ދުނިޔެ

ދެ ނޫސްވެރިންނަށް މަރަންކުރި ހުކުމަކީ ސިޔާސީ ހުކުމެއް: އަލްޖަޒީރާ

Jun 19, 2016

މިސްރުގެ ކްރިމިނަލް ކޯޓުން އަލްޖަޒީރާގެ ދެ ނޫސްވެރިއެއްގެ މައްޗަށް އިއްވި މަރުގެ ހުކުމަކީ އިންސާފެއް ނެތް ސިޔާސީ ހުކުމެއް ކަމަށް އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ބުނެފިއެވެ.

މިސްރުގެ ސަލަމާތީ ކަންކަމާ ބެހޭގޮތުން ގަތަރަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީއާއި އަލްޖަޒީރާގެ ދެ ނޫސްވެރިން ކަމަށްވާ އަލާ އުމަރު މުޙައްމަދާއި އިބްރާހިމް މުހައްމަދު ހިލާލްގެ އިތުރުން އިތުރު ތިން މީހަކު މެރުމަށް މިސްރުގެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އަލްޖަޒީރާގެ މީޑއާ ނެޓްވޯކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ހުކުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ދުލާއި ގަލަމުގެ ހައްގުން މަހްރޫމް ކުރުމުގެ އިތުރަށް ނޫސްވެރިކަން މަރާލުމަށް ވެސް މިސްރުގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނޫސްވެރިންނަށް ކުރި ހުކުމް ބަލައި ނުގަންނާނެ ކަމަށްވެސް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

އަލްޖަޒިރާގެ ނޫސްވެރިންގެ އިތުރުން، ޖަލުގެ ހައްޔަރުގައި ތިބި އެހެން ނޫސްވެރިންގެ ހައްގުގައިވެސް އަލްޖަޒީރާ މިޑިއާ ނެޓްވޯކުން މަސައްކަތް ކުރާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަލްޖަޒީރާ މީޑިއާ ނެޓްވޯކްގެ އެކްޓިން ޑިރެކްޓަރު ޖެނަރަލް މުސްޠޮފާ ސައުގު ވިދާޅުވީ އެ ހުކުމަކީ މިސްރުގެ ޝަރުއީ ދާއިރާ މުޅިން ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

"މިއަދު މިސްރަކީ ނޫސްވެރިންނަށް އެންމެ ގޮންޖެހުން ބޮޑު އެއް ގައުމު،" މުސްޠޮފާ ވިދާޅުވިއެވެ.

އިއްޔަ ކުރި ހުކުމާ ގުޅިގެން ހިލާލް ވިދާޅުވީ އެއީ އޭނާގެ މައްޗަށް ކުރި ހުކުމެއް ނޫން ކަމަށާއި އަލްޖަޒީރާއާ ދެކޮޅާށް އެޅި ފިޔަވަޅެއް ކަމަށެވެ.

"ދެހާސް އެގާރަ ވަނަ އަހަރު މިސްރަށް އައި އިންގްލާބުގެ ހަރަކާތްތައް އަލްޖަޒީރާއިން ވަގުތުން ހާމަކޮށް ދެއްކުމުން، އަހަރެން މެދުވެރިކޮށް އެކަމުގެ ރުޅިވެރިކަން އަލްޖަޒީރާއާ ދެކޮޅަށް އެ ހާމަކުރީ،" ހިލާލް ބުންޏެވެ.