ދުނިޔެ

ނޭޕާލްގެ ހަމައެކަނި ބިލިއަނަރަކު ދުބާއީގައި ލަގްޒަރީ ހޮޓަލެއް އަޅަނީ

Jun 20, 2016

ނޭޕާލްގައި ހުރި ހަމައެކަނި ބިލިއަނަރަކު ކަމަށްވާ ބީނަންދް ޗައުދަރީ ދުބާއީގައި ލަގްޒަރީ ހޮޓަލެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ޓްރޭޑް އަރަބިއްޔާގައިވާ ގޮތުން ސީޖީ ހޮޓެލް އެންޑް ރިސޯޓުގެ ވެރިޔާ އަދި ނޭޕާލްގައި ހުރި ހަމައެކަނި ބިލިއަނަރު ކަމަށްވާ ޗައިދަރީ ދުބާއީގައި އަޅަނީ އެންމެ ފެންވަރު މަތީގެ ހޮޓަލެވެ. ދުބާއީ ޖުމެއިރާ ލޭކް ޓަވާ ސަރަހައްދުގައި ތަރައްގީކުރާ މި ހޮޓަލުގެ މާގިނަ މައުލޫމާތެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް، ސީޖީ ހޮޓެލް އެންޑް ރިސޯޓުގެ ވިޔަފާރި ފުޅާާކުރުމާ ގުޅޭ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރު ރައުލް ޗައުދަރީ ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ ހޮޓެލް ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން ރުވާންޑާގައި ތަރައްގީކުރާ ހޮޓާ ވަރަށް އަވަހަށް ހުޅުވޭނެ އެވެ. މިގޮތުން މި ހޮޓަލުގައި ކުރިއަށް އޮތް އެފްރިކަން ޔޫނިއަން ކޮންފަރެންސް ވެސް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުބާއީގައި އާ ހޮޓާ ތަރައްގީކުރާ އުމުރުން 61 އަހަރުގެ ބީނަންދް ޗައުދަރީއަކީ ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނިފައިވާ މީހެވެ. އަދި މީއީ ނޭޕާލްގައި ހުރި އެންމެ މުއްސަނދި މީހާ އެވެ. މީނާގެ ޗައުދަރީ ގްރޫޕުގެ ދަށުގައި 80 ކުންފުންޏެއް ހިންގަ އެވެ. އަދި ރައުސުލްމާލު އެއް ބިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.