ރިޕޯޓް

މައިވަންތަކަމުގެ މިވަރުގެ ނަމޫނާ ގުޅުމެއް ދުށިންތަ؟

އެއީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޖެނެރަލް ވޯޑެކެވެ. ބަލި މީހުންނާ އެކު ފުރި، ފަނޑުއަލިކަމެއްގެ ތެރެއަށް ގަނބައިގެން ގޮސްފައި އޮތް އެ ވޯޑްގެ 30 ނަމްބަރު އެނދުގައި ބާއްވާފައި އޮތް ހައްވާ ޝަރީފާގެ އުމުރަކީ މިހާރު 88 އަހަރެވެ. މުސްކުޅި ބަލީގައި ސިކުނޑީގެ ބާރު ކެނޑި ހަމަނުޖެހޭ ވާހަކަ ދައްކައި ހަޅޭލައްވައި ހަދަ އެވެ.

އޭނާގެ ބަލިއެނދު ވަށައިގެން ޖަހާފައި ހުރި ގަދަ ނޫކުލައިގެ ފޮތި ފެންސު ތެރެއަށް ވަދެ ބޯދިއްކޮށް ސަލާންގޮވާލިއިރު ކައިރީގައި ބަހައްޓާފައި ހުރި ޕްލާސްޓިކް ގޮނޑިއެއްގައި އަނެއްކާވެސް އުމުރުން ދުވަސްވީ އަންހެނަކު އިނެވެ. އެއީ އައިމިނަތު ވަހީދާ އެވެ. އުމުރަކީ 56 އަހަރެވެ.

ޖެނެރަލް ވޯޑުން ލިބިފައިވާ "ކުޑަ ގޮޅި" ތެރެއަށް ނަޒަރު ހިންގައި ބަލައިލިއިރު ރަށުން ފުރައިގެން އައިއިރު ގެނައި ފޮށިތަންމައްޗަށް ދަންދެން ވެސް ހުރީ އެތަނުގަ އެވެ. ދާވެފައި ހުރި ހެދުންކޮތަޅުތަކާއި ދޮވެފައި ހުރި އަންނައުނުގެ ބާވަތްތައް އަތަނުގެ ތެރޭގައި ހިއްކަން އަޅުވާފައި ހުއްޓެވެ.

މިއީ މީގެ 18 ދުވަސް ކުރިން ގދ. ތިނަދޫ އިން ފުރައިގެން މާލެ އައިގޮތަށް އައިޖީއެމްއެޗުގައި މި ޖެނެރަލް ވޯޑެއްގައި "ދިރިއުޅެމުން" އަންނަ ދެމައިންގެ ވާހަކަ އެވެ. މަޑަވެލި އަށް ނިސްބަތްވާ މި ދެ މައިންގެ ވާހަކަ އަކީ ހަގީގަތުގައި ތިޔަ ހީކުރާ ވަރަށް ވުރެ އުފާވެރި ވާހަކަ އެވެ.

ޝަރީފާ އާއި ވަހީދާގެ ހަޔާތުގެ އެންމެ އާދަޔާހިލާފު މެމްބަރަކީ "މައިވަންތަކަމުގެ" ގުޅުމެވެ. ވަހީދާ އަކީ ޝަރީފާގެ ހުރި ހަމައެކަނި ދަރިއެވެ. މީގެ ވިއްސަކަށް ދުވަސް ކުރިން މަންމަ ގޮވައިގެން މި އާދަޔާހިލާފު ދަތުރެއް ވަހީދާ ފެށީ މަގުމައްޗަށް ވެއްޓި، މަންމަގެ ޅިނދު ކަށިގަނޑަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެންނެވެ.

އެންމެ ފުރަތަމަ މަންމަ ގޮވައިގެން ދިޔައީ ތިނަދޫ ހޮސްޕިޓަލަށެވެ. އެއަށް ފަހު އާސަންދައިގެ ހިދުމަތުގެ ދަށުން އިމަޖެންސީގައި މާލެ ގެނައީ އެވެ.

