ ވާހަކަ ދެންނެވީމެވެ. އެގޮތުން އަޅުގަނޑާއި އަޅުގަނޑުގެ ގޭގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓައިދެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އެދި ދެންނެވީމެވެ،" މިދިޔަ އާދިއްތަ ދުވަހު ރިޔާޒް ފޮނުއްވި ސިޓީގައިވެ އެވެ.

ނަމަވެސް އެކަން އަދި ހަމަޖައްސައިދީފައި ނެތް ކަމަށް ރިޔާޒް މިރޭ ވަނީ ވިދާޅުވެފަ އެވެ.

ރިޔާޒް ކުރެއްވި ޓްވީޓެއްގައި އާންމު ކުރެއްވި އެ ސިޓީގައި ވާގޮތުން، އޭނާގެ ސައިކަލްގައި ރޯކޮށްލައި ގަޔަށް ޕެޓްރޯލް ޖެހި އިރުވެސް އެކަން ކުރީ ކޮން ބައެއްކަން ފުލުހުންނަށް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އަދި އެކަމާ ރިޔާޒް ވަނީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމްގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ. ނާޒިމްގެ ގެ އިން ފެނުނު ހަތިޔާރަކީ ރިޔާޒް ތުހުމަތު ކުރައްވާ ގޮތުން ފުލުހުން ޕްލާންޓް ކުރި އެއްޗެކެވެ. އަދި ފުލުހުންނަށް ރިޔާޒް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.