ދުންޔާ މައުމޫން

ހިމާޔަތް ހޯއްދެވިޔަސް ސަރުކާރުގެ އެޖެންޑާއަކަށް ބަދަލެއް ނާންނާނެ: ދުންޔާ

Jun 19, 2016
3

ބޭސް ފަރުވާއަށް ވަޑައިގެން އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިގިރޭސިިިވިލާތުން ހިމާޔަތް ދިން ނަމަވެސް، އޭގެ ސަބަބުން ސަރުކާރުގެ އެޖެންޑާއަށް އެއްވެސް ބަދަލެއް ނާންނާނޭ ކަމަށާއި އޭގެ ސަބަބުން އިދިކޮޅު ފަރާތްތަކާއެކު ކުރިއަށްގެންދާ މަޝްވަރާތަކަށް ބަދަލެއް ނާންނާނޭ ކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

"އަވަސް" އިން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ރާއްޖެ ވަޑައިގެން ހުކުމުގެ ބާކީ ބައި ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެ ވަޑައިގެން ގާނޫނީ ގޮތުން މައްސަލައިގައި ޗެލެންޖް ކުރެއްވުމުގެ ބަދަލުގައި ބޭސް ފަރުވާއަށް ލިބިވަޑައިގެންނެވި ފުރުސަތުގެ ނާޖާއިޒު ފައިދާ ސިޔާސީ ގޮތުން ނަޝީދު ނަންގަވަމުން ގެންދަވާ ކަމަށެވެ.

ދުންޔާ ވިދާޅުވީ އެހެން އޮތް ނަމަވެސް އެކަމާ ގުޅިގެން ޕާޓީ ތަކާއި އަދި ގައުމުތަކާއެކު، ސަރުކާރުން ބާއްވާ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށާއި ސިޔާސީ ހަމަޖެހުން ހައްލު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މީގެ ކުރިން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ނަޝީދު ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވާތީ އަނބުރާ ރާއްޖެ ވަޑައިގަތުމަށް އަންގާނެ ކަމަށެވެ. އަދި އެ އެންގުމަށް ތަބާނުވެއްޖެ ނަމަ ނަޝީދު ހުންނެވީ، ގާނޫނާ ހިލާފަށް ކަމަށް ވެސް އުމަރު ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް އުމަރު ވިދާޅުވީ ނަޝީދާ މެދު ފިޔަވަޅެއް އެޅޭނީ އެނބުރި ރާއްޖެ ވަޑައިގަތުމުން ކަމަށާއި އިނގިރޭސިވިލާތުގައި ހުއްޓާ ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

އަދި ސިޔާސީ މައްސަލަތައް ހައްލު ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ އިސް ނެންގެވުމަކަށް ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ވެސް އޭގެ ސަބަބުން ބުރުލެއް އަރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ދުންޔާ މިއަދު ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެސް ހަރުކަށިކަން ދޫކޮށް މަޝްވަރާގެ މޭޒަށް އަންނަން ތިބި ނަމަ، ޝަރުތުތަކެއް ނެތި ސަރުކާރުން ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.