ބޭރު ކުޅިވަރު

އެއީ ސަޕޯޓަރުންނެއް ނޫން، ޓެރަރިސްޓުން: ކްރޮއޭޝިއާ ކޯޗް

Jun 18, 2016

ކްރޮއޭޝިއާއި ޗެކްރިޕަބްލިކް މެޗް ގައި ދަނޑަށް އަލިފާން ބޯޅަ އުކި ކްރޮއޭޝިއާގެ ސަޕޯޓަރުންނަކީ "ޓެރަރިސްޓުން" ކަމަށް ކްރޮއޭޝިއާގެ ޓީމުގެ ކޯޗް އެންޓޭ ސެސިކް ބުނެފި އެވެ.

ރޭ ޗެކްރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗް ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ކްރޮއޭޝިއާގެ ސަޕޯޓަރުން ދަނޑަށް އަލިފާން ބޯޅަ އުކުމުން މެޗް ވަނީ މެދު ކަނޑާލާފަ އެވެ.

އޭރު ކްރޮއޭޝިއާ އޮތީ 2-1 މޮޅުވެފައެވެ. ނަމަވެސް މެޗް މެދުކަނޑާ ލުމަށްފަހު ފަސް މިނެޓް ފަހުން އަލުން ކުޅެން ފެށިއިރު ކްރޮއޭޝިއާގެ ކުޅުންތެރިން ކުޅުނީ ޕްރެޝަރުގައި ތިބެގެންނެވެ. ނަތީޖާއެއްގެ ގޮތުން ޗެކްރިޕަބްލިކުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

"އެއީ ޓީމުގެ ހަގީގީ ސަޕޯޓަރުންނެއް ނޫން. އަހަރެން އެމީހުންނަށް ކިޔަނީ ޓެރަރިސްޓުން،" ސެސިކް ބުންޏެވެ.

އޭނާ ބުނީ އެމީހުންނަކީ ހަމަނުޖެހުން އުފައްދާ މީހުން ކަމަށާއި އެމީހުންގެ ސަބަބުން މުޅި ޓީމަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.

"ކްރޮއޭޝިއާގެ ސަޕޯޓަރުންގެ އަގެއް މިއަދު ޔޫރަޕްގައި ނެތް. އެއީ މުޅި ކްރޮއޭޝިއާއަށް އޮތް ހުތުރެއް. އަހަރެމެންގެ ކުޅުންތެރިންނަށް މިކަމުގެ ސަބަބުން ދެރަ ލިބިއްޖެ. ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ދެރަވެފައި" ސެސިކް ބުންޏެވެ.

ދެހާސް ސާދަވަނަ އަހަރު ޔޫރޯއަށް ކޮލިފައިންގައި އިޓަލީގައި ކުޅުނު މެޗެއްގައިވެސް ކްރޮއޭޝިއާގެ ސަޕޯޓަރުންގެ ފަރާތުން މިފަދަ އަމަލެއް ވަނީ ހިނގާފައެވެ.

އެމެޗަށް ފަހު ޔޫއެފްއާއިން ވަނީ ވޯލްޑްކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ ދެ މެޗަށް ސަޕޯޓަރުން ދަނޑަށް ނުވައްދާ ކުޅުމަށް ކްރޮއޭޝިއާގެ ފުޓްބޯޅަ ފެޑްރޭޝަނަށް އަންގާފައެވެ.

ޔޫރޯގެ ފުރަތަމަ މެޗްގައިވެސް ސަޕޮޓަރުންގެ އުނދަގުލުގެ ސަބަބުން ޔޫއެފާއިން ވަނީ ކްރޮއޭޝިއާގެ ޓީމާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ.