މީރާ

ޖީއެސްޓީ ނުދައްކާ 100 އަށްވުރެ ގިނަ ވިޔަފާރި

Jun 20, 2016
  • ޓޫރިޒަމް ދާއިރާގެ 13 ފަރާތެއް ހިމެނޭ
  • ނަން އާއްމުކުރީ އެފަރާތްތަކާ މުއާމަލާތް ނުކުރެވިގެން
  • ޖުމްލަ 110 ފަރާތެއް ހިމެނޭ

މުދަލާއި ހިދުމަތުގެ އަގުން ނަގާ، ޓެކްސް (ޖީއެސްޓީ) ނުދައްކާ 100 އަށްވުރެ ގިނަ ފަރާތުގެ ނަން މީރާ އިން އާއްމުކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ "ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ" ލިސްޓުގައި 110 ފަރާތެއްގެ ނަން އާއްމުކޮށްފައިވެ އެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 13 ފަރާތަކާއި މިނޫން 97 ފަރާތެއްގެ ނަން ހިމެނެ އެވެ.

މީރާ އިން އާއްމުކުރި މި ލިސްޓުގައި ރާއްޖޭގައި ފާހަގަކުރެވޭ ބޮޑު ވިޔަފާރިއެއް ނުހިމެނެ އެވެ. ނަމަވެސް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ގެސްޓް ހައުސްތަައް ހިމެނެ އެވެ.

ދައުލަތުގެ ޓެކްސް އިން ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

މީރާ އިން ބުނީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.