ދުނިޔެ

ޕާކިސްތާނާއި އަފްގާނުން ހަނގުރާމަ ފަށާފާނެތީ އެމެރިކާ ކަންބޮޑުވެފައި

Jun 16, 2016
1

އަވައްޓެރި ޕާކިސްތާނާއި އަފުގާނިސްތާން ގުޅުވައިދޭ ބޯޑަރު ސަރހައްދުގައި ދެގައުމުގެ އަސްކަރިއްޔާއިން ބަދަލު ކުރަމުންދާ ހަމަލާތަކާ މެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދެ ޤައުމު ގުޅުވައިދޭ "ޓޯކްހަމް' ބޯޑަރު ސަރަހައްދުގައި ރޭ ދިން ހަމަލާއެއްގައި އަފްގާންގެ ބޯޑަރު ބަލަހައްޓަން ހުރި ގާޑަކު ވަނީ މަރުވެފަ އެވެ. އެ ހަމަލާދީފައި ވަނީ ބޯޑަރުގެ އަފްގާނިސްތާނާވީ ފަޅިންނެވެ. ބޯޑަރުގައި ދެ ގައުމުން ހަމަލާތައް ބަދަލު ކުރަމުން މި ދަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ މިއަދުގެ ބްރީފިންގައި ސްޓޭޓް ޑިޕާޓްމެންޓް ތަރުޖަމާން ޖޯން ކްރަބީ ވިދާޅުވީ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުންތައް ބަދަލު ކުރުމަކީ އެމެރިކާ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އޭނާ ވަނީ ދެގައުމުންވެސް ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށްފަހު ދެގައުމުގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ގޮވާލާފަ އެވެ.

"އަހަރެމެންނަށް (އެމެރިކާ) އަށް ވިސްނެނީ ދެ ގައުމުގައި އޮންނަ ރަނގަޅު ގުޅުމަކުން ކަން ސަރހައްދުގައި ސުލްހަ ގާއިމް ކުރެވޭނީ" ކްރަބީ ވިދާޅުވި އެވެ.

ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ފެށީ، ދެ ގައުމުގެ އިން ވަކި ކުރާ ރޮގު ކައިރީގައި ޕާކިސްތާނުން ޕާކިސްތާނުން އިމާރާތް ކުރަމުންދާ 2200 ކިލޯމީޓަރުގެ ދަނގަޑު ފެންސަކާ ގުޅިގެންނެވެ.

އަފްގާނިސްތާން އޮފިޝަލުން ބުނީ އެކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޕާކިސްތާނުން މަސައްކަތް ކުރަނީ 19 ވަނަ ގަރުނުގައި އިނގިރޭސިންގެ ކޮލަނައިޒުން މަސައްކަތް ކުރި ގޮތަށް ކަމަށެވެ. އެކަމަކީ ބަލައިނުގަންނަ ކަމަށް އަފްގާނުން ބުނެ އެވެ. ޕާކިސްތާނުން ބުނީ އެބޯޑަރު ގޭޓްގެ ބޭނުމަކީ އަފްގާނިސްތާނު ސަރަހައްދުން އެތެރެވާ ހަނަގުރާމަވެރިން ހުއްޓުވުން ކަމަށެވެ.