ރިޕޯޓް

ކުރާ މަސައްކަތް ބްރޭންޑްކޮށް މާކެޓް ކުރުން ވަރަށް މުހިންމު!

Jun 19, 2016

ގޭގައި ތިއްބަވައިގެން އަންހެން ބޭފުޅުން ކުރައްވާ ފެހުމާއި ހެދިކާ ހެދުމާއި އަތްތެރި މަސައްކަތާއި ކޭކު އެޅުން ފަދަ މަސައްކަތްތައް، ހެޔޮގޮތުގައި ބްރޭންޑްކޮށް މާކެޓް ކުރުމުން އެކަމުން ލިބިގެންދާނެ ފައިދާގެ މައްޗަށް ދެ އެވެ. މިފަދަ ކަމެއްގެ ވާހަކަ ދައްކަން ފަށާއިރަށް އެންމެ ފުރަތަމަވެސް ހިތަށް އަރާނީ މިފަދަ ކަންތައްތަކަކީ ބޮޑެތި ވިޔަފާރިވެރިންނަށް ޚާއްސަ ކަންތައްތައް ކަމަށާއި، މިކަން ކުރުމަކީ ވަރަށްބޮޑު ޚަރަދު ހިނގާނެ ކަމެއްކަމުގައެވެ. އެކަމަކު މިއީކީ މުޅިއަކުން ޙަޤީގަތެއް ނޫނެވެ.

މިދެންނެވިފަދަ ކުށް ވިސްނުމާއި، ބްރޭންޑްކޮށް މާކެޓް ކުރުމުން ލިބޭނެ ފައިދާތައް ނުވިސްނޭތީއާއިއެކު، ގޭގައި މަސައްކަތް ކުރައްވާ ބޭފުޅުންނެއް މިފަދަ ކަންތައްތަކަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ.

އާދެ އެންމެ ފުރަތަމަވެސް ބްރޭންޑްކުރުމާއި މާކެޓް ކުރުމަކީ ކޮބައިތޯ ބަލާލަމާތޯއެވެ. ބްރޭންޑްކުރުމަކީ ތަފާތު ނަމެއް ބޭނުންކޮށްގެން (ބައެއްފަހަރަށް ލޯގޯއަކާއި ޓެގްލައިން އެއްވެސް ހިމަނައިގެން) އުފައްދާ މުދާ ނުވަތަ ޚިދުމަތް ބޭނުންކުރާ ފަރާތަކުގެ ސިކުންޑީގައި އެމުދާ ނުވަތަ ޚިދުމަތް ގެ ނަން ކަނޑާ ބިންވަޅުނެގުމަށް މަސައްކަތް ކުރުމެވެ. މިސާލަކަށް ބަލާލާނަމަ، މޯބައިލް ފޯނެކޭ ބުނެފިނަމަ، ހިތަށް ގެނެވޭނީ އެޕަލް އައި ފޯން ނުވަތަ ސެމްސަންގް ފޯނެއް އެހެން ނޫންތޯއެވެ. އާދެ ބްރޭންޑިން އަކީ މިއީއެވެ. އެއްބާވަތެއްގެ އެތައް މުދަލެއްގެ ތެރެއިން އެންމެ ފުރަތަމަ ސިކުނޑިއަށް އަންނަ ނަމަކީ ތިބާގެ މުދާކަމަށް ހެއްދެވުމަށް ކުރައްވާ މަސައްކަތެވެ.

