ދުނިޔެ

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު މަރާލާފައި އޮއްވާ ފެނިއްޖެ

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯ ކޮކްސް ގަޔަށް ބަޑި ޖަހައި އަދި ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނިއްޖެ އެވެ. އުމުރުން 41 އަހަރުގެ މެމްބަރު ފެނިފައިވަނީ މަރާލުމަށް ފަހު މަގުމައްޗަށް އެއްލާލާފައި އޮއްވަ އެވެ. ޖޯ އަށް ހަމަލާ ދިނުމުގެ ތެރޭގައި އެ ހަމަލާ ހުއްޓުވަން އުޅުނު ކަމަށް ބެލެވޭ، 77 އަހަރުގެ މީހަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ލޭބާ ޕާޓީގެ މެމްބަރު ޖޯއަކީ ބެޓްލޭ އަދި ސްޕެން ދާއިރާގެ މެމްބަރެވެ. ޖޯގެ މަރާ ގުޅިގެން އުމުރުން 52 އަހަރުގެ މީހަކު މިހާރުވަނީ ހައްޔަރުކޮށްފަ އެވެ. ޖޯ މަރާލި ހަމަލާ ފެނުނު މަންޒަރު ދުށް މީހަކު ބީބީސީ އާ ވާހަކަ ދައްކަމުން ބުނީ އެންމެ ފުރަތަމަ އޭނާއަށް އިވުނީ ވަރަށް ބާރަށް އެއްޗެއް ގޮއްވާލި އަޑު ކަމަށެވެ.

"އެންމެ ފުރަތަމަ އިވުނީ ވަރަށް ބާރު ފުއްޕާހަމެއް ކަހަލަ އެއްޗެއް ގޮވާ އަޑު. އޭރު އަހަރެން ހުރީ ކެފޭ ތެރޭގައި. ބޭރަށް ނުކުމެ ބަލައިލިއިރު ހުދު ކުލައިގެ ބޭސް ބޯލް ތޮތްޕެއް އަޅައިން ޖެކެޓެއް ލައިން ހުރި މީހެއް ހުރި ބަޑިއެއް ހިފައިގެން. ވަރަށް ކުރީގެ ބަޑިއެއް އެއީ، ފަންސާސް އަހަރަށްވުރެ މަތިވާނެ އޭނަގެ އުމުރުންވެސް. އެމީހާ އެތާ ހުރި އަންހެން މީހާ (ޖޯ ކޮކްސް) ގަޔަށް ތިން ފަހަރު ބަޑި ޖެހި. އެއް ފަހަރު ޖެހި މޫނަށް އަމާޒުކޮށްފައި، މީހުން އައިސް އޭނަ ހުއްޓުވަން އުޅެން ހެދީމަ ބޮޑު ފިޔޮއްސެއް ފާޑު ވަޅިއެއް ނަގައިން އެތައް ފަހަރަކު އަންހެން މީހާ ގަޔަށް ހެރި. އޭރު މީހުންތައް ހަޅޭއްލަވަމުން ދޭ، ބައެއް މީހުން ދުރަށްވެސް ދިޔަ ބިރުން،" މަންޒަރު ދުށް ހައިތަމް ބިން އަބްދުﷲ ކިޔައިދިނެވެ.

ބެޓްލޭ އަދި ސްޕެންގެ ދާއިރާއިން ގާނޫނު ހަދާ މަޖިލީހަށް ޖޯ އިންތިހާބުވެފައިވަނީ މިދިޔަ އަހަރު އެވެ.