ދުނިޔެ

ނައިޓު ކްލަބަށް ހަމަލާދިން މަތީނަކީ އިސްލާމީ ހަނގުރާމަވެރިއެއް!

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގެ އޯލާންޑޯ ސިޓީގެ ގޭ ނައިޓް ކުލަބަށް ދިން ބަޑީގެ ވަރުގަދަ ހަމަލާގެ ފަހަތުގައިވާ އޯމާރު މަތީން، އޭނާ އަމިއްލައަށް ސިފަކުރީ "އިސްލާމީ ހަނގުރާމަވެރިއެއް" ގެ ގޮތަށް ކަމަށް އެފްބީއައިއިން ބުނެފި އެވެ.

ގޭ ނައިޓު ކުލަބަށް މަތީން ދިން ހަމަލާގައި 49 މީހުން މަރާލި އެވެ. އެ ހަމަލާދިން ވަގުތު މަތީން އާއި ފުލުހުންނާ ދެމެދު ކުރެވުނު ފޯނު ކޯލެއް އެފްބީއައިއިން ވަނީ އާންމުކޮށްފަ އެވެ. އޭގައި އޭނާގެ ވަނީ ސީރިޔާގައި ހިނގަމުންދާ ހަނގުރާމަ އާއި ފްރާންސްގެ ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާގެ ވާހަކަ ދައްކާފަ އެވެ. އަދި ފުލުހުންނާ ދެކެވުނު ވާހަކަތަކުގައި މަތީން އޭނާގެ އަމިއްލަ ނަފުސު ސިފަކޮށްފައިވަނީ "އިސްލާމީ ހަނގުރާމަވެރިއެއް" ގެ ގޮތުގައި ކަމަށް އެފްބީއައިއިން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ހަމަލާގައި މަތީން މަރުވުމުގެ ކުރިން ތިން ފަހަރެއްގެ މަތިން އޭނާ ވަނީ ފުލުހުންނާ ފޯނުން ވާހަކަ ދައްކާފަ އެވެ. އޭނާ ފުލުހުންނާ ވާހަކަ ދެއްކިއިރު ގިނަ އަދަދެއްގެ މީހުން ރަހީނުކޮށްފައި ތިއްބެވެ.

މި ހަމަލާގެ ޒިންމާ ވެސް އައިއެސް އުފުލި އެވެ. ނަމަވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެ ހަމަލާއާ އައިއެސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ވޮޝިންޓަންގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވެފައިވަނީ ބަޑި ޖެހި މީހާ އައިއެސްއާ ގުޅުން އޮތް ކަމަށް ފެތުރި ނަމަވެސް އޭނާއާ އައިއެސްއާ ސީދާ ގުޅުން އޮތް ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

މި ހަމަލާއަކީ މިހާތަނަށް އެމެރިކާގެ ތާރީހުގައި ވެސް ދެވުނު އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާ އެވެ. އަދި އެންމެ ގިނަ މީހުން މިފަހުން މަރުވި ހަމަލާ އެވެ.