ގޭގައި ވިޔަފާރިއަށް ކޭކުއަޅުއްވާ ބޭފުޅެއްނަމަ، ޝައްކެއްނެތް ގޮތުގައި އެބޭފުޅެއްގެ ވިޔަފާރިއަށް އެންމެ މުހިންމު ކަމަކަށް ވާނީ އެބޭފުޅެއްގެ މާކެޓް ވީއެންމެބޮޑަކަށް ފުޅާކުރެއްވުމެވެ. ވީމާ އުފަންދުވަހުގެ ޙަފްލާއަކަށް ނުވަތަ ކައިވެނި ޙަފްލާއަކަށް ކޭކެއް އަޅަން ބޭނުންވާއިރު، ކޭކުގަ ނަން ކިޔުމާއިއެކު އެންމެ ފުރަތަމަ ސިކުނޑިއަށް އަންނަ ނަމަކީ ތިޔަ ބޭފުޅާގެ ބްރޭންޑް ކަމުގައި ވުމަކީ ވިޔަފާރިއަށް ލިބިގެންދާނެ ކިހާ ބޮޑު ކުރިއެރުމެއްކަން ވިސްނިވަޑައިގެންފި އެހެންނޫންތޯއެވެ. މިފަދަ ކުދި ވިޔަފާރިތަކަށްވެސް ބްރޭންޑެއް އުފެއްދުމުގެ މުހިންމުކަން ވިސްނިވަޑައިގެންފި ނޫންތޯއެވެ.

އަދި އެހެންގޮތަކަށް ދަންނަވާނަމަ، ކޭކު އެޅުމުގެ ވިޔަފާރީގައި އެތައް ބަޔަކު އުޅޭއިރު، ތިބާގެ ކޭކު ބްރޭންޑް ކުރެއްވުމަކީ ކޭކު އުފެއްދުމުގެ މިވިޔަފާރި މާކެޓްގައި ތިބާގެ އައިޑެންޓިޓީ އެވެ. މިސާލަކަށް ކޭކުގެ ވާހަކަ ދައްކާއިރު، ކޭކުއެޅުމަށް އެއްޗެއް ހޯދަން ބަލާލާއިރު، އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ރާއްޖޭގައި ކޭކުއެޅުއްވުމުގެ ވިޔަފާރީގައި އުޅުއްވާ ބޭފުޅުންގެ ހިތްޕުޅަށް އެންމެ ފުރަތަމަވެސް އަންނާނީ "ވިލްޓަން" ގެ ނަމެވެ. ކޭކުއެޅުމަށް ބޭނުންވާ ސާމާނުގެ މިނޫން ބްރޭންޑްތަކުގެ އެއްޗެތިވެސް ރާއްޖޭގެ މާކެޓްގައި ލިބެން އެބަހުއްޓެވެ. ނަމަވެސް ކަނޑައެޅިފައިވާ ވަކި ބްރޭންޑިން ސްޓްރެޓެޖީއެއްގެ ތެރެއިން ބްރޭންޑް ކުރެވިފައި ނުވާތީ މިފަދަ އެއްޗެތީ ސިކުނޑީގައި ހަރުލާފައި ނުހުންނަނީއެވެ. ބްރޭންޑް ކުރުމާއި ނުކުރުމާއި ދެމެދު ހުންނަ ފަރަގަކީ މިއީއެވެ. ބްރޭންޑިންގ އާއި ގޭގައި ކުރައްވާ މަސައްކަތް ބްރޭންޑް ކުރެއްވުމުގެ މުހިންމު ކަމަކީ މިއީއެވެ. ވިސްނިވަޑައިގެންފި ނޫންތޯއެވެ.

