ހަބަރު

ކާބޯތަކެތި ވިއްކާ 300 އަށްވުރެ ގިނަ ފިހާރަ އިސްލާހުކުރަން އަންގައިފި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދެެމެއްހެޓުމަށްޓަކައި ކާބޯތަކެތި ވިއްކާ ތަންތަނަކީ އެފަދަ ހިދުމަތްދޭން އެކަށީގެންވާ ތަނެއްތޯ އަދި ވިއްކާ ކާބޯތަކެތީގެ ކަށަވަރުކަން ޔަގީންކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރިއަށް ގެންދާ ސާވޭގައި މިހާތަނަށް 300 ފިހާރައެއް އިސްލާހު ކުރަން އަންގާފައިވާނެ ކަމަށް އެއޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދިޔަ މަހު 25 ގައި ފެށި މި ސާވޭގައި މިހާތަނަށް ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ. މި ސާވޭގައި ޖުމްލަ 11 ކަމެއް ފާހަގަ ކުރެވުނު ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

ފާހަގަކުރެވުނު ކަންކަން:

  • މުއްދަތު ހަމަވެފައި ހުރި ކަބޯތަކެތި ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރުން
  • ފިހާރައިގެ އާންމު ސާފްތާހިރުކަން ދަށްވުން
  • ކާބޯތަކެތި ފިނިކޮށް، ގަނޑުކޮށް ބެހެއްޓުމަށް ކާބޯތަކެތި ތަޣައްޔަރުވާ ގޮތަށް ބެހެއްޓުން
  • ބައެއް ފިހާރަތަކުގައި ބުޅާ، މީދާ ފަދަ ޖަނަވާރު ވަދެ އާލާވާ ގޮތަށް ހުރުން
  • އެކަށިގެންވާ ފެސިލިޓީ ނެތި ކުކުޅު ކޮށުމާއި ކާބޯތަކެތި ފަދަ ތަކެތި ޕެކްކުރުން
  • ދަޅު ފަދަ ތަކެތު ބަނޑިވެފައި ހުއްޓަސް ވިއްކަން ބަހައްޓާފައި ހުރުން
  • ކާބޯތަކެތި ބަހައްޓަން ބުނެފައި ހުންނަ ފިނި ހޫނުމިނާ ހިލާފަށް ބެހެއްޓުން
  • ރާއްޖޭގެ އުފެއްދުންތަކުގައި މުއްދަތު ހަމަވާ ތާރީހު ވަކި އުސޫލެއްނެތި ޖަހާފައި ހުރުން
  • ރާއްޖޭގެ އުފެއްދުންތަކުގެ ބައެއް ކާބޯތަކެތީގެ ޕެކިން ގެ ފެންވަރު ދަށްވުން
  • ކާބޯތަކެތި ލޭބަލް ކުރުމުގައި ގަވާއިދާއިން މިންގަނޑަށް ނުފެތޭ ތަކެތި ވިއްކަން ބަހައްޓާފައި ހުރުން
  • ރައްކާތެރިކަމާއެކު ކާބޯތަކެތި ގެންގުޅުމުގެ އާންމު އުސޫލުތަކަށް މުވައްޒިފުން ހޭލުންތެރިކަން ކުޑަވުން،

އެމްއެފްޑީއޭ އިން ކުރިއަށްގެންދާ މި ސާވޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ހުރިހާ ތަނެއް ބަލައި ފާސްކުރަން ވަނީ ނިންމާފަ އެވެ.