މަންމަ އާއި ބައްޕަގެ ހަމައެކަނި ދަރިއަށްވިޔަސް ވަހީދާ އަކީ އެކަނިވެރިއެއް ނޫނެވެ. މީހަކާ އިނދެގެން އޭނާގެ ނުވަ ކުދިން އެބަތިއްބެވެ. މާމަ ދަރިން ވެސް އެބަތިއްބެވެ. ފިރިމީހާ ވެސް އެބަހުއްޓެވެ. އެކަމަކު މިއިން އެއްވެސް މީހަކާ މަންމަގެ ކަންތައް ބައްސަން ވަހީދާ ބޭނުމެއް ނުވެ އެވެ.

ތިނަދޫގައި ވެސް މަންމަ ބެލީ އެކަންޏެވެ. އައިޖީއެމްއެޗުގައި ބާއްވައިގެން ވެސް އެ މަންމަ ބަލަމުން އެ ގެންދަނީ އެކަނިމާއެކަންޏެވެ. އާއިލާގެ އެންމެން ތިބީ ރަށުގަ އެވެ. ރަނގަޅަށް ކައިގެން ހަމަ ނިދިލިބިގެންނެވެ. އެކަމަކު ހޮސްޕިޓަލުގެ ފާހާނާއަކުން ފެންވަރާލައިގެން، މީހަކު ގެނެސް ދިއްކޮށްލާ ކާއެތިކޮޅަކުން ބަނޑުފުރާލައިގެން ޕްލާސްޓިކް ގޮނޑިއެއްގައި ނިދާލައިގެން އޮންނަން ވެސް ވަހީދާ އަށް މި ދުވަސްކޮޅު މާ މުހިންމެވެ. – މަންމައަށްޓަކަ އެވެ.

ލޯބޯކޮށިވެ ވާނުވާ ނޭނގޭ ހިސާބަކަށް މަންމަގެ ހާލަތު ދަމައިގެންގޮސްފައި އޮތަސް ވަހީދާގެ ހިތުގައި އަދިވެސް އެންމެ ބޮޑު ޖަވާހިރަކީ އެއީ އެވެ.

ވަހީދާގެ ހަޔާތުގެ ވާހަކަ އެހެން ހުރިހާ ވާހަކައަކަށް ވުރެ ރީތިވާ ހިސާބަކީ މިއީ އެވެ.

"އަހަރެން ބޭނުމެއް ނުވޭ އެހެން މީހަކު ލައްވައި މަންމަ ބަލުވާކަށް. ހަމަ އަހަރެން ބޭނުންވަނީ އަހަރެން އެކަނި މަންމަ ބަލަން،" މަންމަ ބާއްވާފައި އޮތް ވޯޑުގައި ދުވަހުގެ 24 ގަޑިއިރު ހޭދަކުރަމުން އަންނަ ވަހީދާ ކިޔައިދިނެވެ.

އޭނާ ބުނީ އައިޖީއެމްއެޗުގައި އެޑްމިޓްކުރި ފަހުން އަދި މަންމަގެ ބަލިއެނދާ އެންމެ ދުރަށް ވެސް ދެވުނީ ތިރީގައި ހުރި ބޭސްފިހާރައަކަށް ކަމަށެވެ.

"މަންމަގެ ހައްގު އަދާނުކުރެވޭނެއެ މުޅި އުމުރުގަ ވެސް. މަންމަ ދޫކޮށްލާފަ ނުދެވޭނެ. އެހެންވީމަ މި ގޮނޑީގައި މި އިންނަނީ ހަމަ. ނިދަން ދާނެ ތަނެއް ވެސް ނެތް. މަންމަ ދޫކޮށްލާފަ އެހެން ތަނެއްގައި ނިދާލަން ދާން ބޭނުމެއް ނުވެސްވޭ. އުނދަގޫވޭ. އުނދަގޫވިޔަސް،" ވަހީދާ ކިޔައިދިނެވެ.

މިހާލެއްގައި އޭނާ އުޅެނިކޮށް، މަޝްހޫރު ދަރުމަވެރިޔާ ހިޝާން އަށް އޭނާ އާއި އޭނާގެ މަންމަގެ ހާލު ފެނި ފެންކަޅިވެގެން ހިޝާންގެ އަމިއްލަ ގެއިން ނިދާނެ ކޮޓަރިއެއް ހިލޭ ދިން ނަމަވެސް ވަހީދާ ބުނީ ނޫނެކޭ އެވެ. ވަހީދާގެ މަންމަ ގާތު އެހީތެރިއެއްގެ ގޮތުގައި މަޑުކޮށްލަދޭނެ ކަމުގެ ޔަގީންކަން ހިޝާން ދިނުމުން ވެސް ވަހީދާ ނިދަން ދާން ބޭނުމެއް ނުވި އެވެ.

އެކަމަކު ވެސް ވަހީދާ ބުނާ ގޮތުން ފާއިތުވި 17 ވަރަކަށް ދުވަސް ތެރޭގައި ކޮންމެ ދުވަހަކުހެން ފެނި ބައްދަލުވެ ހިޝާން ވަނީ އަމިއްލަ ދަރިއަކަށް ބަދަލުވެފަ އެވެ.

"އެންމެ ބޮޑު ހިތްވަރަކީ ހިޝާން. މިތާ ތެރެއިން ހިޝާންއާ ދިމާވީ. މިތަނުގައި އިންދައި ހިޝާން އައީ. ފުރަތަމަ ދުވަހު ނުކެރުނު ވާހަކަ ދައްކާކަށް ވެސް. އެ ދުވަހުން ފެށިގެން އޭނާގެ އެހީތެރިކަން ލިބެމުންދަނީ. އުފަން ދަރިއެކޭ އެއްފަދަ،" ކައިރީގައި ހުރި ހިޝާނުގައި އަތުގައި ހިފަހައްޓައިގެން ހުރެ ނިކަން ބޮޑަށް އުފާވެފައި ހުރެގެން ވަހީދާ ކިޔައިދިނެވެ.

ވަހީދާގެ ހެދުންތައް ދޮވެ ބައެއް ގަޑިތަކުގައި ކާއެއްޗެހި ވެސް ގެންގޮސްދެނީ ހިޝާން އެވެ. އަދި އޭނާ އަކީ ބޭރުން އައިސް ވަހީދާ އާއި އޭނާގެ މަންމަ އަށް ޒިޔާރަތްކޮށްލާ ދެ މީހުންގެ ތެރެއިން އެކަކެވެ. ވަހީދާގެ ދެން ތިބި އެކުވެރިންނަކީ މި ވޯޑް ތެރޭގައި ތިބި ބަލި މީހުންނާއި އެމީހުންގެ ގާތްތިމާގެ މީހުންނެވެ.

"ރަށު މީހުން ނާންނާނެ. އަޅުގަނޑުމެން ފަގީރުވީމަ،" އާއިލާ މީހަކު މާލޭގައި ނޫޅޭއިރު، ރަށު މީހަކު ވެސް މަންމަ އަށް ގޮވާލަން ނާދެތޯ ސުވާލުކުރުމުން ވަހީދާ ދިން ޖަވާބަކީ މިއީ އެވެ.

އަދި އެއަށް ފަހު ދެން ވެސް ދެއްކީ އުފަލުން ގޮސް ރޮއްވާލި ކަހަލަ ވާހަކަ އެކެވެ.

"މިހާރު އެއްވެސް ކަމެއް އުނދަގުލެއް ނޫން. ހަމަ އުނދަގޫ ނުވަނީ،" މިހާރު އެންމެ އުނދަގުލީ ކޮންމެ ކަމެއްތޯއޭ ސުވާލުކޮށްލުމުން ބުނީ މިހެންނެވެ.