އާދެ މިހާހިސާބުން މާކެޓިން އަށް ބަލާލަމާތޯއެވެ. އަޅުގަނޑު ކުރީގައި ލިޔުނު ލިޔުމެއްގައި މާކެޓިންގ އަކީ ކޮބައިކަމާއި މާކެޓް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައި ވާނެއެވެ. އެހެންކަމުން މިލިޔުމުގައި މާކެޓިންގ ގެ ތެރެއަށް މާބޮޑަކަށް ވަންނާކަށް އަޅުގަނޑު ނޫޅޭނަމެވެ. އެހެންނަމަވެސް ގޭގައި ތިއްބަވައިގެން ވިޔަފާރި ކުރައްވާބޭފުޅުންނަށްވެސް އެބޭފުޅުންގެ ވިޔަފާރި ހެޔޮގޮތުގައި މާކެޓް ކުރުމުގެ މުހިންމުކަމާއިމެދު ކޮންމެވެސް ވަރަކަށް ބަލާލުމަކީ މުހިންމުކަމެކެވެ. އާދެ މާކެޓިންގ އާއި ބެހޭ ފޮތްފޮތުގައި ބަޔާންކޮށްފައި ހުންނަގޮތުން މާކެޓްކުރުމަކީ މުދަލެއް ނުވަތަ ޚިދުމަތެއް އުފެއްދުމުގެ ޚިޔާލު އަންނަ ހިސާބުން ފެށިގެން އެމުދަލެއް ނުވަތަ ޚިދުމަތެއް ގަންނަ ފަރާތުގެ އަތްމައްޗަށް އަރަންދެން ކުރާ މަސައްކަތްތަކެވެ. ނުވަތަ ކަސްޓަމަރަކު ހޯދާ، އެފަރާތާއިއެކު އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރާ ހުރިހާ މަސައްކަތްތަކެވެ.

އެހެންކަމުން ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވިކަމުގައިވިޔަސް ތިޔަ އުފައްދަވާ މުދާ ނުވަތަ ޚިދުމަތް ހެޔޮގޮތުގައި މާކެޓް ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަކީ ވިޔަފާރީގެ މާކެޓް ފުޅާވެ ނަފާވެރިކަން އިތުރުވެގެން ދާނެ ކަމެކެވެ. ކުރީގައި އަޅުގަނޑު މިދަންނަވާލި މާކެޓް ކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ލިޔުނު ލިޔުމުގައި މާކެޓް ކުރުމުގެ 4 އަސާސް އެއްގެ ވާހަކަ ދަންނަވާލާފައިވާނެއެވެ.

އާދެ އެއްކަލަ ކޭކުއެޅުމުގެ ވިޔަފާރި މާކެޓް ކުރެއްވުމަށްޓަކައި މިދެންނެވުނު 4 އަސާސް ބޭނުންކުރައްވާނެ ގޮތުގެ މައްޗަށް ކޮންމެވެސް ވަރަކަށް ވިސްނާވަޑައިގެން މާކެޓިންގ ޕްލޭނެއް ހެއްދެވިދާނެއެވެ. އާދެ މުދަލެއް މާކެޓްކުރުމުގެ ޕީ އަކުރުން ފެށޭ ހަތަރު އަސާސް އެވެ. ޕްރޮޑަކްޓް ނުވަތަ އުފައްދާ މުދަލާއި، ޕްރައިސް ނުވަތަ މުދަލުގެ އަގާއި، ޕްރޮމޯޝަން ނުވަތަ މުދާ އިޝްތިހާރު ކުރައްވާނެ ގޮތާއި ޕްލޭސް ނުވަތަ މުދާ ގަންނަފާރާތާއި ހަމައަށް މުދާ ފޯރުކޮށްދޭނެ ގޮތެވެ.

މާކެޓް ކުރުމުގެ ޕްލޭންއެއް ރާވާލާއިރު އެންމެ މުހިންމު އެއްކަމަކީ މިދަންނަވާލެވުނު 4 ކަންތައްވެސް އެއްފެންވަރެއްގައި ހިފެހެއްޓެވުމެވެ. މިސާލަކަށް ޕްރޮޑަކްޓު ކަމަށްވާ ކޭކުގެ ފެންވަރާއި ރަހައާއި ޑެކަރޭޓްކޮށްފައިވާ މިންވަރާއި، ދެވަނަ އަސާސް ކަމުގައިވާ އަގާއި ދިމާނުވުމަކީ މައްސަލަތަކެއް ނުކުމެދާނެ ކަމެކެވެ.

