ފެނަކަ ކޯޕްރޭޝަން

ފެނަކައިގެ ހަތަރު އަހަރު: ބޮޑެތި ކާމިޔާބީ އާއި ބިޔަ މަޝްރޫއުތައް!

ފެނަކަ ކޯޕަރޭޝަނަށް ހަތަރު އަހަރު ފުރުނީ އެވެ. އެ ކުންފުންޏަށް ހަތަރު އަހަރު ފުރުނު ދިޔައިރު ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށް ބުނެވެން އެބައޮތެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްފައި ވެޔޭ ވެސް ބުނެވެން އެބައޮތެވެ. ނޫނީ އެކަން އޮތީ އެހެނެވެ.

ފެނަކަ ފަށައިގެން އައިއުރު ބޮޑެތި ގޮންޖެހުންތަކާ އެ ކުންފުނި ކުރިމަތިލާން ޖެހުނެވެ. އާ ކުންފުންޏަކަށް ވުމުން ސަޕްލަޔަރުންގެ އިތުބާރެއް އެ ކުންފުންޏަކަށް އޭރަކު ނެތެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވި ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުން އިތުބާރުކުރާ ކުންފުންޏަކަށް މިހާރު ފެނަކަ ވަނީ ބަދަލުކުރެވިފަ އެވެ. އެއީ ވަރަށް ރޭވުންތެރިކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ޓެންޑާއެއް އިއުލާން ކުރިޔަސް ޝައުގުވެރިކަން ފާޅުކުރާނެ ބަޔަކު ނުވެއެ އެވެ. ނަމަވެސް މިހާރު އެފަދަ ފުރުސަތެއް ހުޅުވާލުމާއެކު ބޮޑު ކިއުއެއް ދަމާލަ އެވެ. އަދި މުވައްޒަފުން ހޯދުމަކީ ވެސް ކުރިން ބޮޑު ކަމެކެވެ. ކުރިމަތިލާނެ މީހަކު ނުވެ އެވެ. އެއާ ހިލާފަށް މިހާރު މުވައްޒަފެއް ހޯދަން އިއުލާން ކުރުމުން އެއްތައް ސަތޭކަ ސީވީއެއް ލިބެ އެވެ.

"ވަރަށް ގާބިލު މުވައްޒަފުން ފެނަކައިގައި މިހާރު މިތިބީ، އެއް ފުރާޅެއްގެ ދަށުގައި އެކެޑަމީ އެންމެ ރަނގަޅު މުވައްޒަފުން ގިނަވާނީ ފެނަކައިގައޭ ބުނެވިދާނެ،" ނިމާލު ވިދާޅުވި އެވެ.

ކުރިން ވެސް ރަށްރަށުން ކަރަންޓުދެ އެވެ. މިހާރު ވެސް ދެ އެވެ. އެކަމަކު ތަފާތެއް ގެނެސް ދިނީ ފެނަކަ އެވެ. ފެނަކައިން ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދާލެއް އަވަސްވުމެވެ. ނިމާލު ވިދާޅުވި ގޮތުގައި މިހާރު ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ދައްޗެއް ނުވާނެ އެވެ. ނަމަވެސް ރަށަކުން ކަރަންޓު ކެނޑުމަކީ ނުވެ ނުދާނެ ކަމެކެވެ. ކަރަންޓު ކެނޑުނު ނަމަވެސް އެ މައްސަލަ ފެނަކައިން ހައްލުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް މިހާރު އޮންނާނެ އެވެ.

"ރަށަކުން ކަރަންޓު ދިޔަ ނަމަވެސް އެ ކަރަންޓުގެ މައްސަލަ ވީހާވެސް އަވަހަކަށް ފެނަކައިން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ އޮވޭ، ކަރަންޓުގެ މައްސަލައަށް ފެނަކައިން ވަނީ ވަރަށް ބޮޑު ހައްލެއް ގެނެސްދީފައި،" ނިމާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ކުންފުނިތަކާ ފެނަކަ އެއްހަމަކޮށްފިކަން ސާބިތުކޮށްދެނީ ގދ. ތިނަދޫ އިންޖީނުގޭގައި ރޯވި ހާދިސާއިންނެވެ. އެ ކުންފުނީގެ 22 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް އަނދާއަޅިއަށް ވެގެން ގޮސް، މުޅި ތިނަދޫއިން ކަރަންޓު ކެނޑިފައިވަނިކޮށް 110 ގަޑިއިރު ތެރޭ ތިނަދޫއަށް ކަރަންޓު ފޯރުކޮށްދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ދެކެ ވަޑައިގަންނަވަ އެވެ. އަދި އެއީ ކުންފުނި ކުރިއަރާފައިވާކަން އަންގައިދޭ ކަމެކެވެ.

ނިމާލު ވިދާޅުވި ގޮތުގައި ފެނަކައިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެނަކައިން ބޮޑު ކާމިޔާބީއެއް ހޯދި އިރު އޭގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރަކީ ރައީސް އަބްދުﷲ ޔާމީން ފެނަކައިގެ މުޅި އޮޕަރޭޝަނަށް ދެއްވާ ޝައުގުވެރި ކަމާއި ދެއްވާ އިރުޝާދެވެ. އިތުރަށް ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުގެ އިތުބާރު ކުރެވޭ މަސައްކަތްތަކެވެ.

ބޮޑެތި ކާމިޔާބީތަކެއް މިހާތަނަށް ފެނަކައިން ހޯދާފައިވާއިރު ކުރިއަށް ވެސް އޮތީ ބޮޑެތި މަޝްރޫއުތަކެކެވެ. އެގޮތުން މިހާރު ވަނީ 51 މޮބައިލް އިންޖީނު ގެ ހޯދަން އިއުލާންކޮށްފަ އެވެ. ރާވާލެވޭ މި އިންޖީނު ގެތަކުގެ ބޭނުމަކީ ރަށެއްގައި ޖަނަރޭޓަރަކަށް ނުވަތަ އެނޫން ވެސް މައްސަލައެއް ޖެހި، ކަރަންޓު ކެނޑިއްޖެނަމަ ވަގުތުން ރަށަށް ކަރަންޓު ފޯރުކޮށްދިނުމެވެ. ރާވާލެވޭ އިންޖީނުތަކަކަށްވުމުން ރަންޓުގެ މައްސަލައެއް ދިމާވާ ހާލަތެއްގައި ފަސޭހައިން އަވަސް ހައްލެއް ހޯދައިދެވޭނެ އެވެ. މިއީ ފެނަކައިގެ އިސްނެގުމެކެވެ. ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ފެށި މަޝްރޫއެކެވެ. މީގެ އިތުރުން ރައްޔިތުންނަށް ފަސޭހައަށް އެހެން ބައެއް ބޮޑެތި މަޝްރޫތައް ވެސް ފެނަކައިން ފަށަން ވަނީ ނިންމާފަ އެވެ.

އިންޖީނުގެއެއް މީހުން ދިރިއުޅޭ ހިސާބުގައި ނުވަތަ މީހުން ދިރިއުޅޭ ހިސާބުގެ މެދުގައި ހުރުމަކީ ވަރަށް ބޮޑެތި ދަތިތަކަކާއި އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެެވެ. މިކަމަށް ވެސް ހައްލު އޮތީ ފެނަކައިގެ އަތުގަ އެވެ. ފެނަކައިން ވަނީ، އިންޖީނު ގެތައް އެކަހެރި ހިސާބުތަކަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއެއް ވެސް ފަށާފަ އެވެ.

ދެން ވެސް އޮތީ ބޮޑު މަޝްރޫއެކެވެ. އައްޑޫ ސިޓީގެ ފެނުގެ ހިދުމަތެކެވެ. މިހާރު ވެސް ފެނަކައިން އައްޑޫގެ ބައެއް ރަށްރަށަށް ފެނުގެ ހިދުމަތް ފޯރުކޮށްދެ އެވެ. ނަމަވެސް އަންނަ އޯގަސްޓް މަހު، މުޅި އައްޑޫއަށް ފެނަކައިން ފެން ފޯރުކޮށްދޭނެ އެވެ. އޯގަސްޓް މަހު ހިތަދޫއާ ގުޅިފައިވާ ރަށްތަކަށާއި ހުޅުދޫ މީދޫއަށް ފެނަކައިން ފެން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ނިމާލު ދެއްވި އެވެ.

ނިމާލު ވިދާޅުވި ގޮތުގައި އަމާޒަކީ އިތުރަށް ފެނަކަ ފުޅާކޮށް ނަމޫނާ ކުންފުންޏަކަށް ހެދުމެވެ.