ހަބަރު

ބާ ޖަމާލުއްދީން ހުސްކުރުން މި މަހުގެ 26 އަށް އިތުރުކޮށްދެއްވައިފި

ގައުމީ ޔުނިވަސިޓީގެ ބައެއް ފެކަލްޓީތައް ހިންގަމުން އަންނަ ބާ ޖަމާލުއްދީން ނޫނީ ޔުނިވަސިޓީގެ ޖީ ބްލޮކް ހުސް ކުރަން ދީފައިވާ ހަތް ދުވަހުގެ ނޯޓިސް އުވާލައި، އެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދެއްވާ ގޮތަށް ރައީސް މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެގޮތަށް ރައީސް ނިންމެވީ މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމުގެ ސަބަބުން ދަރިވަރުންގެ ހައްގުތަކެއް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ޔުނިވަސިޓީގެ ފަރާތުން ސަރުކާރާ ހިއްސާކޮށްފައިވާތީ އެވެ. ނަމަވެސް މީގެ ކުރިން ވެސް ތަކުރާރުކޮށް ނޯޓިސް ދީފައިފައި ވާތީ ދަން ހުސްކުރުމަށް އެންމެ ދިގު މުއްދަތަކަށް ދެވެން އަންނަނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ބާ ޖަމާލުއްދީންގެ އިމާރާތް ބާވެ، އެތަނަކީ ކިޔަވައި ދިނުމަށް ރައްކާތެރި ތަނެއް ނޫން ކަމަށް ނިންމައި އެތަނުން ބަދަލުވުމަށް ސަރުކާރުން ޔުނިވަސިޓީއަށް އެންގީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ވެސް އެތަނުން އެހެން ތަނަކަށް ބަދަލުވުމަށް ޔުނިވަސިޓީއަށް އަންގާފައިވެ އެވެ. ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޓޫރިޒަމް ހިންގާ ސޯސަންގެވެސް އިއްޔެ ވަނީ ފުލުހުންގެ މެދުވެރިކޮށް ހުސްކޮށްފަ އެވެ.

ނަމަވެސް ޔުނިވަސިޓީން ވަނީ ސަރުކާރުގެ އެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި މިހާރު ބޭނުން ކުރާ އެ އިމާރާތްތަކުގެ ބަދަލުގައި އެހެން އިމާރާތެއް ހަމަޖައްސައި ނުދެނިސް އެ ތަންތަނުން ނުކުތުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ޔުނިވަސިޓީން ބުނެފައިވެ އެވެ. އެތަނުން ރައީސް އޮފީހުގެ މި އަމަލް ސިފަކޮށްފައި ވަނީ މަތީ ތައުލީމަށް ހުރަސް އަޅަން ސަރުކާރުން ހިންގާ ކަންތައްތަކެއްގެ ގޮތުގަ އެވެ.

ރައީސް އޮފީހުން ބުނީ ދަރިވަރުންނަށް ރައްކާތެރި އިމާރާތްތަކެއްގައި ނޫން ގޮތަކަށް ޔުނިވަސިޓީއެއްގެ އެއްވެސް ފެކަލްޓީއެއް ހިންގުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ. އަދި ކުއްޖަކަށް ގެއްލުމެއް ވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.