ދުނިޔެ

މުރުސީ އާއި އަލްޖަޒީރާގެ ދެ ނޫސްވެރިޔަކު މަރަން ހުކުމްކޮށްފި

Jun 18, 2016

މިސްރުގެ ގައުމީ ސަލާމަތާބެހޭ ގޮތުން ގަތަރަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީއާއި "އަލްޖަޒީރާ" ގެ ދެ ނޫސްވެރިއެއްގެ އިތުރުން އިތުރު ތިން މީހަކު މެރުމަށް މިސްރުގެ ކްރިމިނަލް ކޯޓުން ހުކްމްކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން އިއްޔެ މިސްރުގެ ކްރިމިނަލް ކޯޓުން ވަނީ މުރުސީގެ އަރިސް ދެ ބޭފުޅަކު 25 އަހަރަށް ޖަލަށްލުމަށް ވެސް ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން މުރުސީއާއި އޭނާގެ ސެކެޓްރީ އަމީއަލް ސިރާފީ އިތުރު 15 އަހަރަށް ޖަލަށް ލުމަށްވެސް ވަނީ ހުކްމްކޮށްފައެވެ. އަދި އަލް ސިރާފީގެ އަންހެން ދަރިކަލުން ކަރީމާވެސް 15 އހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

މިސްރުގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބު ކުރެއްވި މުރުސީގެ ވެރިކަން ބާރުގެ ބޭނުކޮށްގެން 2013 ވަނަ އަހަރު ވައްޓާލުމަށް ފަހު މިހާތަނަށް ދެ މައްސލައެއްގައި މުރްސީ މަރަން މިސްރުގެ އެކި ކޯޓުތަކުން ވަނީ ހުކުމް ކޮށްފައެވެ.

މަރުގެ ހުކުމްގެ އިތުރުން، އުމުރު ދުވަހަށް ޖަލަށް ލުމަށް ވެސް ދެ މައްސަލައެއްގައި ހުކުމް އައިސްފައިވާއިރު އިތުރު 20 އަހަރަށް ޖަލަށް ލުމަށްވެސް ހުކުމުގައި ވެއެވެ.

އަލްޖަޒީރާގެ ނޫސް ވެރިންގެ ތެރެއިން މަރަން ހުކުމް ކުރިކަމަށް ޝަރީއަތުގައި ބުނެފައިވަނީ ޕްރޮޑިއުސާ އަލާ އުމަރު މުޙައްމަދާއި ނިއުސް އެޑިޓަރު އިބްރާހިމް މުހައްމަދު ހިލާލެވެ.

މީގެ އިތުރުން މިސްލިމް މުސްލިމް ބްރަދާހުޑާ ގުޅުން އޮންނަ ޓީވީ ސްޓޭޝަނެއްގެ ޕްރޮޑިއުސަރު ޚާލިދު ރަދުވާން ވެސް 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

އަލްޖަޒީރާގެ ނޫސްވެރިންނަށް އިއްވި މަރުގެ ހުކުމާ ގުޅިގެން އަލްޖަޒީރާއިން ރަސްމީކޮށް އެއްވެސް ބަހެއް އަދި މިހާތަނަށް ބުނެފައެއް ނުވެއެވެ.

ނަމަވެސް މިކަމާ ގުޅޭ ޚަބަރު އަލްޖަޒީރާގެ އިނގިރޭސި އެޑިޝަންގައި ޝާއިއުކޮށްފައިވާއިރު، އެ ޚަބަރުގައި ބުނެފައިވަނީ ހިލާލްއަކީ އަލްޖަޒީރާ ޢަރަބިކް އެޑިޝަންގެ ކުރީގެ ނިއުސް ޑައިރެކްޓަރެކެވެ. އަދި އަލާ ޢުމަރަކީ މިދިޔަ އަހަރާއި ހަމަޔަށް އަލްޖަޒީރާގެ މުވައްޒަފެއް ކަމަށްވެސް ބުނެފައިވެއެވެ.

މަރުގެ ހުކުމް އިއްވި މީހުނަށް، މަރުގެ އަދަބު ނުދިނުމަށް އެމެނެސްޓީ އިންޓަނޭޝަނަލްއިން ވަނީ މިސްރުގެ ސަރުކާރަށް ގޮވާލާފަ އެވެ.