ބޭރު ކުޅިވަރު

ޖަރުމަނާއި ޕޮލެންޑަށް ލަނޑެއް ނުޖެހި އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ

Jun 17, 2016

ޔޫރޯ ފުުޓްބޯޅަ މުބާރާތުގެ ގްރޫޕް "ސީ" ގައި ޖަރުމަނާއި ޕޮލެންޑް ބައްދަލު ކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވުމުން ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް ދެ ޓީމަށް ވެސް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

އަދި އެ މެޗް ވެފައިވަނީ މިހާތަނަށް މުބަރަތުގައި ކުޅުނު 18 މެޗްގެ ތެރެއިން ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗަށެވެ.

މި ދެޓީމު އެންމެ ފުރަތަމަ ކުޅުނު މެޗުންވެސް ވަނީ މޮޅުވެފަ އެވެ. މިރޭގެ މެޗް އެއް ވަރުވުމުން ދެ ޓީމަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ގްރޫޕްގެ ކުރި ލިބެނީ ޖަރުމަނަށެވެ. ދެ ވަނަ ބުރުގެ ޖާގައެއް ދެޓީމަށްވެސް ކަށަވަރު ވާނީ ގުރޫޕްގައި ކުޅޭ އެންމެ ފަހު މެޗްތަކުންނެވެ.

ގުރޫޕްގެ ފަހު މެޗްގައި ޖަރުމަން ބައްދަލު ކުރާނީ ތިން ވަނައިގައި އޮތް އުތުރު އަޔަލެންޑާ ދެކޮޅަށެވެ. ޕޮލެންޑް ބައްދަލު ކުރާނީ ދެ ވަނަ ބުރުގެ ޖާގައެއް ނުލިބޭނެ ކަން ކަށަވަރުވެފައިވަ ޔޫކްރޭންއާ ދެކޮޅަށެވެ. މި ދެ މެޗް ވެސް ކުޅޭނީ ރާއްޖެ ގަޑިން އަންނަ އަންގާރަ ދުވަހުގެ ރޭ 9:00 ގަ އެވެ.