ރޯދަ މަހާ ރޯއްޖާ

ބިހާއި ފިޔާ، އަލުވީގެ ޝިޕްމަންޓާއެކު އަލުވީގެ އަގު ހެޔޮކޮށްފި

ސަރުކާރާއި އާމުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ރޯދަމަހަށް ގެންނަ ފިޔާ، ބިސް އަދި އަލުވީގެ ތިން ވަނަ ޝިޕްމަންޓް ގެނެސް ބާޒާރަށް ނެރެފި އެވެ.

އެސްޓީއޯ އިން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން ގެންނަ އަލުއްވާއި، ފިޔާ އަދި ބިހުގެ ތިން ވަނަ ޝިޕްމަންޓް މިއަދު މާލޭގެ ބާޒާރަށް ނެރިފައިވާ ކަމަށާއި މިފަހަރު ވެސް ފިޔާ އަދި ބިސް ވިއްކާނީ ކުރިން ހުރި އަގުތަކުގައި ކަމަށެވެ. ނަމަވެސް އަލުވީގެ އަގުހެޔޮކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ފިޔާ ބަސްތާއެއް ވިއްކަނީ ކުރިންވެސް ވިއްކި ގޮތަށް 160ރ. އަށެވެ. ބިސްކޭހެއް 275 ރ. އަށެވެ. ނަމަވެސް ކުރިން 250ރ. އަށް ވިއްކި އަލުވި މިހާރު ވިއްކާނީ 210ރ. އަށެވެ.

އެސްޓީއޯ އިން ބުނީ މި ބާވަތްތައް ވިއްކަން ހުންނާނީ އެ ކުންފުނީގެ ހަ ނަމްބަރު ކޮށިން ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކު ހެންދުނު 9:00 އަކުން 12:00 އަށް އަދި މެންދުރު ފަހު 1:00 އިން 3:00 އަކަށް ކަމަށެވެ. އަދި ރޯދަ މަހު ހެނދުނ 10:00 އިން 2:00 އަށް ފިޔާ، ބިސް އަދި އަލުވި ލިބޭނެ ކަމަށް ވެސް ބުންޏެވެ.

މި ރޯދަ މަހު ފިޔާ ބިސް އަދި އަލުވި ހުސްވިޔަ ނުދިނުމަށްޓަކައި ކޮންމެ 15 ދުވަހަކުން އާ ޝިޕްމަންޓެއް ގެންނަން ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ބުނީ މާލެއާއި އެއް އަގެއްގައި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓް ތަކުންވެސް ފިޔާ ބިސް އަދި އަލުވި ލިބޭނެ ކަމަށެވެ.