ރޯދަ މަހާ ރޯއްޖާ

ސްޕެއާ ވިއްކުމުން ފެށި ހަސަންގެ ކާމިޔާބު ދަތުރު

Jun 17, 2016
  • ސަފާރީ ހިންގުމުގައި ހިތި ތަޖުރިބާތަކެއް ކުރި
  • ކާމިޔާބު ލިބުނީ ހިތްވަރާއި މަސައްކަތުން
  • އުންމީދަކީ ސަފާރީތަކަށް ބަނދަރެއް ހޯދުން

މި ވިޔަފާރި ފެށުނީ ވަރަށް އާދައިގެ ގޮތެއްގަ އެވެ. ދެބެން ގުޅިގެން ހިންގާ ވިޔަފާރިއެއްގެ ގޮތުގަ އެވެ. ފުރަތަމަ މަސައްކަތަކީ އެއްގަމު އުޅަނދު ފަހަރުގެ ސްޕެއާ ވިއްކުމެވެ. އެ ވިޔަފާރީގައި ކާމިޔާބުތަކެއް ހޯދި އެވެ. އަދި އޭގެ ފަހުން ދެބެން ބޭނުންވެގެން ވިޔަފާރި ވަކި ކޮށްލީ އެވެ. މިއާއެކު އޭނާ ބޭނުންވާ "ތަފާތު ކަމެއް" ކުރުމަށެވެ. މިއީ ހޭންޑީ ހޯލްޑިންގްސްގެ ވެރިޔާ ހަސަން ހަލީމް އެވެ.

"ފުރަތަމަ ފެށީ ބޭބެއާއެކު. ނަމަވެސް ފަހުން ކުރިއަށްދާން ރަނގަޅުވާނީ ވަކިކޮށްލީމަ ކަމަށް ފެނިގެން ވަކިވީ. އޭގެ ފަހުން އަޅުގަނޑު ހެދީ ވަކި ކުންފުންޏެއް،" ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުގެ ޖަމިއްޔާ ލޭމްގެ ރައީސް ހަސަން ވިދާޅުވި އެވެ.

ހަސަން ވަނީ ވިޔަފާރި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން މާލޭގައި 10 ފިހާރައެއް އޭނާ ހިންގި އެވެ. މި ވިޔަފާރީގެ ތެރޭގައި ހާޑްވެއާ އާއި އަންނައުނާއި އައިސް އަލަމާރި ފަދަ ތަކެތި ވިއްކާ ފިހާރަތައް ވެސް ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރިސޯޓު ތަރަައްގީ ކުރުމަށް ރިސޯޓުތަކަށް ބިޑްވެސް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އެވެ.

"މީގެ ފަސް އަހަރު ވަރު ކުރިން ވިޔަފާރި އިތުރަށް ފުޅާކުރުމަށް ވަރަށް މަސައްކަތް ކުރިން. އެގޮތުން ސަރުކާރުން ރިސޯޓުތައް ދޫކުރިއިރު ރިސޯޓަށް ބިޑް ވެސް ކުރިން. އެހެން ނަމަވެސް ނުލިބުނު. ނުލިބުމާ ގުޅިގެން ހިތަށް އެރީ ޓޫރިޒަމް އިންޑަސްޓްރީއަށް ނުކުންނަން،" ހަސަން ވިދާޅުވި އެވެ.

މިއީ، ހަސަން ޓޫރިޒަމް ވިޔަފާރީގެ ތެރެ އަށް އިތުރަށް ނުކުރުތުމަށް ހިތްވަރު ލިބުނު ސަބަބަކަށްވި އެވެ. މި ހިސާބުން ފެށިގެން އޭނާވަނީ ސަފާރީ އޮޕަރޭޓް ކުރުމުގެ ވިޔަފާރި ފަށާފަ އެވެ. "ހޭންޑީ ކްރޫޒް" ގެ ނަމުގައި ސަފާރީއެއް ބަނދެ މަސައްކަތް ފެށި އެވެ،

"މިހާރު އެންމެ ރަނގަޅީ ސަފާރީ ވިޔަފާރި. އަޅުގަނޑަށް ހީވަނީ ޓޫރިޒަމް އިންޑްސްޓްރީއާ ގުޅުން ހުރީމަހެން ރަނގަޅީ،" ހަސަން ވިދާޅުވި އެވެ.

މި ވިޔަފާރީގެ އިތުރުން "ހޭންޑީ ހޯލްޑިންސް" ގެ ދަށުން ފެން ހުޅުމާލޭގައި ފެން އުފެއްދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ހަސަންގެ އުންމީދަކީ އޭނާގެ 'ހޭންޑީ ވޯޓާ" ގެ ވިޔަފާރި ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވުމެވެ.

"ތިން އަހަރުވީ ކުންފުންޏަކާ ބަލާއިރު ފެނުގެ ވިޔަފާރި ރަނޅު. އެހެން ފަރާތްތަކާ ވާދަކުރަން ޖެހެނީ. އެކަމަކު ވަރަށް ބޮޑު ޑިމާންޑެއް އޮވޭ،" ހަސަން ވިދާޅުވި އެވެ.

"އެހެން ކުންފުނިތަކާ ވާދަކުރުމަކީ ގޮންޖެހުމެއް. ނަމަވެސް އަޅުގަނޑުމެންނަކީ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް. އެހެންވެ މަގުސަދަކީ ކުރިއަށް އޮތް ތަނުގައި ވިޔަފާރި ރަނގަޅުވުން."

ހަސަންގެ ވިޔަފާރީގައި މިހާރު ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް އޭނާ މި ހިސާބަށް އައުމަށް ގިނަ މަސައްކަތް ތަކެއް ކުރި އެވެ.

ވިޔަފާރީގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެވެ. އޭނާ މި ވިޔަފާރީގައި ފުރަތަމަ މަސައްކަތް ފެށީ 2008 ވަނަ އަހަރު އެވެ. އަދި ހަސަން ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާއާ ގުޅުނީ ވިޔަފާރީގައި ދިމާވި "ހިތި" ތަޖުރިބާތަކަށް ފަހު އެވެ. އެއީ 2009 ވަނަ އަހަރު ހޭންޑީގެ ސަފާރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.

"އެ ފަދަ ކުރަމުން އައި މަސައްކަތް ގާތްގަނޑަކަށް ހުއްޓިގެން ދިޔައީ. ދަރަނިވެރިވެގެން ދިޔަ. މީހުންނަށް ދޭން ޖެހޭ އެއްޗިހި ވެސް ނުދެވި ދިޔައީ. އެކަމަކު އިރާދަކުރެއްވިއްޔާ ރަހުމަތްތެރިންނާ ތިމާގެ މީހުންގެ އެހީގައި އަލުން ބޯޓު ހަދައިގެން 2011 ވަނަ އަހަރު ނެރުނީ،" ހަސަން ވިދާޅުވި އެވެ.

މި ތަޖުރިބާއާއެކު ހަސަން މަސަކަތް ފެށީ އޭނާ އަށް ކުރި ތަޖުރބާ އެހެން މީހަކަށް ވިޔަ ނުދިނުމަށެވެ. އެހެންވެ އޭނާ ބޭނުންވީ ސަފާރީ އިންޑަސްޓްރީއަށް ހިދުމަތް ކުރާށެވެ. އެހެންވެ ލޭމްގެ ރައީސްގެ ގޮތުގައި އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތް ފެށި އެވެ. މި ގޮތުން ސަފާރީ ބަނދަރެއް ހޯދުމަށް ހަސަން ދަނީ މަސައްކަތް ކުރަމުންނެވެ.