މުހައްމަދު ނާޒިމް

ފިސްތޯލައިން ފެނުނީ އަދީބުގެ ޑީއެންއޭ: ނާޒިމްގެ ވަކީލް

  • ފްރޭމްކުރުމާ ރައީސްއާ ގުޅުމެއް ނެތް
  • ނާޒިމް މިހާރުން މިހާރަށް ދޫކުށްލަން ޖެހޭ
  • އަދީބުގެ މައްޗަށް ދައުވާކުރާނެ ކަމަށް ބެލެވޭ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކޮޓަރިކޮޅުން ފެނުނު ފިސްތޯލައިންގެ ފާޅުވި ޑީއެންއޭއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭއެއްކަން ފުލުހުންނަށް ސާބިތުކުރެވިފައިވާ ކަމަށް ނާޒިމްގެ ވަކީލް ހުސްނުއް ސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.

ހުސްނުއް ސުއޫދު އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަން ފުލުހުންނަށް ވެސް މިހާރު ސާބިތުކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގައި އަދީބަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ނާޒިމް ގެއިން ފެނުނު ފިސްތޯލައިން ފެނުނު ފިންގަޕްރިންޓް ނާޒިމާއި ނާޒިމްގެ އަންހެނުން އަފާފްއާ ވެސް ދިމަލެއް ނުވެ އެވެ. މިއީ ނާޒިމް ފްރޭމްކުރި ކަމަށް ބުނެ ނާޒިމްގެ ފަރާތުން ދަށު ކޯޓާއި ސުޕްރީމް ކޯޓުގައިވެސް ފާހަގަކޮށްފައިވާ ނުކުތާއެކެވެ.

މިއަދު ސުޕްރީމް ކޯޓުގައި އޮތް މި މައްސަލާގެ އަޑުއެހުމުގައި ދައުލަތުން ވެސް ވަނީ އެ ޑީއެންއޭގެ ތަހުލީލުތައް އެއްކޮށް ނުނިމޭ ކަމަށް ބުނެފަ އެވެ. ސުއޫދު ވިދާޅުވީ، ދައުލަތުން އެގޮތަށް މިއަދު ބުނުމުން އެކަން ކަމާބެހޭ ފަރާތްތަކުން ސާފުކޮށްފައިވާނެ ކަމަށެވެ. އަދި އެނގުނީ އެ ޑީއެންއޭ ސާންޕަލްތައް ދައްކާ ގޮތުގައި ތިންވަނަ ފަރާތަކާ ގުޅޭ ކަމަށް ކަމަށެވެ.

"ހަތިޔާރުން ނެގި ޑީއެންއޭ ދިމާވާ ބޭފުޅަކީ އޭރުގެ މިނިސްޓާ އޮފް ޓޫރިޒަމް އަހުމަދު އަދީބު، ނާޒިމްގެ ގެއަށް ހަތިޔާރު ވެއްދި މީހަކީ އަދީބުކަން ފުލުހުންނަށް ސާބިތުވާތީ މާދަމާ ފުލުހުން ފޮނުވާނެ އަދީބަށް ދައުވާކޮށްދިނުމަށް އެދި،" ސުއޫދު ވިދާޅުވި އެވެ.

ނާޒިމް ފްރޭމްކޮށްފައިވަނީ އަދީބު ކަމަށް މީގެކުރިން ވެސް ޝަރީއަތުގެ މަޖިލީހުގައި އެތައް ފަހަރަކު ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އޭރު އެކަމަށް ހެއްކެއް ދެއްކިފައެއް ނުވެ އެވެ. ބ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ނާޒިމް ވަނީ ކޯޓުގައި ފާހަގަކޮށްފަ އެވެ.

ކެޕްޓަން އަލީ އިހުސާން ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައަކީ އެމްއެެންޑީއެފްގެ ފިސްތޯލައެއް ކަމަށް ގަބޫލުކުރެވޭ ހެކި ބަސް ދެއްވަމުން ކަމަށް ވިދާޅުވެފައިވާއިރު ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުމާ ގުޅިގެން ބަޑި ގުދަނުގެ ހާއްސަ އޮޑިޓެއް ވަނީ ކޮށްފައިވެ އެވެ.

އެ އޮޑިޓާ ގުޅޭ ގޮތުން އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލާގައި ސިއްރު ހެކިވެރިޔަކު މައުލޫމާތު ދީފައިވެ އެވެ. އެ ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެ އޮޑިޓުން ބަޑި ގުދަނުން ހަތިޔާރު މަދުވިކަމުގެ މައުލޫމާތު ހެކިވެރިޔާއަށް ލިބުނެވެ. ހަތިޔާރު މަދުވި މައްސަލަ ތަހުގީގު ކުރުމަށް ހެކިވެރިޔާ މަސައްކަތްކުރުމުން އަދީބުގެ ފަރާތުން އޭނާއަށް ދެފަހަރެއްގެ މަތިން އިންޒާރު ލިބުނު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ފަހުން ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ސިފައިންގެ ބަޑި ގުދަނުން ގިނަ އަދަދެއްގެ ހަތިޔާރު މަދުވެފައިވާ ކަމާއި ހިބަޅިދޫއިން ގިނަ އަދަދެއްގެ ހަތިޔާރު ފެނިފައިވެ އެވެ. ހިބަޅިދޫއިން ފެނުނު ހަތިޔާރުތަކާ އަދީބާ ގުޅުމެއްވާ ކަމަށް ތުހުމުތަކުރެވެ އެވެ.

ސުއޫދު ވިދާޅުވީ، ނާޒިމް ފްރޭމްކޮށްފައިވާކަން ފުލުހުންނަށް ވެސް ސާބިތުވެފައިވާ ކަމަށާއި އެހެންކަމުން ނާޒިމް މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. ނާޒިމަކީ އެއްވެސް ކުށެއް ނެތް މީހެއް ކަމަށެވެ.

އިތުރަށް ސުއޫދު ވިދާޅުވީ، ނާޒިމް ފްރޭމްކުރުމުގައި އަދީބު ބައިވެރިވާކަން ސާބިތިވި ނަމަވެސް މިކަމުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައިނުވާ ކަމަށެވެ. އަދި ޝަރީއަތުގެ ބޭރުން ސަރުކާރާއި ނާޒިމްއާ ދެމެދު މަޝްވަރާތަކެއް ކުރެވޭ ވާހަކަތައް ސުއޫދު ވަނީ ދޮގުކުރައްވާފަ އެވެ. ސުއޫދު ވިދާޅުވީ، ޝަރީއަތުގެ ބޭރުން ސަރުކާރާ އެއްވެސް ވާހަކަތަކެއް ދެކެވެމުންނުދާ ކަމަށެވެ.

"ރައީސް ޔާމީންގެ އިންވޯލްމެންޓެއް މިކަމުގައި އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ނުބެލެވޭ، ދެން ތަހުގީގު އެއްކޮށް ނިމުނީމަ އެނގޭނީ، މިކަމުގައި ބައިވެރިވަނީ އަދީބާއި ހުސެއިން ވަހީދު އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު،" ސުއޫދު ވިދާޅުވި އެވެ.

ނާޒިމްގެ ގެއަށް ފިސްތޯލަ ވެއްދީ އާސިފު ކިޔާ ފުލުހެއް ކަމަށާއި އޭނާ އެ ފިސްތޯލަ ވައްދާފައި ވަނީ އަންބޮނޑިއަށްޖަހައިގެން ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވެ އެވެ. އާސިފު އެ ފިސްތޯލަ ނާޒިމް ގެއަށް ވައްދާފައިވަނީ އަދީބު ވިދާޅުވެގެން ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުގައި ސުއޫދު އިތުރަށް ވިދާޅުވެފައިވަނީ ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ރޭ، ދާހިތްލާ ފޯވެފައި ހުންނަވައިގެން ކުރީގެ ސީޕީ ހުސެއިން ވަހީދު، އޭރުގެ ޕީޖީ މުހުތާޒު މުހުސިންގެ އަރިހަށް ވަޑައިގެން ނާޒިމް އޭނާ މަރާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ހުސެއިން ވަހީދަށް ދީފައިވަނީ އަދީބު ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ، މުހުތާޒާއި ހުސައިން ވަހީދު އެރޭ ކާރަކަށް އަރައިގެން އަދީބު ކައިރިއަށް ވަޑައިގެން އެ ތިން ބޭފުޅުން ނާޒިމް ހައްޔަރުކުރި ވަގުތު އެ ގޭ މަގުގައި ކާރުގައި މަޑުކޮށްގެން ތިއްބެވި ކަމަށެވެ.

ނާޒިމްގެ ގެއިން ހަތިޔާރު ފެނިގެން ނާޒިމް ހައްޔަރުކުރާނެކަން އަދީބު ނޫސްވެރިންނަށް އަންގައި، އެ ގޭ ދޮށަށް ނޫސްވެރިން ފޮނުވިކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.