މިސާލަކަށް އާދައިގެ ފެންވަރަކަށް ހަދާފައިވާ ކޭކެއް މާއަގުބޮޑުވެއްޖެނަމަ، އެގަންނަ ފަރާތަށް ހިތްނުތަނަވަސް ކަމެއް ލިބޭނެ ނޫންތޯއެވެ. މީގެ އަނެއްކޮޅުން ރަނގަޅު ފެންވަރެއްގެ ކޭކެއް މާ އަގުހެޔޮކުރުމަކީވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އިންސާނީ ތަބީޢަތަކީ އަގުހެޔޮ އެއްޗެކީ ދެރައެއްޗެއްކަމުގައި ދެކުމެވެ. މުހިންމު ކަމަކީ ކޭކުގެ ފެންވަރާއި އަގާއި އެއްހަމަ ކުރުމެވެ. ހަމަ މިގޮތަށް އަނެއް ދެ އަސާސް ވެސް މިފެންވަރުގައި ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ. ޕްރޮމޯޝަން އަށް ބަލާއިރު ފެންވަރު ރަނގަޅު ކޭކެއް ޕްރޮމޯޓް ކުރުމުގައި ހަމަ އެފެންވަރު ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ކުޑަ މިސާލަކަށް ބައްލަވާލައްވާނަމަ، ގޭތެރޭގެ އެކި މަސައްކަތްތައް އިޝްތިހާރުކުރުމުގެ މަޤްސަދުގައި ސައިކަލު ތަކުގެ ވަށިގަނޑު ތަކަށާއި މަގުމައްޗަށް ފޮޓޯކޮޕީ ހަދާފައި އަޅާފައި ހުންނަ ކަރުދާސްކޮޅު ތަކާއި މެދު ވިސްނާލައްވާށެވެ. އެފަދަ ކަރުދާސްކޮޅެއް ފެނުމުން އެވިޔަފާރިއަކާއި މެދު އަޅުގަނޑުމެން ދެކެނީ ކޮންފަދައަކުން ތޯއެވެ. ވީއިރު ތިބާގެ ކޭކު ވިޔަފާރި ޕްރޮމޯޓު ކުރުމުގައި ހިފަހައްޓަވާނެ މިންގަނޑާއި މެދު ވިސްނާވަޑައިގަތުމަކީ މުހިންމު ކަމެކެވެ.

އާދެ މިހާހިސާބުން ބްރޭންޑިންގ އަށާއި މާކެޓިންގ އަށް އެކުގައި ބަލާލަމާތޯއެވެ. އާދެ ތިބާގެ ކޭކު ވިޔަފާރި ބްރޭންޑް ކުރެއްވުމަށް ތިޔަ ވިސްނުން ގެންގުޅުއްވާ މިންގަނޑާއި ފެންވަރާއި ގަންނަމީހާގެ ސިކުނޑީގައި އުފައްދަވަން ތިޔަ ޚިޔާލުކުރައްވާ މަންޒަރާއި އެއްފެންވަރެއްގައި މާކެޓް ކުރެއްވުމަކީ މުހިންމު ކަމެކެވެ. މާކެޓް ކުރެއްވުމުގެ އަސާސް ތަކަށް ވިސްނާވަޑާއިގަންނަވާއިރު، ބްރޭންޑްގެ އިމޭޖަށް ވިސްނާވަޑާއިގަތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިލިޔުމުގައި އަޅުގަނޑު ޙަވާލާދީފައިވާ ކުރީގެ ލިޔުމުގައި ދަންނަވާފައިވާ ބްރޭންޑް މާކެޓް ކުރާގޮތާއި ބެހޭގޮތުން ލިޔެފައިވާ ބަޔަށް ވިސްނާވަޑައިގަތުމުން އަޅުގަނޑު މިދެންނެވި އެއްޗެއް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެއެވެ.

