ހަބަރު

މުޒާހަރާ ދެން ދާނީ އެމްއެމްއޭ ކައިރިއަށް: އަލީ ވަހީދު

Feb 13, 2015

ކުރިޔަށް އޮތް ދުވަސްތަކުގައި އެމްޑީޕީ އާއި ޖޭޕީގެ މުޒާހަރާތައް އޮންނާނީ އެމްއެމްއޭ ސަރަހައްދުގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީ/ޖޭޕީން ރޭ ޗާންދަނީ މަގުގައި ބޭއްވި އިހްތިޖާޖް ކުރުމުގެ ތެރެއަށް ވަޑައިގެން އަލީ ވަހީދު ވިދާޅުވީ ޗާންދަނީ މަގުގައި އެ އިހްތިޖާޖްތައް ފެށިނަމަވެސް އެ ދެ ޕާޓީގެ މުޒާހަރާތައް ދެން ދާނީ އެމްއެމްއޭގެ ކައިރިއަށް ކަމަށާއި ދެ ޕާޓީގެ މަސައްކަތް ހުއްޓާލާނީ ސައްހަ ވެރިކަމެއް ރާއްޖޭގައި ގާއިމުކޮށްފައި ކަމަށެވެ.

އެމްއެމްއޭ ސަރަހައްދަކީ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހާރާ ކުރި ސަރަހައްދެވެ. އޭރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ އެ މުޒާހާރަތަކަށް 22 ދުވަސްވުމަށްފަހު އެވެ.

ރޭ އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން މިހާރު ސައްހަ ނުވާނެ ކަމަށާއި ސަރުކާރު ވަނީ ބޮއްސުންލާފައިވާ ކަމަށެވެ. އޭނަ އަދި ވިދާޅުވީ ޕާޓީތަކާއެކު ރައީސް ޔާމީން މަޝްވަރާކުރައްވަން ޖެހޭ ކަމަށާއި މަޝްވަރާގެ މޭޒަށް ރައީސް ޔާމީން ގެންދަވާނެ ކަމަށެވެ.