ރާއްޖެ ކުޅިވަރު

ބާސްކެޓް އިންތިހާބު ބާއްވާނެ ތާރީހު ކަނޑަނޭޅުމުން، މައްސަލަ ސްޕޯޓްސް ކޮމިޝަނަރަށް

ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް އެ އެ އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުން ނުބޭއްވުމުން މައްސަލަ، ސްޕޯޓްސް ކޮމިޝަނަރަށް ހުށަހަޅައިފި އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އާރިފް ރިޒާ ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރަށް މައްސަލަ ހުށަހެޅީ އިންތިހާބު ތާރީހް ކަނޑައެޅުމަށް އެކްސްކޯ ބައްދަލުވުން ބާއްވަން އެތަށް ފަހަރަކު މަސައްކަތް ކުރި ނަމަވެސް އެކްސްކޯގެ މެންބަރުންގެ އެއްބާރުލުން ނުލިބުމުން ކަމަށެވެ.އޭނާ ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރުގެ އިތުރުން، ޔޫތު މިނިސްޓްރީއަށާއި ސްޕޯޓްސް ކައުންސިލަށްވެސް މައްސަލަ ހުށަހެޅުއްވި ކަމަށެވެ.

އަދި ސްޕޯޓްސް ކައުންސިލުން އެކްސްކޯ މެންބަރުންނާ ދެ ފަހަރު މަތިން ބައްދަލު ކުރި ނަމަވެސް އެކްސްކޯ ބައްދަލުވުމަށް އެއްބާރުލުން ލިބިފައި ނުވާކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްފިން އެކްސްކޯ ބައްދަލުވުން ބޭއްވުމަށް. ނަމަވެސް އެކްސްކޯގެ ބައެއް މެންބަރުންގެ ފަރަތުން އެއްބާރުލުމެއް ނުލިބުނު." ޢާރިފް ވިދަޅުވިއެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ހިނގަމުންދާ ދައުރު ހަމަވާނީ އަންނަ މަހު 15 ގައެވެ.

މިކަމާ ބެހޭގޮތުން ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ނާޝިދު (ޑޭވް) ވިދާޅުވީ ބާސްކެޓްގެ އެކްސްކޯގެ ހިމެނޭ ދެ ފަރާތަކުން މީގެ ކުރިން އިންތިހާބުގެ ތާރީހް ކަނޑައެޅުމާ ބައްދަލުވުމާ ބެހޭގޮތުން ދެ މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންވެ އެ ދެ މައްސަލަ ބަލަމުންދާކަމަށް ޑޭވް ވިދާޅުވި އެވެ.

އޭނާ ވިދާލުވީ އަންނަ މަހު 15 ގެ ކުރިން އިންތިހާބު ނުބޭއްވިއްޖެނަމަ، އަމަލު ކުރާނެ ގޮތްތައް ހުންނާނެ ކަމަށާއި ނަމަވެސް އިސްކަން ދެއްވާނީ ދައުރު ހަމަވުމުގެ ކުރިން އިންތިހާބު ބޭއްވުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.