އާދެ ބްރޭންޑް ކުރުމާއި މާކެޓް ކުރުމާބެހޭގޮތުން މިދަންނަވާލި ވާހަކަތަކަކީ ކޮންމެހެން މާބޮޑު ޚަރަދުތަކެއް ކުރައްވަން ޖެހިވަޑައިނުގެންވެސް ކުރެއްވިދާނެ ކަންތައްތަކެއް ނޫންތޯއެވެ. މީގެތެރެއިން ގިނަ ކަންތައްތަކަކީ މިކަމާދޭތެރޭ ވިސްނާ ވަޑައިގެން އަމިއްލަފުޅަށްވެސް ކުރެއްވެވިދާނެ ކަންތައްތަކެވެ. އަދި ތިޔައުފައްދަވަން ޚިޔާލުކުރައްވާ ބްރޭންޑް ޕްރޮމޯޓް ކުރުމަކީވެސް މާބޮޑު ޚަރަދުތަކެއް ނުކުރައްވާ ކުރެއްވެވިދާނެ ކަންތައްތަކެވެ. ފޭސްބުކް ޕޭޖެއް ހެދުމާއި ޓްވިޓާ އާއި އިންސްޓަ ގްރާމް އެކައުންޓެއް ހެދުމުގެ ވާހަކަ ހަމަ އެއްވެސް ބޭފުޅަކަށް އިތުރަށް ދަންނަވަން ޖެހޭނެކަމަކަށް އަޅުގަނޑު ނުދެކެމެވެ. މި އިންޓަނެޓްގެ ޒަމާނުގައި މިދަންނަވާލެވުނީ ތިބާގެ ބްރޭންޑް ޕްރޮމޯޓްކުރުމުގައި ހިލޭވެސް ބޭނުންފުޅުކުރެއްވެވިދާނެ ބައެއް ވަޞީލަތްތަކެވެ.

ގޭގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މިލިޔުން ޚާއްޞަކުރި ކަމުގައިވީނަމަވެސް، މިލިޔުމުގައި މިވާ މަޢުލޫމާތުތަކަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ބޭނުންތެރި މަޢުލޫމާތުތަކެއް ކަމުގައި ވާނެއެވެ. މީގެ އިތުރުން މިލިޔުމުގައި މިސާލެއްގެގޮތުގައި އަޅުގަނޑު ކޭކުއެޅުމުގެ ވާހަކަ ދައްކާފައިވީނަމަވެސް، މިނޫންވެސް ކޮންމެކަހަލަ ވިޔަފާރިއެއް ކުރައްވާ ފަރާތްތަކަށްވެސް ބްރޭންޑިން އާއި މާކެޓިންގ ބޭނުން ހިއްޕެވިދާނެއެވެ.

ރާއްޖޭގައި ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެއް ތަކެއްޗަށް ވިސްނާވަޑައިގަންނަވާށެވެ. ޕާޓީއެއް ބާއްވަވަނީނަމަ، ހެދިކާ ހޯއްދެވުމާއި މެދު ވިސްނާވަޑައިގަންނަވާށެވެ. ބޭނުންފުޅުވަނީ ބަޖިޔާނަމަ، އެންމެ ފުރަތަމަ ސިކުނޑިއަށް އަންނަ އެއްނަމެއްކަމުގައި ވާނީ ހުސްނޫގޭ ބަޖިޔާ އެހެން ނޫންތޯއެވެ. ހަނޑުލުގުޅަ ހޯއްދަވަން ބޭނުންފުޅުނަމަ، ސާޓަނުގެއާއި ދިމާލަށް އެހެންނޫންތޯއެވެ. ބަތްޕާރުސަލެއް ބޭނުންފުޅުވާނަ ސީރާ އެހެންނޫންތޯއެވެ.

