ރަޝިޔާ

ޓްރަމްޕަކީ ބުއްދިވެރިއެއް، ވެރިކަމަށް ނުގެންނަންވީ ސަބަބެއް ނެތް: ޕުޓިން

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ބިލިއަނަރު ޑޮނަލްޑް ޓްރަމްޕަކީ "ނިކަން ބޮޑު ބުއްދިވެރިއެއް" ކަމަށާއި އެމެރިކާގެ ރައްޔިތުން އޭނާ "ވެރިކަމަށް ނުހޮވަންވީ އެއްވެސް ސަބަބެއް ނެތް" ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން އެހެން ވިދާޅުވި ނަމަވެސް ރަޝިއާގެ ޕީޓާސްބާގްގައި ބޭއްވި 20 ވަނަ ބައިނަލްއަގުވާމީ އިގްތިސޯދީ ފޯރަމްގައި އެ ފޯރަމް ހޯސްޓްކޮށް ދިން "ސީއެންއެން" ގެ ފަރީދު ޒަކަރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕުޓިން ވަނީ ސީދާ އެހެން ވިދާޅުނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓްރަމްޕަކީ ބުއްދިވެރިއެކޭ ކަމަށެވެ.

ޒަކަރިޔާ ކުރި ސުވާލުގައި އޭނާ ބުނެފައިވަނީ ޓްރަމްޕަކީ ސީޔާސީ ގޮތުން ބުއްދިވެރި އާދަޔާހިލާފް ބޭފުޅެއް ކަމަށް ޕުޓިން ވިދާޅުވި ކަމަށް ރިޕޯޓްގެއްގައިވާ ކަމަށެވެ. އަދިވެސް ތިޔަ ހުންނެވީ އެ ބަސްފުޅުގެ މަތީގައިތޯ އެވެ؟

"ނޫން އަހަރެން ތިހެނެއް ނުބުނަން. އަހަރެން ބުނީ ޓްރަމްޕަކީ ބުއްދިވެރިއެކޭ. އޭނާއަކީ ބުއްދިވެރިއެއް ނޫންތަ؟" ޕުޓިން ވިދާޅުވި އެވެ.

ނަމަވެސް ޓްރަމްޕަކީ، ރިޔާސީ ޕްރައިމެރީއަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕުޓިން ވިދާޅުވެފައިވާ ކަމަށް މަޝްހޫރު ނިއުސް އެޖެންސީ ރޮއިޓަސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

ފޯރަމްގައި ޕުޓިން ވިދާޅުވީ އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އެ ބޭފުޅަކާއެކު މަސައްކަތް ކުރަން ރަޝިޔާ ތައްޔާރަށް އޮތް ކަމަށެވެ.