ދުނިޔެ

ގެއްލިފައިވާ މިސްރުގެ ފްލައިޓްގެ ކަޅުފޮށި ކަނޑު އަޑިން ނަގައިފި

މިދިޔަ މަހުގެ 19 ވަނަ ދުވަހު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުނު މިސްރުގެ މަތިންދާ ބޯޓް "އެމްއެސް 804" ގެ ކަޅުފޮށި ކަނޑުގެ އަޑިން ނަގައިފި އެވެ. ކަޅުފޮށި ފެނުމާއެކު އެ ހާދިސާ ތަހުގީގު ކުރަމުންދިޔަ ޓީމުން ބުނީ ފްލައިޓު ވެއްޓެން ދިމާވި މައިގަނޑު ސަބަބު ގާތްގަނޑަކަށް ހޯދުނީ ކަމަށެވެ.

ފްލައިޓްގެ ކޮކްޕިޓް ވޮއިސް ރިކޯޑާ ހިމެނޭ ބްލެކް ބޮކްސް ކަނޑުގެ ވަރަށް އަޑިން ނަގާފައި ވަނީ އެ ނެގުމަށް ހާއްސަ ރޮބަޓްތަކެއް ކަނޑުގެ އަޑިއަށް ފޮނުވައިގެނެވެ. އެ ރިކޯޑާ ހަލާކުވެފައި އޮތް ނަމަވެސް ދެ ގަޑިއިރުގެ ވާހަކަ އޭގައި ރައްކާކުރެވިފައި އެބަހުރި ކަމަށް ތަހުގީގު ޓީމުން ބުނެ އެވެ. މި ރިކޯޑަރަކީ ބޯޓު ވެއްޓުނު ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ އެއްޗެެކެވެ. މިހާރު އޭގައި ރައްކާކުރެވިފައިރު މައުލޫމާތުތައް ނެގުމަށް މިސްރަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ބޯޓުގެ ކަޅުފޮށި ފެނިފައިމިވަނީ އޭގެ ސިގްނަލް ކެނޑެން ތިން ދުވަހަށް ވެފައި ވަނިކޮށެވެ.

މިސްރުން ފުރައިގެން ފްރާންސަށް ދަތުރު ކުރަމުންދިޔަ ބޯޓުގައި ތިބި 60 މީހުންވެސް ވަނީ އެ ހާދިސާގައި މަރުވެފަ އެވެ. މިހާދިސާއަށް ފަހު ފްރާންސް އެއާ އެކްސިޑެންޓްގެ އިންވެސްޓިގޭޝަން ކޮމިޓީގެ ތަހްގީގު ޓީމު ހިމެނޭ ބޯއްޓަކުން ވަނީ މެޑިޓެރޭނިއަން ކަނޑުގެ އެކި ސަރަހައްދުތަކުގައި އަތްފުނާއަޅައިފަ އެވެ.

މިސްރުގެ ތަހްގީގު ޓީމުން ބުނެފައިވަނީ ބޯޓު ވެއްޓުމުގެ ކުރިން 90 ޑިގްރީއަށް ވާތް ފަރާތަށް ބޯޓް އެނބުރުނު ކަމަށާއި އަދި އެއަށްފަހު 360 ޑިގްރީއަށް ކަނާތްފަރާތަށް އެނބުރުނު ކަމަށް ރާޑަރުގެ އެންމެ ފަހު ސްކްރީންތަކުން ދައްކާ ކަމަށެވެ. އަދި ކޮކްޕިޓް ސްމޯކް ސިގްނަލް ވެސް ވަނީ ބޯޓް ވެއްޓުމުގެ ކުރިން އަޅައިފަ އެވެ. ބަޔަކު ގަސްތުގައި ވައްޓާލިކަމަށް ބެލެވޭ ބޯޓް ވެއްޓުމުގެ ކުރިން، މަސައްކަތްކޮށްފައިވަނީ ބޯޓް ހައިޖެކް ކުރުމަށް ކަމަށް މިސްރުގެ ތަހްގީގު ޓީމުން ބުނެފައިވެ އެވެ.