މިއީ މާބޮޑު ޕްރޮމޯޓްކުރުމެއްނެތި ބްރޭންޑަކާއި އެކު ހަމައެކަނި މާކެޓިންގެ 2 އަސާސްކަމުގައިވާ އުފައްދާ މުދަލުގެ ފެންވަރާއި އަގު އެއްފެންވަރެއްގައި ދެމެހެއްޓުމުގެ ނަތީޖާއެވެ. ވީއިރު ސްޓްރެޓެޖިކް ވިސްނުންފުޅެއްގައި ތިބާ ގޭގައި ކުރައްވާ ވިޔަފާރި ފުރިހަމަގޮތުގައި ބްރޭންޑްކުރައްވާ މާކެޓް ކުރެއްވުމުގެ ޕްލޭނެއް ތައްޔާރުކުރައްވާ އެޕްލޭންއާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރެއްވުމުން ތިބާގެ ވިޔަފާރިއަށް ލިބިގެންދާނެ ކުރިއެރުމާމެދު ވިސްނާވަޑައިގަންނަވާށެވެ.

ކޭކުއެޅުންފަދަ ވާދެވެރި މާކެޓް ތަކުގައި އެއްވެސް ފަރާތަކަށް މާބޮޑު އިތުރު ފައިދާއެއް ލާފައި ބޮޑު އަގުހެދުމަކީ މާފަސޭހަ ކަމެއްކަމުގައެއް ނުވާނެއެވެ. އެހެން ނަމަވެސް ސްޓްރެޓެޖިކް ބްރޭންޑިން ވިސްނުމެއްގެ ދަށުން މީހުންނަށް ވަކިކޮށް ދެނެގަނެވޭނެ ބްރޭންޑެއް އުފެއްދިއްޖަނަމަ، އެފަދަ ބްރޭންޑަކަށް އަގުހެދުމުގައި ތިބާގެ ވާދަވެރިންނާއި ތަފާތުކުރެވިދާނެއެވެ. މިސާލަކަށް މާލޭގެ ގިނަ ހޮޓާތަކާއި ހެދިކާ ވިއްކާ ތަންތަނުގައި، ގާތްގަނޑަކަށް ދޮޅު އިންޗި ހުންނަވަރުގެ ކުޅި ބޯކިބާ ފޮއްޗެއްގެ އަގަކީ 3 ރުފިޔާއާއި 5 ރުފިޔާއާއި ދެމެދުގެ އަގެކެވެ. އެހެން ނަމަވެސް ފެންޓަސީ ފަދަ ނަންމަޝްހޫރު ބްރޭންޑެއްގެ ބޭކަރީއިން މިވަރުގެ ބޯބިކާކޮޅެއް މިހާރުވެސް ވިއްކަނީ 7.5 ރުފިޔާއަށެވެ. ގަންނަން މީހުންތިބެނީ ކިއު ހަދާފައެވެ. ދެގަޑިއެއް ހާއިރު ތެރޭގައި ވިކި ހުސްވެއެވެ.

އާދެ ވަރަށް ގިނަ ތަފާތު ގޮތްގޮތަށާއި، ތަފާތު މިސާލުތަކާއިއެކު މިދަންނަވާލެވޭތޯ މަސައްކަތްކުރީ ބްރޭންޑް ކޮށް މާކެޓް ކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ. މަޢުލޫމާތުކޮޅުގެ ބޭނުންހިއްޕަވާ، އެކަމުން ތިބާގެ ވިޔަފާރިއަށް އިތުރު ނަފާވެރިކަން ލިބުން އެއީ އަޅުގަނޑު މިމަސައްކަތް ކުރުމުގެ ބޭނުންމެވެ.

އަލީ އާމިރު

އެޑިޓަރުގެ ނޯޓް: މ. އާސްތާނާ އަލީ އާމިރަކީ، ހިންގުމާއި މެނޭޖްމަންޓްގެ ދާއިރާގެ ތަޖުރިބާކާރެކެވެ. ސަރުކާރުގެ އިސް މަގާމުތަކެއްގައި ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އާމިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައި ވެއެވެ. ލިޔުއްވުމަކީ އޭނާގެ އާއިލާގެ ތެރެއިން އައިސްފައިވާ އޭނާގެ ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ.